މޮޅުކުއްޖަކަށް ހެދުމަށް ކުއްޖާ ހަލާކޮށްނުލާ!

މޮޅުކުއްޖަކަށް ހެދުމަށް ކުއްޖާ ހަލާކޮށްނުލާ!

ދިރާސީ އަހަރެއް ނިމި އާދިރާސީ އަހަރެއް އޯގަސްޓްމަހުގެ ތެރޭގައި ފެށޭއިރު ކޮންމެ ކުއްޖަކާ މެދުވެސް ބެލެނިވެރިން އުއްމީދު ކުރަމުން ދާނީ ނިމިގެން ދިޔަ ދިރާސީ އަހަރަށް ވުރެ ކާމިޔާބު އަހަރެއްގެ ގޮތުގައި ކުރިޔަށް އޮތް އަހަރު ހެދުމަށެވެ. ދިރާސީ އަހަރު ނިމުމުގެ މާކުރިން ވެސް ބެލެނިވެރިން މިކަމާ ވިސްނައި އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ އެންމެ އެކަށިގެންވާ ރަނގަޅުގޮތް ހޯދާނެއެވެ. މިގޮތުން ދަރިވަރުންނަށް ޗުއްޓީވުމާއެކު ގިނަ ބެލެނިވެރިން ޗުއްޓިތެރޭގައި ވެސް ކިޔެވުން މެދުކަނޑާނުލުމުގެ ގޮތުން  ތަފާތު ޕްލޭންތައް ހަދާ އެގޮތަށް ޢަމަލު ކުރަމުން ދާނެއެވެ. އެއީ ސަބަބުތަކެއްވެސް ހުރުމުންނެވެ. ތިމާގެ ދަރިފުޅު މޮޅު ކުރުމަށްޓަކައެވެ. ދުނިޔޭގެ ފެންވަރުގަޔާއި ގައުމީ ފެންވަރުގައެވެ. އަދި ސްކޫލްގެ ފެންވަރުގައިވެސްމެއެވެ. އެހެންކަމުން މިޢަޒުމުގައި ބެލެނިވެރިން އެމީހުންގެ ދަރިން އުގެނުމުގެ ގޮތުން އެންމެ މޮޅު ދަރިވަރަށް ހެދުމަށްޓަކައި ހުވަފެންތަކެއް ދެކެއެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އުގެނުމުގެ ގޮތުން އެކަންޏެއް ނޫނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އެހެންކަމުން އެއްކުއްޖަކަށް ކަނޑައަޅާ ޓާރގެޓް އަނެއްކުއްޖަކަށް ހަމަ އެފެންވަރުގައި ވުމަކީ ވެގެންވާނެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. ތިމާގެ ދަރިފުޅަށް ލިބިފައިވާ ގާބިލްކަމަކީ އެހެން ކުދިންގެ ކިބައިންވެސް ފެނިގެން ދާންޖެހޭނެ ކަމެއްގެ ގޮތުގައި ދުށުމަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ވަރަށް ބޮޑު އަމާނާތެކެވެ. އެއަމާނާތަށް އަޅުގަނޑުމެން ރައްކާތެރިވާން ޖެހޭނެއެވެ. އެދަރިންނަށް ކޮށްދެވެން ހުރި ހުރިހާކަމެއް އެބައެއްގެ ފެންވަރުން ކޮށްދޭންވާނެއެވެ. އޭގެ މާނަޔަކީ ދަރިފުޅުގެ ކިބައިގައި ނެތް ހުނަރެއް ނުވަތަ ގާބިލްކަމެއް ހޯދުމަށްޓަކައި އެދަރިފުޅުގެ ސިނކުޑީގައި ނެތް ފެންވަރުން މަސައްކަތް ކުރުމަށް ބާރު އެޅުމެއް ނޫނެވެ.

ދިރާސީ އަހަރަކަށް ކުރިމަތިލާއިރު ދަރިވަރުން އިތުރަށް މޮޅު ކުރުމަށްޓަކައި އެ ދަރިފުޅު ބަދަލުވީ ގްރޭޑްގެ ފޮތްތައް އެހެން ކުއްޖެއްގެ އަތުން ހޯދާ ބެލެނިވެރިންވެސް މަދެއް ނޫނެވެ. މިކަން މިގޮތަށް ކުރުމުގެ ބޭނުމަކީ އެ ގްރޭޑަށް ދާއިރު ދަރިފުޅު އިތުރަށް މޮޅުކުރުމެވެ. ކިޔެވުން ފެށޭއިރުވެސް ނަގައިދެވޭ ފިލާވަޅުތައް ދަރިފުޅަށް އެނގިފައި ހުރުމެވެ. މިފަދަ ކަންކަމަކީ އޭގެ ސަބަބުން ދަރިފުޅަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުންވެސް ލިބިދާނެ ކަންކަމެވެ. ސަބަބަކީ ފިލާވަޅު ކުރިޔަށް ނަގައިދީ މަސައްކަތް ފުރިހަމަ ކުރުވުމުން ދަރިފުޅު ކުލާހުގައި ފިލާވަޅަށްދޭ ސަމާލުކަން ކުޑަވުމެވެ. ޓީޗަރު އޮޅުންފިލުވާ ދޭއިރު ކަނުލާ އަޑު އަހަން ބޭނުން ނުވުމެވެ. ޓީޗަރުގެ އޮޅުންފިލުވައި ދިނުމުގައި ބުނެދޭ މަޢުލޫމާތު ދޭހަ ނުވުމެވެ. ދަރިފުޅަށް ކުލާހުގައި ހޭދަ ކުރަންޖެހޭ ވަގުތު ގިނަކަމުގެ އިހުސާސް ކުރެވުމެވެ. ފޫހިވުމެވެ. އަދި އޭގެ ސަބަބުން ބައެއްފަހަރު އެހެންކުދިންނަށް އުދަގޫކޮށްލާ ނުވަތަ ކުލާހުގައި މަޑުން ނުހުރެވުމެވެ. މިދެންނެވިފަދަ ކަންކަމީ ދަރިފުޅަށް ކުރާފައިދާއަށްވުރެ ގެއްލުން ބޮޑު ކަންކަމެވެ. ވުމާއެކު ދަރިފުޅު މޮޅުކުރުމަށްޓަކައިވެސް މިފަދަ ކަންކަން ކުރުމަކީ އެންމެ ރަނގަޅު ކަންކަމެއް ނޫނެވެ.

ދަރިންގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އަހަރު ފެށެންވާއިރަށް ޓިޔުޝަންދޭނެ ޓިޔުޓަރެއް ހޯދުމަކީވެސް ވަރަށް ގިނަ ބެލެނިވެރިންގެ ވިސްނުމެކެވެ. މިގޮތުން ޓިޔުޝަން ދިނުމަށްޓަކައި ވަކި އުމުރެއް ވަކި މާއްދާއެއް ނެތެވެ. ޕްރީސްކޫލްގެ އުމުރު ފުރާއިން ފެށިގެންގޮސް މަތީ ސާނަވީއާއި ހަމައަށެވެ. މީވެސް ބެލެނިވެރިން ވިސްނާލަންޖެހޭ ވަރަށް މުހިއްމު ކަމެކެވެ. ޕްރީސްކޫލް ދަރިވަރެއްގެ އުމުރު ދެ އަހަރު ބައިން ފެށޭއިރު ދަރިފުޅުގެ ސިކުނޑީގެ ވިސްނުން ތަރައްގީވެފައިވަނީ ނުވަތަ ސިކުޑީގެ ކެޕޭސިޓީއަކީ ކިހާވަރެއްތޯވެސް ބަލާލަން ޖެހެއެވެ. ސްކޫލްގެ ދަންފަޅި ނިމިގެން މިދެންނެވި ތުއްތު ކުއްޖާ ގެޔަށް އައިސް ޤުރުއާން ކުލާހަށް ދާންޖެހެއެވެ. ތާނަ ދަސްކުރުމަށް ދިވެހި ޓިޔުޓަރ ގާތަށް ދާންޖެހެއެވެ. އިގިރޭސިބަސް ދަސްކުރުމަށް އިގިރޭސި ޓިޔުޓަރ ގެއަށް ދާން ޖެހެއެވެ. މީގެ އިތުން ކެމްބްރިޖް ލެވެލްގެ ފައުންޑޭޝަން ކުލާސްތައް ހިންގާ ސެންޓަރު ތަކަށް ދާންޖެހެއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. މީ ފައުންޑޭޝަން ސްޓޭޖްގެ ތުއްތު ދަރިފުޅުގެ ޝެޑިޔުލްއެވެ. ބޭނުމަކީ މަތީގްރޭޑްތަކަށް ދާންވާއިރަށް ވަރަށް މޮޅު ކުއްޖަކަށް ހެދުމެވެ. އެހެންނަމަވެސް އެކުއްޖެއްގެ ސިކުނޑިއާއި އެކަށީގެން ނުވާވަރަށް މަސައްކަތް ކުރަންޖެހޭނަމަ ނަތީޖާއަކަށްވާނީ ދަރިފުޅުގެ ސިކުޑީގައި ހާސްކަން އިތުރުވެ ދަރިފުޅަށް ލިބިފައިވާ ގާބިލްކަމުގެ މިންވަރުވެސް ބޭނުން ނުކުރެވި ދިއުމެވެ. އުގެނުމަށް ފޫހިވުމެވެ. މިއީ ހަމަ އެކަނި ފައުންޑޭޝަންގެ މަރުހަލާގެ ދަރިވަރުންނަށް އޮތްކަމެއް ނޫނެވެ. ފަށާތަޢުލީމާ ސާނަވީއާއި މަތީ ސާނަވީ ދަރިވަރުންގެ ހާލަކީވެސް މިއެވެ. ވުމާއެކު ކޮންމެ ބެލެނިވެރިޔަކުވެސް ވިސްނަންވީ ޓިޔުޝަން ކޮންމެހެން ނަގަންޖެހޭ މިންވަރަށް ދަރިފުޅުގެ ހާލަތު އައިސްގެން މެނުވީ އެކަން ނުކުރުމަށެވެ. ތިމާގެ ދަރިފުޅަށް ތިމާ ނުދިން ލޯތްބާއި އަޅާލުން ދޭނީ އެހެން ކާކުހެއްޔެވެ؟