މެޓަބޮލިކް ސިއްހަތަށް ރަނގަޅީ ވައްޓަފާޅި ބަދަލުކުރުން
ބޭނުންވާ ވިޓަމިނާ މިނެރަލްސް ލިބެންޏާ "ޖަންކް ފުޑް" ކަވައިގަތުން އެކުގައި ފިލައިދޭ
މެޓަބޮލިކް ސިއްހަތު ރަގަޅުކުރެވިގެންނޫނީ އެއްވެސް ބައްޔަކަށް ދާއިމީ ފަރުވާއެއް ނެތެވެ.
~ ހިލް ހިލްމީ ~
ފިޒިކަލް ފިޓްނަސް ފަދައިން މެޓަބޮލިކް ހެލްތު ނުވަތަ މެޓަބޮލިކް ފިޓްނަސް ރަނގަޅު ކުރެވޭނީވެސް އެއްގޮތަކަށް ތަރުތީބެއްގެ މަތީން ކުރާ މަސައްކަތަކާއިއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެންނެވެ. ދުވުމުގެ ޕްރޮގްރާމެއް ފެށުމުން ބުންވަރަށާއި ދުވުމުގެ ފެންވަރަށް ކުރިއެރުން އިތުރުވާ ފަދައިން، ލައިފްސްޓައިލް ނުވަތަ އުޅުންބުޅުން ބަހައްޓާ ގޮތަކުންނާއި އެކު ކެއުންބުއިމަށް ވެސް ގެންނަ ބަދަލަކުން ކާޑިއޯމެޓަބޮލިކް ސިއްހަތާއި ހަށިގަނޑުގެ ކޮމްޕޮޒިޝަން އަދި މޫޑަށް ހެޔޮ ބަދަލުތަކެއް އަންނަންފަށައެވެ. މެޓަބޮލިކް ފިޓްނަސް މަޑުމަޑުން ރަނގަޅުވާން ފަށައެވެ. އެހެން ނަމަވެސް ދުވުން ހުއްޓާލުމުން ދުވުމުގެ ފެންވަރު ވެސް ދަށްވާ ފަދައިން މިދެންނެވި ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ކެއުމުގެ ހަމަތަށް ދޫކޮށްލުމުން ނުވަތަ މިދެންނެވި ހެޔޮ އާދަކާދަތަށް ހުއްޓާލައިފި ނަމަ ވަގުތު ފާއިތު ވަމުން ދާވަރަކުން ކުރިން ހެޔޮ ބަދަލު ގެނެވުނު މެޓަބޮލިކް ފިޓްނަސް ވެސް ދަށްވާން ފަށައެވެ.
މެޓަބޮލިކް ސިއްހަތު ރަގަޅު ކުރުމަކީ ނުވާވަރު ބުރަބޮޑު ކަމެއްނޫނެވެ. ސިއްހަތަށް ކަމުދާކަހަލަ ފައިދާހުރި ތަރުކާރީގެ ބާވަތްތައް ކެއުން އާދަކުރުމާއި ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅަކު ހިނގާލުމާއި ނިދުމުގެ އާދައަށް ބަދަލު ގެނައުމުން ދުވަހެއް ދުވަހަކަށް ސިއްހަތު ދާނީ ރަގަޅު ވަމުންނެވެ. ވިސްނުމުގައި ބަހައްޓައިގެން އެންމެ ސަމާލުކަން ދޭންޖެހޭ ކަމަކީ ޕްރޮސެސްކުރި (ބަންދުކޮށްފައި ހުންނަ) އެއްޗިއްސާއި މުޅިން ދުރުވުމާއި ތެލުލި އެއްޗިހި ކެއުން ހުއްޓާލުމެވެ. މިކަން ނުކުރާންވީ ސަބަބެއްނެތެވެ. އެހެނީ މިއިން އެއްވެސް ބާވަތެއްގެ ކާނާއަކީ ހަށިގަނޑަށް ކުޑަނަމަވެސް ފައިދާއެއް ހުރި އެއްޗެއްނޫނެވެ.
ނަލަ ރަންކުލަ އަރުވާފަ އުފައްދާފަ ހުންނަ ކުކިންގއޮއިލް ތަކަކީ ސިއްހަތަށް ނުހަނު ގިނަ ގެއްލުންދޭ އެއްޗެކެވެ. ތަރުކާރީކޮޅު ހަދާލަންވެސް ތެލަކަށް ބޭނުން ކުރަންވީ ވީހާވެސް ފެންވަރު ރަގަޅު އޮލިވް އޮއިލް ކޮޅެކެވެ. ބޭނުން ކުރާނީ ވަރަށް ކުޑަ މިންވަރެއްގެ ތެޔޮ ފޮދެކެވެ. މަޑުގިނީގައި މިތެލުން ކައްކާނީ ތަރުކާރީކޮޅު ކިރިޔާ ރޯފިލާ ވަރަށެވެ. އެހެރީ އެންމެ ފައިދާހުރި ކެއުން ތައްޔާރު ކުރެވިފައެވެ. މިކެއުން ތަފާތު އެކި ތަރުކާރި އެކިދުވަހު ތަފާތު ކޮމްބިނޭޝަންގައި ތައްޔާރުކޮށް ކުޑަ މަސްކޮޅެއް ވެސް އެއްޗިހިތަކެއް ނޫގުޅާ ފިހެލާފަ ކެއުމުގައި ބޭނުންކުރުމަކީ އެންމެ މޮޅުގޮތެވެ.
