އަނދާފައި އޮތް އަންހެން ކުއްޖެއް ސްކޫލެއްގެ ތެރެއިން ފެނިއްޖެ
އަނދާފައި އޮއްވާފެނުނީ އުމުރުން 17 އަހަރުގެ ގްރޭޑް 12ގެ ދަރިވަރެއް
އިރުމަތީ ދިއްލީގައި ހުންނަ ސަރުކާރު ސުކޫލެއްގެ ގާޑު ރޫމް ފުރަގަހުން އަނދާފައި އޮތް 17 އަހަރުގެ އަންހެން ކުއްޖަކު ފެނިއްޖެއެވެ. އަނދާފައި އޮއްވާ ފެނުނު އަންހެން ކުއްޖާއަކީ އެ ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެކެވެ.
އަނދާފައި އޮއްވާ ފެނުނު 17 އަހަރުގެ އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނު ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުން އެއްވެސް ގަރީނާއެއް ހޯދަން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. މުޅި އެ ސަރަހައްދުގައިހުރި ސީސީޓީވީ ކެމެރާތައް ހަލާކުވެފައި ހުރުމުން އެއްވެސް މަންޒަރެއް ރެކޯޑް ކުރެވިފައި ނުވާ ކަމަށް ދިއްލީ ފުލުހުން ބުނެއެވެ. ތަހުގީގު ކުރާ ފަރާތްތަކުން ސުކޫލުގެ ހުރިހާ ކެމެރާތަކެއްގެ ފުޓޭޖް ބެލި ނަމަވެސް، އެ ކުއްޖާ ގާޑު ރޫމާ ދިމާލަށް ދިޔަ މަންޒަރެއް ފެނިފައެއް ނުވެއެވެ.
އާދީއްތަ ދުވަހު ތަހުގީގީ ޓީމުން ވަނީ ސުކޫލުގެ މުދައްރިސުންނާއި މުވައްޒަފުންގެ އިތުރުން އެ ކުއްޖާގެ ބައްޕައާ ސުވާލުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ހުރިހާ ފަރާތްތަކަކަށް ބަލަމުންދާއިރު، އޭގެ ތެރޭގައި ލޯބީގެ ގުޅުމެއް ކެނޑުމުން ދިމާވި މައްސަލައެއް ހިމެނޭ ކަމަށް ޝައްކު ކުރެވެއެވެ.
ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި އެ ކުއްޖާ ސުކޫލަށް ވަދެފައިވަނީ ޕެޓްރޯލް އެޅި ޕްލާސްޓިކް ފުޅިއަކާއި އަލިފާން ފޮއްޓެއް ހިފައިގެންނެވެ. އެ ކުއްޖާގެ ދަބަހުން ފެނުނު ސިޓީއެއްގައި، ފިރިހެން ކުއްޖަކާއެކު އޮތް ގުޅުމެއްގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށާއި، މައިންބަފައިން ކުރި އުންމީދުތަކާ އެއްގޮތަށް އުޅެވިފައި ނުވާތީ އެކަމަށް މާފަށް އެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަންހެން ކުއްޖާގެ ސިޓީގައި ބަޔާންކޮށްފައިވާ އެއްވެސް މީހަކީ އޭނާގެ މަރަށް ޒިންމާވާންޖެހޭނެ ބައެއް ނޫން ކަމަށްވެސް ލިޔެފައިވާ ކަމަށް އޮފިސަރުން މައުލޫމާތު ދެއެވެ. ބިހާރަށް ނިސްބަތްވާ މި ކުއްޖާ ދިއްލީގައި ދިރިއުޅެމުން ދިޔައީ އޭނާގެ ބޭބެއާއި ފަހަރި އާއެކުގައެވެ. އެވަގުތު އޭނާގެ މައިންބަފައިން ތިބީ ރަށުން ބޭރުގައެވެ.
ޑީސީޕީ (ޝާހްދަރާ) އާރް.ޕީ މީނާ ވިދާޅުވީ، ކުއްޖާ ފެނުނީ ސުކޫލުގެ ގާޑު ރޫމްގެ ފުރަގަހުގައި އަނދާފައި އޮއްވާ ކަމަށާއި، ހާދިސާ ހިނގި ތަން ބަލައި ހެކި އެއްކުރުމަށް ކްރައިމް ޓީމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުންނާއި ކުއްޖާގެ ދަބަހުން ބައެއް ތަކެތި ފެނިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ކުއްޖާގެ ދައްތަ ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އާއިލާއަށް ލިބުނީ މެންދުރު 12:40 ހާއިރުއެވެ. "އަހަރެން އޭނާ ސުކޫލަށް ލާން ދިޔައިރުވެސް ހުރީ ވަރަށް އާދައިގެ ގޮތަކަށް. ވީގޮތެއް ނޭނގެ،" ކުއްޖާގެ މޫނު ވަރަށް ބޮޑަށް އަނދާފައިވާކަން ފާހަގަކުރަމުން އޭނާ ބުންޏެވެ. އަދި އެ ކުއްޖާގެ ފަހަރި ބުނި ގޮތުގައި، އޭނާ ސުކޫލަށް ދިޔައީ އާދައިގެ މަތިންނެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެ ފަދަ އެއްވެސް މާޔޫސްކަމެއް ނުވަތަ ނިޝާނެއް ފެނިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ދިއްލީގެ އެޑިއުކޭޝަން މިނިސްޓަރު އާޝިޝް ސޫދު ހޮނިހިރު ދުވަހު ވަނީ އެ ސުކޫލަށް ޒިޔާރަތް ކުރައްވާފައެވެ. އޭނާ ވަނީ ސުކޫލުގެ މެނޭޖްމަންޓާއި ފުލުހުންގެ ފަރާތުން މައުލޫމާތު އޮޅުންފިލުއްވައި، އެ ސަރަހައްދުގެ މީހުންނާ ބައްދަލުކުރައްވައި، ތަހުގީގު ކުރިއަށްދާ ގޮތާއި ލިބިފައިވާ ހެކިތަކާ ބެހޭގޮތުން ސުވާލު ކުރައްވާފައެވެ.




