1.18 މިލިއަނުން ފެނަކަ ދަރުވާލީ ޔާމީނު

ސޯލިހުގެ ވެރިކަމުގައި ފެނަކައިގެ ދަރަންޏަކީ 0.71 މިލިޔަން

1.18 މިލިއަނުން ފެނަކަ ދަރުވާލީ ޔާމީނު

އަޑަށް ބާރުލާފާ އެންމެން އެންމެނަށް ދައްކަނީ ފެނަކަ ކޯޕަރޭޝަންގެ ދަރަނީގެ ވާހަކައެވެ. ފެނަކައިގެ ދަރަންޏަކީ އެކުންފުނި އުފެދުނީއްސުރެ ބޮޑުވަމުން އުފެލެމުން އައި އެއްޗެކެވެ. 18 ޖެނުއަރީ 2012 ގައި ފެނަކަ އުފެއްދީއްސުރެ އެކުންފުންޏަކީ ދަރަނިން މިންޖުނުވެ ދަރަނީގެ ބުރަ އުފުލަމުން އައި ކުންފުންޏެކެވެ. އެގޮތުގައި 2019 އާއި ހަމައަށް ފެނަކަ އައިރު އޮތް ދަރަންޏާ ގާތަށްވެސް އެކުންފުނީގައި އޭރު އެސެޓެއް ނެތެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތްދޭ ގިނަ ރަށްރަށުގައި އޭރު ހުރީ އެ ރަށްރަށުގެ ރައްޔިތުން އަތުން ވާރުތަވީ ގެދަނބުޅި އިންޖީނުގެތަކަކާއި ބައު ޖަނަރޭޓަރު ތަކެކެވެ. އަމްދުން އެއްވެސް ފެންވަރެއް ހުރި ނެޓްވޯކެއް ރަށެއްގައި އޮތީ ހާލަކުންނެވެ. ރަށްރަށުން ކަރަންޓް ކެނޑުމާ ކަރަންޓް ކެނޑިގެން ރަށްރަށުގެ ރައްޔިތުންގެ އަގުބޮޑު އާލާތަށް ލިބުނު ގެއްލުން ކޮޅެއް ނެތްހާ ގިނައެވެ. ކަރަންޓް ހަމަޔަށް ނުލިބުމުން މީހުނަށް ލިބުނު ގެއްލުން ވަކީން ކުޑައެއް ނޫނެވެ. 

ޒަމާނީ ފެންވަރަށް މަދުރަށެއްގައި އިންޖީނުގެތައް އެޅިޔަސް އެތަންތަނުގެ މަސައްކަތުގެ އަގު ނުލިބިގެން ކުރި ޝަކުވާގެ އަޑު އޭރުވެސް ކަނޑައިގެން ނުދެއެވެ. އިންޖީނުތަކާއި އިންޖީނުގެތަކުގެ އައުބާތުރަ ފިލުވުމަކީ އުފުލަން ޖެހިފައި އޮތް އެހާމެ ބޮޑު ތަކުލީފެކެވެ. ރަށްރަށުގެ ކަރަންޓްގެ ހިދުމަތް އެހާ ދޯހަޅި ދޯދިޔާކޮށް އޮތް އިރުވެސް 1.183 މިލިޔަން ރުފިޔާގެ ދަރަނި ފެނަކައިގައި އޮތްކަމަށް 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބުނެއެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެން އިރު ފެނަކައިގެ ހާލަތަކީ އެއީ އެވެ. 

2019 އިން 2022 ވަނަ އަހަރަށް ދިޔައިރު ފެނަކައިގެ ދަރަނި އަރާފައި ވަނީ 1.9 މިލިއަން ރުފިޔާއަށެވެ. އެހެން ކަމުން ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނަކައިގެ ދަރަންޏަށް އިތުރުވީ 0.717 މިލިޔަން ރުފިޔާއެވެ. ކުރީގެ ސަރުކާރުން ވިޔާދާ ގޮތެއްގައި ހިދުމަތް ނުދޭތާ އެކަށީގެންވާ ގޮތެއްގައި އެސެޓެއް ހޯދާނުދީ 2019ގެ ކުރިން 1.18 މިލިޔަނުން ފެނަކަ އޮތީ ދަރުވާލާފައެވެ.   

ކުރީގެ ދަރަނީގެ ތެރެއަށް ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 4 އަހަރު ތެރޭގައި 0.717 މިލިޔަން އިތުރުވީއިރު ހޯދިފައި ހުރި އެސެޓާއި ހިދުމަތަށް އައި ހެޔޮ ބަދަލުގެ ވާހަކަ އެއް ނުދައްކައެވެ. ދަރަންޏާއި ނުބައްދަލު އަދަދަކަށް ފެނަކައިން ރައުސުލްމާލު އިތުރު ކޮށްފައިވާކަން އެނގޭ ކަމަކަށް ނުހަދައެވެ. ކުރިމަގަށް އޮތް ނަފާވެރި ކަމުގެ ހަގީގަތަށް ވިސްނާލި މީހަކު ނެތެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި 17،000 ކިލޯމީޓަރުގެ ކޭބަލް ރާއްޖޭގެ އެކި ރަށްރަށުގައި ދަމާފައިވެއެވެ. 101 ރަށެއްގައި ފެނަކައިގެ ނެޓްވޯކް ގާއިމު ކޮށްފައިވެއެވެ. 313 ޖަނަރޭޓަރު ސެޓް ބަހައްޓާ،ފައިވެއެވެ. 77 ރަށެއްގައި އާ އިންޖީނުގެ އަޅާފައިވާއިރު، 20 ރަށެއްގައި މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. 135 ރަށެއްގައި ފެނަކައިގެ އޮފީސް ގާއިމުކޮށް، 13 ރަށެއްގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެއެވެ.

މިފްކޯގެ 14 އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް ހިދުމަތް ދެއެވެ. އެތައް ރަށެއްގައި ފެނާ ނަރުދަމާ ނިޒާމް ގާއިމުކޮށް އަނެއްބައި ރަށްރަށުގައި މަސައްކަތް ދަނީކުރިއަށެވެ. 

ދުރު މުސްތަގުބަލަށްޓަކާ ރައްޔިތުންގެ ލާބައަށް މިހިގާ ދައުރުގައި ދަރަންޏާ ނުބައްދަލު ކާމިޔާބުތަކަށް ޝުކުރުވެރިވުން ހައްގެވެ.