މެޓަބޮލިކް ހެލްތު: އެނގެނީ ކިހާވަރަކަށް
މެޓަބޮލިކް ހެލްތަކީ ޖުމްލަ ސިއްހަތާއި ދުޅަހެޔޮކަމުގެ އަސާސް
- މެޓަބޮލިޒަމް ނުވަތަ މެޓަބޮލިކް ހެލްތުގެ ވާހަކަ ކިހާވަރަކަށް ދެނެވަޑައިގަންނަވަމުތޯ
- ސިއްހަތު ރަގަޅަށް ބެހެއްޓޭނީ މެޓަބޮލިކް ހެލްތު ރަގަޅު ކުރެވިގެން.
- ހިލް ހިލްމީ -
"މެޓަބޮލިޒަމް" އަކީ ހަށިގަނޑުގެ ކޮންމެ ސެލްއަކަށް ބާރު ދިނުމަށްޓަކައި އަހަރެމެން ކާ ކާނާއިންނާއި މާހައުލުން ހަކަތަ އުފައްދާ އަޅުގަޑުމެންގެ ހަށިގަނޑުގައި ގާއިމުވެފައިވާ ސެލިއުލަރ މެކޭނިޒަމެކެވެ ނުވަތަ ނިޒާމެކެވެ. އަޅުގަޑުމެންގެ ސިއްހަތު އެންމެ ފުރިހަމައަށް ހުންނާނީ މި ނިޒާމް ނުވަތަ މެޓަބޮލިޒަމް ރަގަޅަށް އޮމާންކަމާއެކު ހިނގާއިރުއެވެ. ކުރުގޮތަކަށް ދަންނަވާނަމަ ސިއްހަތު އެންމެ ރަގަޅަށް ހުންނާނީ މީހެއްގެ މެޓަބޮލިކް ހެލްތު ރަގަޅު ވުމުންނެވެ. ހަށިގަނޑުގެ ހުރިހާ ސެލްތަކަށްވެސް އެ ސެލްތަކުން ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ހަކަތަ ބޭނުންވެއެވެ. މެޓަބޮލިކް ހެލްތަކީ ޖުމްލަ ސިއްހަތާއި ދުޅަހެޔޮކަމުގެ އަސާސެވެ.
މެޓަބޮލިކް ހެލްތު ރަނގަޅު ކުރަންޖެހެނީ ކީއްވެ
• މުޅި ދުވަހު މީހާގެ ހަކަތަ އެއްމިންގަނޑެއްގައި ބެހެއްޓުމަށާއި އެކު ވިސްނުމުގެ ތޫނުފިލިކަން ހެޔޮމަގުގައި ބެހެއްޓުމަށް
• ދެމެހެއްޓެނިވި ގޮތެއްގައި މެދު ނުކެނޑި ކަސްރަތު ކުރުމުގެ ގާބިލުކަން ހަށިގަނޑުގައި ބެހެއްޓުމަށާއި ސަރުބީ އަންދާނެ ގާބިލުކަން ހަށިގަނޑުގައި ގާއިމުކުރުމަށާއި އަދި އެންމެ ރަގަޅު ބަރުދަނުގައި ހަށިގަނޑު ބެހެއްޓުމަށް.
• ރަގަޅު މޫޑެއްގައި ހުރުމަށް ނުވަތަ ކަންބޮޑުވުމާއި ހާސްކަން ކުޑަކުރުމަށް – މިކަން ހަމައިގައި ބެހެއްޓުމުން ހަށިގަނޑަށް ދިމާވާ އެކިއެކި އުނދަގުލުގެ ތެރޭގައި ރިއްސުމާއި ހަންގަނޑަށް ދިމާވާ އެކިއެކި ކަންކަން ކޮންޓްރޯލްގައި ބެހެއްޓޭ.
