މާލޭގައި ފެންބޮޑުވުން ހައްލުކޮށްދީގެން އާޒިމް ތަފާތު ދައްކާދީފި

ކިތަންމެ ކުޑަކޮށް ވާރޭވެހެލިޔަސް މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ގޯތި ގެދޮރަށާއި މީހުންގެ މުދަލަށް ގެއްލުންވުމަކީ އާއްމުކަމެކެވެ. މާލޭގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅުމާއި އެއްޗެތި ދުއްވުމަކީވެސް ވަރޭ ކޮޅެއް ވެހެލައިފިނަމަ އެހާމެ އުނދަގޫ ކަމެކެވެ. ވާރޭ ހުއްޓި އެތައް އިރެއްވާއިރު ފެންގަނޑު ނުހިނދި އޮތުމަކީވެސް ވަކީން ކުޑަކަމެއް ނޫނެވެ. އެހެން ކަމުން މޭޔަރުކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އާދަމް އާޒިމް އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރެއްވުމެވެ.
15 އަހަރަށް ވުރެ ގިނަ ދުވަހު ސާފުނުކޮށް ހުރި ކާނުތައް ސާފުކުރުމަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވުން ހައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އާޒިމް ދެކިވަޑައިގަތެވެ. އާޒިމްގެ މޭޔަރ ކަމަށް ދެ އަހަރުވެސް ނުވަނީސް ވިލިމާލޭގެ މަގުތަކުގައި ހުރި ހުރިހާ ކާނެއް ވަނީ ސާފުކޮށްފައެވެ. އެއީ 9925 ކާނެވެ. އަނެއްކޮޅުން ފުރަ މާލޭގެ އެތައް މަގަކުން ކާނު ވަނީ ސާފުކޮށްފައެވެ. އެގޮތުން ހަމައެކަނި މި އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރގެ ނިޔަލަށް، މާލޭގެ 181 މަގެއްގެ، 27،654 އަށް ވުރެ ގިނަ ކާނު ވަނީ ސާފުކޮށްފައެވެ. މާލޭގެ މަގުތަކުގެ ކާނުތައް ސާފު ކުރުމަކީ މެދުނުކެނޑި މާލެ ސިޓީ ކައުންސިލުން ކުރަމުންގެންދާ ކަމަކަށް މިހާރު ވަނީ ހަދާފައެވެ.
މާލޭގައި ފެން ބޮޑުވުން ހައްލު ކުރެއްވުމަށް އެޅުއްވި އަނެއް މުހިންމު ފިޔަވަޅަކީ ގްލޯބަލް 2 ޕަންޕް ގެނެސް ފެން ބޮޑުވިޔަނުދީ ފެން ހިންދުމުގެ އިންތިޒާމް ހަމަޖައްސާ ބޭނުންކުރަން ފެށުމެވެ. ވާރޭ ވެހޭއިރު ގްލޯބަލް 2 ޕަންޕްގެ ބޭނުން ކުރުމުން ފެން ބޮޑުވިޔަ ނުދީ ފެންގަނޑު ކޮންޓްރޯލް ކުރެވެން ފެށިއެވެ.
މިހާރު ކިތަންމެ ބޯކޮށް ވާރޭވެހުނަސް ފެން ބޮޑުވެގެން ގޯތި ގެދޮރާއި ތަކެއްޗާއި މީހުނަށް ގެއްލުންވެގެން މާލޭގައި އުޅޭކަށް ނުޖެހެއެވެ. މަގުތަކުގައި ހެދޭ ފެންގަނޑު ނުހިނދި ގިނައިރު ވެގެން އުޅޭކަށްވެސް ނުޖެހެއެވެ. ހެޔޮނިޔަތުގައި އިހުލާސްތެރި ކަމާއެކު މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެކަން މޭޔަރ އާދަމް އާޒިމް އެ ގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ.
މާލޭގައި ހުރި ދުވަސްވީ ބޮޑެތި މައްސަލަތައް، ހައްލުކުރަން ވަގުތު ނަގާނެއެވެ. އެހެން ނަމަވެސް އާޒިމްގެ މޭޔަރ ކަމުގައި މާލެއަށް ހެޔޮ ބަދަލުތައް އަންނަމުން ދާތަން ފެނެއެވެ. ފެންނާނެއެވެ. އާދަމް އާޒިމް މާލެ ބަދަލު ކޮށްލާތަން ފެންނާނީ ސިޔާސީ ވާދަވެރި ކަމާއި ޒާތީ ހަސަދަ އެއްފަރާތްކޮށް ވިސްނާ މީހުންނަށެވެ. ބުނާ ބަހުގެ އިތުބާރާއި، ވެ ވަޑައިގެންނެވި ވައުދު ފުއްދެވުމަށް މޭޔަރ އާޒިމް ވަރެއް ހަމަ ނެތެވެ.