ޓޮމް އަކަށް ދަގަނޑޭ ބައްޔެއް ނުކުރެވޭނެ
ސިޔާސީ ޙީލަތުން މަންފާ ހޯދަން ޓޮމް މޮޅު
ފުޓްބޯޅައިން ވިދުވަރެއް ލިބުނީމާ އޭގެ ބޭނުން ހިފައިގެން ސިޔާސީ މަންފާ ހޯދައިގެން މަޖިލިހަށް ހޮވިގެން ލައްކަ ސިޔާސީ ކުރިއެރުން ހޯދި މީހަކީ މަޖިލިސް މެމްބަރު ޓޮމްއެވެ. އެމްއެމްޕީއާރުސީގެ މަސްފަލަ ވަރުހެސަ ޚިޔާނާތް ހިނގިއިރު ޓޮމް އަކީ އޭރުގެ ސަރުކާރުގައި ކޮނޑު ވިއްދައިގެން ހުރި ބްރޯ އަދީބުގެ ވެސް ނުހަނު ގާތް މީހެކެވެ.
ޓޮމް އަކީ ސިޔާސީ ކަން ގަދަވެގެން ގޮސް އެންމެ މަންފާ ލިބުނު ގާތް ބުރޯ ދޫކޮށް އެފަކީރަށް އެންމެ ދެރަލިބުނު ދުވަހު ހެމުން ހެމުން ގޮސް ރައީސް ޔާމީނުގެ "ބަރަކާތް" ލިބިގަނެގެން ނިމެން މިދާ ދައުރުގައި ވެސް މަހިބަދޫ ދާއިރާއަށް ހޮވިގަނެގެން ހުރި މަޖިލިސް މެމްބަރެވެ.
މީހެެއްގެ އުޅުމާ ސުލޫކުގައި ފޮރުވައިގެން އުޅޭބައި އާންމު ސިކުނޑިތަކަށް ވިސްނެން ވަގުތު ނަގާހެން ޓޮމް އަކީ ކާކުކަން އެނގެން މަހިބަދޫ ދާއިރާގެ ރައްޔިތުންނަށް ވެސް ވަގުތު ނެގިއެވެ.
ހުރިހާ ދިމާއަކަށް ކޮމެންޓްކޮށް ދަނޑި ދިގު އުނދުޅި ހެދިގެން ހުރިހާ ކަމަކަށް ބަސްބުނަން ޓޮމް ހުއްޓާ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން އެނގުނީ މަހިބަދޫ ދާއިރާގެ ރައްޔިތުން ޓޮމް ދަސްކޮށްފި ކަމެވެ. ދާއިރާގެ އަޣުލަބިއްޔަތު މިހާރު އޮތީ އެމްޑީޕީ އަށެވެ.
މިނަތީޖާ ފެނިފައި އަންނަ ދައުރުގައި މަޖިލިހަށް ނުހޮވޭނެކަން ޔަގީންވުމުން އެފްއޭއެމްގެ ރައީސްކަން ހޯދަން މިހާރު ޓޮމް ވާދަކުރަން ނުކުމެ އެހުރީ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގު، ދަގަނޑޭ އާއެވެ.
ޓޮމް އަށް ދަންނަވަމެވެ. ސިޔާސީ ޙީލަތުން މަންފާ ހޯދަން ޓޮމް މޮޅެވެ. އެކަމަކު ފުޓްބޯޅައިގާ ދަގަނޑޭއާ ވާދަކުރަން ޓޮމްތީ ސުމެކެވެ. އެހެންނޫނަސް ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ. ޓޮމް އަކީ ދަގަނޑޭ ބަލިކުރެވޭނެ މީހާ ނޫންކަން ޓޮމްގެ މާޒީން އޮތީ ފެނިފައެވެ. ދެން މަޖިލިހަކަށް ވެސް ނުހޮވޭނެއެވެ. (ދަގަނޑޭ) އަޝްފާގާ ވާދަކޮށްގެން މޮޅެއްވެސް ނުވާނެއެވެ. ވަރަށް ވެދުމެވެ.