• ދަރިމައިވުމުގެ ބާރު ރަނގަޅު ކުރުމަށާއި ޖިންސީގުޅުމުގެ ސިއްހަތު ގަދަ ކުރުމަށް
• ހަކުރު ބަލި، ފަލަވުން، ލިވަރ ދުޅަވުން ނުވަތަ ފެޓީލިވަރ ބަލި، ސްޓްރޯކް، ހިތުގެ ބަލިތަށް އަދި މިނޫންވެސް މިބާވަތުގެ ބޮޑެތި ބަލިތަކުގެ ތެރެއިން ކެންސަރުފަދަ ބަލިތަކުން ދިފާއުވެ ހުރުމަށް
މެޓަބޮލިކް ހެލްތަކީ ކޮބާ
ކްލިނިކަލް ހަމައިން ބުނާނަމަ، މެޓަބޮލިކް ހެލްތު މާނަ ކުރެވެނީ ލޭގައި ހަކުރު ހުރި މިންވަރާއި، ޓްރައިގްލިސެރައިޑްސް (ލޭގައި ދައުރުކުރާ ލިޕިޑް ނަމަކަށްކިޔާ ސަރުބީގެ ބާވަތެއް) ހުރިގޮތާއި އެޗް.ޑީ.އެލް ކޮލެސްޓްރޯލް ހުރިވަރާއި ލޭގެ ޕްރެޝަރު އަދި އުނަގަނޑުގެ ވަށައިގެންހުންނަ މިން ހަމައެއްގައި ހުރުމާއި ނުހުރުމުގެ މައްޗަށް ބިނާވާ މިންގަނޑެކެވެ.
މީގެ ރަގަޅު މިންގަނޑުން ނެއްޓުނީމަ އެކަމަށް ކިޔާނަމަކީ މެޓަބޮލިކް ސިންޑްރޯމް އެވެ. މި ސިންޑްރޯމް ގައި ހުރިމީހަކަށް ބެލެވެނީ ތިރީގައި މިވާ ކަންކަމުގެ ތެރެއިން ތިންކަމެއް ނުވަތަ އެއަށްވުރެ ގިނައިން ފެންނަން ހުރުމުންނެވެ.
• އަންހެނަކު ނަމަ އުނަގަނޑުގައި 35 އިންޗި ހުރުމުން، ފިރިހެނަކު ނަމަ 40 އިންޗި ހުރުމުން
• ނުކައިހުރެ ނުވަތަ ފާސްޓިން ބްލަޑް ޝުގާރގައި 100 mg/dL ހުރުން
• އެޗް.ޑީ.އެލް ކޮލެސްޓްރޯލް 40 mg/dL އަށްވުރެ ދަށްވުން
• ޓްރައިގްލިސެރައިޑްސް 150 mg/dL އަށްވުރެ މަތިވުން
• ލޭގެ ޕްރެޝަރ 130/85 ގައި ނުވަތަ އެއަށްވުރެ މަތިވުން
މެޓަބޮލިކް ހެލްތު ރަގަޅު ކުރެވޭތަ
މެޓަބޮލިކް ފިޓްނަސްއަކީ އޭގެ ޒާތުގައި އަޅުގަޑުމެންނަށް ވާރުތަކޮށްފައި ނުވަތަ އުފެދުމުގައި ހަމައެއްގެމަތިން ލިބިފައިވާ އެއްޗެއްނޫނެވެ. ވަކި ހަމަތަކެއްގެ މަތީން ކުރެވޭ ތަމްރީނުތަކެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް ނުވަތަ ބޭރުފުށުން ފެންނަ ސިފަތަށް ރަގަޅު ކުރެވޭ ފަދައިން މެޓަބޮލިކް ފިޓްނަސްއަކީވެސް މަސައްކަތުން ވިސްނުންތެރިކަމާއިއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލަކުން އެގޮތުގައި ދެމިހުރެގެން ރަގަޅުކުރެވޭ ކަމެކެވެ.
ލިޔުން ތެރިޔާގެ ނޯޓް: އެގޮތުން ކަންކުރަންވީ ގޮތާއިމެދު ދެން ހުށަހަޅާ ލިއުމުގައި ގެނެސްދޭނަމެވެ.