މުއިއްޒުގެ ނާގާބިލުކަން އާ ސަހަރާ މިސްކިތުން
ކޮންޓްރެކްޓް ބާތިލު ކުރީ ފުރަތަމަ ކުރި ކޮންޓްރެކްޓް %75 ނިންމި ފަހުން
އޮޑިއެއްގައި ހުރި ކަޑަށް ގަދަކަމެއް އެނގޭނީ ކަނޑުދުވަން ނިކުތީމައެވެ. ކަނޑަށް ނުނިކުންނަނީސް ވެސް އޮޑިން ބަލި މަޑޫތަކެއް ފެންނަންޏާ އެއްޔަކީ ކަނޑު ދުވަން ފަހި އޮޑިއެކޭ ނުކިޔޭނެއެވެ.
މާ މައްޗަކަށް ކިޔަވައިގެން މާ ނަތީޖާ ނެރެވޭ މީހަކަށް ވެގެން ރާއްޖޭގެ ވެރިކަމަށް މީހަކު އިންތިހާބަު ކޮށްފިއެވެ. ރައީސް ޔާމީނު ވެރިކަމުގައި ރާއްޖެ ދުށް އުމްރާނީ ތަރއްގީގެ މޭސްތިރިއަކީ ޑރ. މުއިއްޒު ކަމަށް ރިޔާސީ އިންތިހާބުގެ ކެންޕޭނު ދުވަސްވަރު ކިޔާ އުޅުނެވެ. ސިނަމާލެ ބުރިޖާ ރިންގް ރޯޑާއި ހިޔާޓަވަރުތަކާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުލޭ ބޮޑު ރަންވޭއަކީ މުއިއްޒުގެ ލެގަސީ ހާމަކޮށްދޭ ތަންތަން ކަމަށް އިންތިހާބު ތެޜޭގައި ދެއްކިއެވެ.
ކުރީގެ ނައިބު ރައީސް އަދީބު ދައުވާ ކުރަނީ އެތަންތަނަކީ އޭނާގެ ބުރަ މަސައްކަތް ކަމަށެވެ. ކޮންމެހެނެއް ވިޔަސް އެކަން ކަމުގެ ޝަރަފެއް ލިބުނަސް ހުތުރެއް ލިބުނަސް އެކަމެއްގެ ހައްގު ވެރިއަކީ ރައީސް ޔާމީނެވެ. މުއިއްޒެއް އަދީބެއް ނޫނެވެ. މުއިއްޒުގެ ވަޒީރު ކަމުގައި މުއިއްޒަށް ނިސްބަތްވާ ކަންކަމަކީ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ދައުލަތަށް އުފުލަންޖެހި ދެފަހަރަށް ކުރަންޖެހޭ ގޮތައް ކުރެވޭ ކަންކަން ކަމަށް އޮތީ މަޝްހޫރުވެފައެވެ. ރަސްފަންނާއި ތިންރުއް ޕާކާއި މުއިއްޒުނެރާއި އިސްލާމީ މަރުކަޒު ބައުންޑަރީ ތެޅުމާ މިހުރީ އެއްފަހަރަށް ވުރެ ގިނަފަހަރު ކުރަން ޖެހުމުން މުއިޒުވެފާ ހުރިތަންތަނެވެ. އުސޫލެއް ހަމައެއް ނެތި މުޅި މާލޭގެ މަގުތައްމަތި ހޮޅިން ބަރާވުމުން ހޮޅި މުއިއްޒަށް އޮތީވެފައެވެ.
ދެން އައީ މާލެ ސިޓީ ކައުންސިލްގެ މޫސުމެވެ. މާލޭގެ ބިމުގައި ހުސް ތަންކޮޅެއް އޮތިއްޔާ ޕާކީންއަށް ވިއްކާ ހުސްކޮށްލީއެވެ. ފައިސާ ނެތިގެން ކަރަންޓް ބިލް ނުދެއްކެނީ މިސްކިތް ތަކުގެއެވެ. ސްޓާފް ނައިޓް ބޭއްވުމަށާއި ފިތްކެނޑޭ ވަރަށް ކޮންޓްރެކްޓް ކޮންސަލްޓެންޓުން ލައިގެން އުޅެން ކައުންސިލުގައި ފައިސާ ހުއްޓެވެ. ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކަދުރު ރުއް ގަނެެން ގެނަސް ވިއު ރީތި ކުރިއިރު މަގުބަންދު ބޯޑާއި އެހެނިހެން ހުއްދަ ދިނީ އަތްނުފޯރާ ވަރުގެ ބޮޑު އަގު ރައްޔިތު މީހާއަތުން ނަގާފައެވެ. އެ ވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ ކަމެއް ކުރަން ރާވާ އިރު ކަމެއްގެ ވަށައިގެން ހުރި ކަންކަމާއި ކުރިމަތި ވެދާނެ ކަންކަމަށް ނުބަލާ ކަންކަން ކުރުމުން ކުރާހާ ކަމެއް މުއިއްޒުވާވުމެވެ.
މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމާތު ކުރުމަކީ އެންމެ ފަހުން މުއިއްޒުވީ ޕްރޮޖެކްޓެވެ. އާސަހަރާ މިސްކިތުގެ މަރާމާތަށް އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ފެށީ މިދިޔަ މެއި މަހުއެވެ. ދެ މަސް ފަހުން މަރާމާތުގެ މަސައްކަތް ނިމި ހިދުމަތް ދޭން ކުރި ކޮންޓްރެކްޓެކެވެ. ދެމަހުން ނިންމަން ކުރި ކޮންޓްރެކްޓަށް ސިޓީ ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާއެވެ.
ޕްރޮޖެކްޓަށް ފަހުން ގެނައި ބަދަލު ތަކާއެކު ހަރަދު ބޮޑުވެ މަސައްކަތް މުއިޒުވެ ކޮންޓްރެކްޓް ކުރީ ބާތިލެވެ. ކޮންޓްރެކްޓް ބާތިލު ކުރިއިރު ފުރަތަމަ ކޮންޓްރެކްޓްގައި ކުރަން ބުނެފައިވާ މަސައްކަތުގެ %75 ވަނީ ނިމިފައެވެ. އަނެއްކޮޅުން ކޮންޓްރެކްޓަރަށް ވަނީ 3.9 މިލިއަން ރުފިޔާ ދީފައެވެ. ކޮންޓްރެކްޓަރަށް މަސައްކަތް ހަވާލުކުރި ފަހުން މިސްކިތުގެ ޑިޒައިނާއި އާސަހަރާގެ ކުރެހުމަށް ގެނައި ބަދަލުތަކާ ހެދި ކޮންޓްރެކްޓް ބާތިލު ކުރިއިރު މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށްކަށް ނުވެއެވެ.
ހަމައެކަނި އާސަހަރާގެ މަސައްކަތާ މެދު ވިސްނާ ލިޔަސް މުއިއްޒު ސަރުކާރުގައި މަސައްކަތް ކުރުވުމުގާ މުއިއްޒުގެ މުއިއްޒުވުން ހުންނާނެވަރު ސާފެވެ. ގައުމުގެ ހުރިހާ ޕްރޮޖެކްޓެއް މިފާޑަށް މުއިއްޒު ވާން ވެއްޖެނަމަ ދަރަނިން ބޯހިކެންނެތް ރާއްޖެ ދަރަނީގައި ގަނބުހެރުން ނޫން ކަމެއް ނުވާނެއެވެ.