ކަމަދޫ ބަނދަރުގެ ތަކުލީފް ނިމުމަކަށް

ބ. ކަމަދޫ ބަނދަރުގެ މަސައްކަތުގެ 52 އިންސައްތަ މަސައްކަތް މިހާރު ނިންމައިފި

ކަމަދޫ ބަނދަރުގެ ތަކުލީފް ނިމުމަކަށް

ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް ބ. ކަމަދޫ ރަށްޔިތުންނަށް ސަރުކާރުން ކޮށްދޭ މުހިންމު މަސައްކަތްތައް އެރަށު ރައްޔިތުން އުފަލުން ބަލައިގަނެއެވެ. މީގެ ކުރިން ލަފާ ފުރުމަށް ބޭނުން ކުރަމުން ދިޔަ ހަލާކުވެފައި އޮތް ބަނދަރުގެ ތަކުލީފް ނިމުމަކަށް އަންނާތީ ކަމަދޫ ރައްޔިތުން އުފާ ކުރެއެވެ. ޝުކުރުވެރި ވެއެވެ.

މީގެ 25 އަހަރު ކުރިން ރައްޔިތުންގެ އާދޭސް ތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ރައްޔިތުންގެ އެހީތެރިކަމާއެކު އަމިއްލަ ފަރާތަކުން ހަދާދީފައި އޮތް 400 ފޫޓް ދިގު 150 ވަރަކަށް ފޫޓް ފުޅާ މިނުގެ ފަޅު ބޮޑުކޮށްލާ ނުދިންތާ މަރާމާތު ކޮށްލާ ދޭނެ ސަރުކާރެއް މީގެ ކުރިއަކު ރާއްޖޭގައި އުފެދިފައެއް ނުވެއެވެ.

މޫދުން ގައު ނަގައިގެން ޖަހާފައި އޮތް އެއްގަމު ތޮއްޓާއި ބޭރު ތޮށި އެކީ އެކަށް ވީރާނާވެ އުޅަނދު ފަހަރު ރަށަށް ލަފާ ކައިރި ކުރުމަކީ އަނިޔާއެކެވެ. ފަޅު ތިލަވެ ލަފާ ފުރެން ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. އިރުވާ މޫސުމުގައި ކަމަދުއަށް ވަންނަން ޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެނެވެ. އުޅަދުގެ ރައްކާތެރިމާއި ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނޯވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެތަން ފެންނަ ލޮލެއް ސަރުކާރެއް މީގެ ކުރިއަކުން ނެތެވެ. 

ރައީސް ސާލިހު ސަރުކާރުން ކަމަދޫ ރައްޔިތުންގެ އިހުސާސްތައް ދެނެގަތެވެ. ކަމަދޫ ބަނދަރު މަރާކާތުކޮށް ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރިއެވެ. 25،404 އަކަމީޓަރުގެ ބަނދަރު ފުންކޮށް 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށެވެ. ހަމަ އެއާއި އެކު 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާ 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށެވެ. އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތައް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާ ނެރު ބައްތި ޖެހުން މިމަސައްކަތުގެ ދަށުން ހަވާލު ކުރިއެވެ. 

ސަރުކާރުން އެމްޓީސީސީއާއި ކުރުމަށް ހަވާލުކުރި ބ. ކަމަދޫ ބަނދަރުގެ މަސައްކަތުގެ 52 އިންސައްތަ މަސައްކަތް މިހާރު ނިންމައިފިއެވެ. މިހާރު ކުރަމުން ދަނީ ކުދި އުޅަނދުތައް އެޅުމަށް ބޭރު ތޮށީގައި ޖެޓީ ހެދުމުގެ މަސައްކަތެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް މިހާރު ވަނީ ނިމުކަމާ ގާތްވެފައެވެ.