އިބޫގެ މައްޗަށް އަންނިއަށް ކުރިހޯދޭނީ ހުވަފެނުން
އެކީ ތިބި އެންމެންހެން އަންނި ދޫކޮށްލައިފި
ލޮނދި ހިކައެއްހެން އަންނި އަތުން އެމްޑީޕީ ދޫވެގެން އެހެރަ ދަނީއެވެ. ޕާޓީ މުށުތެރޭގައި ބާއްވަން ކުރިން ކުޅުނު ޑްރަމާ މިހާރު ކުޅެގެން ކޮންމެ ފަހަރަކު ގޮއްވާލަނީ އަމިއްލަ އަތަށެވެ. ޕާޓީގެ އިސްސަފުގައި އުޅުނު އެންމެން ކަތިލާ އަޅާލިގޮތް ބަލަން ތިބި މީހުން އަންނިގެ ގޭމް ޕްލޭން ދަސްކޮށް ފިއެވެ. އެ ކެއްސެއް އަބަދަކު އެންމެންނަކަށް ނުދެވޭނެއެވެ.
އާނއެކެވެ. އަންނިގެ ހީލަތާ މަކަރުން ސަންދާނު މީހުންގެ ދުވަސް ދުއްވާލިއެވެ. އިބްރާއާއި މުނައްވަރާއި ވަހީދުގެ މަގުބޫލުކަން ވެއްޔާ މޮޑެލިއެވެ. މުހައްމަދު ޝިހާބާއި ގޯގޯލަތީފާއި އިބްރާހީމް ހުސައިން ޒަކީގެ ވާގި ނައްތާލިއެވެ. އަލްހާނާއި އަލީވަހީދާއި ޑރ.ޑީޑީއާއި ބަކީ ކޮށްލިއެވެ. އިލްޔާސް ހުސައިން އިބްރާހީމާއި ފުރަހަނި ޝުއައިބާއި މީމު ސައްޕޭއާއި ހިސްޓޯއާއި އަދުނާން ހަލީމެއް މިއަދަކު ނެތެވެ.
ނޭނގުނު ކަމަކީ ކަންކަން އަބަދު އެއްގޮތަށް ނޯންނާނެ ކަމެވެ. މަހެއް ފަހަލާނެ މަހެއް ހުރެދާނެއެވެ. ކަޅުއޮށު ބަނޑުދަށުން ކޮރަކަލި ބޮޑުވެ ކަޅުއޮއް ކާލާކަން ނޭނގުމަކީ މޮޔަކަމެވެ. ބޭޒާރުކޮށް ބޭކާރުކޮށް ފޮނުވާލުމަށްފަހު ބުނެ ކިޔައިގެން ރަނިންގ މޭޓަކަށް ވަހީދު ގެނެސް ރަނިންގ މޭޓްކަން ދިނުމުން ދިން ކެހި ހަނދާން ހުންނަންވާނެއެވެ. އެކަމަކު ޑރ. ވަހީދުގެ ބަދަލު ހިފުމުން ރަނގަޅު ފިލާވަޅެއް ލިބުމުން އަދިވެސް ތިޔަ އުޅެނީ މައިތިރި ނުވެވިގެންނެވެ.
އެކަކަށް އެކައްޗެއް ވެސް މިހާރަކު އޮޅިފައެއް ނެތެވެ. ތިޔަހެން އުޅެއުޅެ ހުއްޓާ އެކީ ތިބި އެންމެންހެން އަންނި ދޫކޮށްލައިފިއެވެ. ނައިބު ކަލޭގެވެސް އެހުރީ އެއްވަލަށް ހަދައިގެނެވެ. ޕާލަމަންޓުގެ ބާރު އަތުން ހިނގައްޖެއެވެ. ގައުމީ މަޖީލީހުގެ ކޮންޓްރޯލު ގެއްލިއްޖެއެވެ. ސެކްރެޓެރިއޭޓް ވެސް އަތުން ދޫވެއްޖެއެވެ. ކުރަން އުޅޭ އެއްކަމެއް ވަނީއެއް ނޫނެވެ. ޕާޓީ ގަނޑު އަތުން ބީވެ މަގުމަތިވެ ނިމެނީއެވެ. ޕާޓީ ތެރެއިން ރޮޒޭނާއާއި ފައްޔާޒު މައްޗަށް ކުރި ނުހޯދުނެވެ. ތިޔަ ވަރުން ދަންޏާ އިބޫގެ މައްޗަށް އަންނިއަށް ކުރި ހޯދޭނީ ހުވަފެނުންނެވެ.