ރަސްމާލެ | އެމެރިކާގެ 50 ވަނަ ސްޓޭޓް ހަވާއީ!
ހަވާއީ ގެ ރަސްކަން "ޑޯލް" ބްރޭންޑަށް ވީގޮތަށް ދިވެހި ޖުމްހޫރިއްޔާ " އީގަލް ހިލްސް" އަށް ނުވަނީސް ހޭއަރާ
މީލާދީން 1800 ގެ އަހަރުތަކުގައި ޔޫރަޕާއި އެމެރިކާގެ މީހުން ހަވާއީ އަށް ޒިޔާރަތް ކުރީ ފަތުރުވެރިންގެ ގޮތުގައި ހަވާއީގެ ރީތި ގޮނޑުދޮށްތަކުގައި މޫދަށް އެރިލުމަށާއި، ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލުމަށެވެ. އޭރު ހަވާއީ އަކީ މިނިވަން ދައުލަތެކެވެ. އަމިއްލަ ރަސްކަމެއް ހިނގަމުން އައި ގައުމެކެވެ. އަމިއްލަ ދިދައަކާއި އަމިއްލަ ބަހެއްވެސް އޮތް ސަގާފަތެކެވެ.
ހަވާއީއަށް ފަތުރުވެރިކަމުގައި ދިޔަ ބައެއްމީހުން އެރަށުގައި މަޑުކުރަން ފެށުނެވެ. އާންމު ގޮތެއްގައި ޔޫރަޕާއި އެމެރިކާގެ މީހުން މަޑުކުރާ ކޮންމެ ތަނެއްގައިވެސް އެމީހުންގެ ދީނަށް ގޮވާލުމާއި، އެމީހުންގެ ސަގާފަތް ދިރުވަން މަސައްކަތްކުރުން އޮންނަ މޭރުމުން ހަވާއީގައިވެސް މިކަން ފެށިގެން ދިޔައެވެ.
މިގޮތުން ޔޫރަޕާއި އެމެރިކާއިން ދީނަށް ގޮވާލުމަށް އައި މީހުން ހަވާއީގައި ވަޒަންވެރިވެ، އެބައިމީހުންގެ ދަރިފަސްކޮޅެއް އުފެދުމަށް ހޭދަވީ އެންމެ 60 އަހަރެވެ. ފަސްދޮޅަސް އަހަރުތެރޭގައި ހަވާއީގައި ދިރިއުޅެންފެށި ނަސޯރާއިންނަށް ދަރިން ލިބި، އެ ދަރިންނަށް ދަރިން ލިބި، ޔޫރަޕާއީ އެމެރިކާގެ ދޮންމީހުންގެ ނަސްލުގެ ހަވާއީ އަށް އުފަން ހަވާއީގެ ރައްޔިތުންގެ ބައެއް އުފެދިއްޖެއެވެ.
މި ބުނެވުނު މުއްދަތުގައި ހަވާއީއަށް އުފަންވެ، ހަވާއީގައި ބޮޑެތިވީ ދޮންނަސްލުގެ ރައްޔިތުންވެސް ހަވާއީގެ ދަނޑުވެރިކަމުގެ ތެރެއަށް ވަދެ، ދަނޑުތައް ހައްދާ، ވިޔަފާރިކޮށް، އަދި އެޒަމާނުގައި އޮންނަ ގޮތަށް ހަތިޔާރު ގެންގުޅުމުގެ ހައްގުވެސް ލިބިއްޖެއެވެ.
މީލާދީން 1870 ވަނަ އަހަރަށް އައިއިރު ހަވާއީގެ ރައްޔިތުންގެ ގޮތުގައި މި އުފެދުނު ދޮންނަސްލުގެ މީހުން އެމީހުންގެ ކާބަފައިން އައި ޔޫރަޕާއި އެމެރިކާގެ ގުޅުންތަކުގެ ތެރެއިން ހަވާއީގެ ރަސްކަމާއި ތޮޅެން ފެށިއްޖެއެވެ. އަދި ހަވާއީގެ ސިޔާސީ ކަންކަމަށް ދައުވާކޮށް، ގައުމުގެ އަސްލު ރަށްވެހިންގެ މައްޗަށް ބާރުވެރިވެ ނިމިއްޖެއެވެ.
މިގޮތުން ހަވާއީގެ ދޮންމީހުންގެ ހަތިޔާރު އެޅި ޖަމާއަތްތައް ގައުމުގެ އަސްލު ރައްޔިތުންނަށްވުރެ ބާރުވެރިވެ، ރައްޔިތުން މިކަމާއި ދެކޮޅަށް ޝުއޫރު ފާޅުކުރަން ފެށިއެވެ. ނަމަވެސް އޭރު އޮތީ ހަވާއީގެ ވަގުތު ފާއިތުވެފައެވެ. ހަވާއީގެ ރީތި ގޮނޑުދޮށްތައް ބަލާލުމަށް ޔޫރަޕާއި އެމެރިކާއިން އައިސް ހަވާއީގައި ވަޒަންވެރިވި ދޮންނަސްލުގެ މީހުންގެ ދަރިފަސްކޮޅު، އެބައިމީހުންގެ އަސްލު ގައުމުތަކުގެ އެހީގައި ހަތިޔާރު ހޯދައި ގައުމުގެ އަސްލު ވަޒަންވެރިންނާއި ކުރިމަތިލައިފިއެވެ.