މި ބުނެވުނު ހަމައިގެ މަތީން ކާން ފެށުމުން މިކެއުމަށް ހަށިގަނޑު ވަރަށް އަވަހަށް ފަރިތަވެއެވެ. އަދި މި ގޮތަށް ކެއުމުން ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނެރަލްސް ލިބޭތީ "ޖަންކް ފުޑް" ނުވަތަ ޓޮކްސިކް ފުޑް ކެއުމަށް ކްރޭވް ވުން ނުވަތަ ކަވައިގަތުން އެކުގައިހެން ވަރަށް އަވަހަށް ފިލައިދެއެވެ. ހީވެސް ނުކުރާހާ އަވަހަށް މިގޮތަށް ހަށިގަނޑު ފަރިތަވެއެވެ. ބަޔަކު ކާތަން ފެނުނަސް މިދެންނެވި، ފައިދާ ކުޑަ ގެއްލުން ބޮޑު އާންމު ކެއުން ކާހިތް ކެނޑިދެއެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ސިފަ ރީތިވެ، ބަރުދަން ހުންނަންވާ ވަރަށް ލުއިވެ، ސަރުބީ ނެތިގޮސް ސިއްހަތު ރަނގަޅުވާން ފަށައެވެ. އިތުރަށް ރީތިކޮށް ހުރުމަށް ރޭވުންތެރި ކަސްރަތު ތަކެއް ކުރުމުން ހަށިގަނޑު ވަރަށް ފުރިހަމަވެއެވެ.
މެޓަބޮލިކް ސިއްހަތު ރަނގަޅު ވަމުން އަންނަތަން ހަށިގަނޑުގެ ބޭރުފުށުގެ ސިފަ ބަދަލުވާއިރު ފެންނަހެން ނުފެނެއެވެ. އެހެން ނަމަވެސް ހަށިގަނޑުގެ އެތެރޭގައި އިންތިޒާމް ވެފައިވާ ސަރުބީއާއި ގުލްކޯޒް ހަކަތައަށް ބަދަލު ކުރުމުގައި ހަރަކާތްތެރިވާ މައިކްރޯސްކޯޕިކް މެޝިނަރީއިން ހިންގާ މަސައްކަތް ވަރުގަދަވެފަ ހަށިގަނޑު އަރާމް ކުރުމުގެ މަރުހަލާގައި ހުންނައިރު މެޓަބޮލިކް ރޭޓް ރަނގަޅުވެއެވެ. ނަތީޖާއެއްގެ ގޮތުން ސިއްހަތު ރަގަޅުވެ، ހަށިގަނޑު ރީތިވާލެއް އަވަހެވެ.
ޖިސްމާނީ ގޮތުން ނުވަތަ ހަށިގަނޑު ފިޓުކޮށް ރީތި ކުރުމަށް ގަވައިދުން ކަސްރަތު ކުރުން ކޮންމެހެންވެސް މަޖުބޫރެވެ. މިކަން ކުރުމުގައި އެންމެ ފުރިހަމަ ނަތީޖާ ނެރެވެނީ ރެސިސްޓެންޓް ޓްރެއިނިންގ (ކޮންމެވެސް ވަރެއްގެ ބަރުދަނެއް ބޭނުންކޮށްގެން ކުރާ ކަސްރަތު) ހައި އިންޓެންސިޓީ އިންޓަވަލް ޓްރެއިނިންގ (HIIT) އަދި އިތުރަށް އެންޑުރަންސަށް ބިނާކޮށް ކާޑިއޯ ވެސްކިއުލާރ ނިޒާމަށް ކުރާ ކަސްރަތު އެއްކޮށް ލުމުންނެވެ. މީގައި މިއޮތް އެންޑުރަންސް ބައިގައި ހިމެނޭ ކަސްރަތު ތަކުގެ ތެރޭގައި ދުވުން، ބައިސިކަލް ދުއްވުން، ފެތުން، ސިޑިން އެރުން، ޓެނިސް/ބެޑްމިންޓަން ފަދަ ކުޅިވަރު ކުޅުން ހިމެނެއެވެ.
މެޓަބޮލިކް ސިއްހަތު ރަނގަޅު ކުރުމަށް ކުރާ ކަންކަމަކީ މާބޮޑު ކަމެއް ނޫނެވެ. ނިދި ރަގަޅު ކުރުން، ސްޓްރެސް މެނޭޖު ކުރުން (މިކަމާއި މެދު ވަކިން އާރޓިކަލް އެއް ލިއަން ގަސްތުކުރަމެވެ.) ޖިސްމާނީ ހަރަކާތްތެރިކަން އާދަކޮށް މެޓަބޮލިކް ސިއްހަތަށް ބުރޫއަރާ ކެއުމާއި މާހައުލުން ދުރުވެލީމަ ރަނގަޅު ކުރެވުނީއެވެ. އަޅުގަޑުމެން ގެ ސިއްހަތަކީ އަޅުގަޑުމެންގެ ކޮންޓްރޯލްގައި އޮތް އެއްޗެއްގެ ގޮތުގައި ބޭއްވިއްޖެނަމަ މިގޮތުން ކުރިއެރުން ހޯދުމަކީ ދަތިކަމެއް ނޫނެވެ.