މީލާދީން 1893 ވަނަ އަހަރު، ހަވާއީގެ ވެރިރަށުގެ ބަނދަރަށް އެގާތްކޮށްލީ އެމެރިކާގެ މަނަވަރު ޔޫ.އެސް.އެސް ބޮސްޓަންއެވެ. ހަތިޔާރު އެޅި ސިފައިންނާއި އެކުގައެވެ. ހަވާއީގެ ރަސްކަން އުވާލުމަށްފަހު ހަވާއީ ހިންގުން އެހަވާލު ކޮށްލީ ދޮންނަސްލުގެ އާބާދީއާއެވެ. އެއީ އާބާދީގެ އެންމެ ދެޕަސެންޓް ރައްޔިތުނެވެ.
How Dole Is Creating A Zero Waste Supply Chain - And Solving Food Insecurity For the Unhoused
ދޮންމީހުންގެ ނަސްލުގެ ހަވާއީގެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި ހަވާއީގެ ރަސްކަން އުވާލާ، ހަވާއީ އެހަދާލީ އެމެރިކާގެ ޓެރިޓަރީއަކަށެވެ. މިގޮތުގައި ދޮންމީހުންގެ އަތުގައި ބައިގަރުނު ވަންދެން އޮތުމަށްފަހު އެހަދާލީ އެމެރިކާގެ 50 ވަނަ ސްޓޭޓަށެވެ. މިއީ ހަވާއީގެ ތާރީހު ވަރަށް ކުރުކޮށް ފޮނިކޮށެވެ.
މިހާރުވެސް އަޅުގަނޑުމެންގެ ސުޕަރމާރކެޓް ތަކުގެ ހަރުފަތުން "ޑޯލް" ބްރޭންޑުގެ އަލަނާސި، ނުވަތަ ދޮންކެޔޮ ފެނުމުން ހަވާއީގެ އަސްލު ރައްވެހިންނަށް ސަހަރޯ ހީވެއެވެ.

އެމެރިކާ ނަސްލުގެ ހަވާއީއަށް އުފަން ރައްޔިތެއްކަމުގައިވާ ސެންފޯޑް ޑޯލް " Sanford Dole " ނަމަކަށް ކިޔާ މީހަކު ވެރިޔަކަށް އިސްކޮށް އެމެރިކާގެ ބެލުމުގެ ދަށުން ރަސްކަން އުވާލެވުނު ހާދިސާ އާވެ އާވެ ހުރެއެވެ.
ރަސްމާލޭގައި ވަޒަންވެރި ކުރުވާ މީހުންގެ ހައްގުތަކަކީ ކޮބައިބާވައެވެ. އެމީހުންގެ ވަރި ކައިވެނި ހިނގާނީ ކޮން ގާނޫނެއްގެ ދަށުންބާއެވެ. އެމީހުންގެ ހިނެވުމާއި ވަޅުލުން ހިނގާނީ ކިހިނެއްބާއެވެ. އެމީހުންގެ ގަބުރުސްތާނު ހުންނާނީ ކިހިނެއްބާއެވެ.
ދުބާއީ އާއި އަބޫދާބީގައި އެތާނގެ ވަޒަންވެރިވާ އެހެން ދީންތަކުގެ މީހުންނަށް ފައްޅިވެސް އަޅާފައި ހުރެއެވެ. އެމީހެއްގެ ދީނުގައި އެމީހަކަށް ކައިވެނިކުރެވޭގޮތް އޮވެއެވެ. އެމީހެއްގެ ދީނަކާއި އެއްގޮތަށް އެމީހެއްގެ ކަށުކަމާކެމީގެ ކަންތައް ހިންގެއެވެ. އަދި އެމީހެއްގެ ދީނަކާއި އެއްގޮތަށް އެމީހަކު ވަޅުލުމަށް ގަބުރުސްތާނު ވެސް ހުރެއެވެ.
ރަސްމާލޭގައި ވަޒަންވެރި ކުރުވާ މީހުންނަށް ލިބޭ ދަރިންނަށް ހަދާނީ ކިހިނެއްބާއެވެ. އެމީހުންގެ އުފަންދުވަހުގެ ސެޓްފިކެޓް ހަދާނީ ރާއްޖޭންބާއެވެ. ނުވަތަ އެމީހުން އައި ގައުމުންބާއެވެ. ރާއްޖެއަށް އުފަންވާ ކުދިންވާނީ ދިވެހިރައްޔިތުންނަށް ބާއެވެ. ނުވަތަ އެމީހުން އައި ގައުމެއްގެ ބަޔަކަށް ބާއެވެ. މިގޮތަށް ރާއްޖެއަށް އުފަން ދަރިން ބޮޑުވެ، އެދަރިފަސްކޮޅު ގިނަވެ، 99 އަހަރު ފަހުން ރާއްޖެއަށް ފުރަތަމަ އައި ދެމަފިންގެ ދަރިން ބޮޑެތިވެ، އެކުދިން ރާއްޖޭގައި ކައިވެނިކޮށް އެކައިވެންޏަށް ދަރިންލިބި އެލިބުނު ކުދިންބޮޑުވެ، އެކުދިން މީހުންނާއި އިނދެ، އެކައިވެންޏަށްވެސް ތިބޭނީ ދަރިން ލިބިފައެވެ. މި މުއްދަތުގައި އެންމެ ފުރަތަމަ ރަސްމާލޭގައި ވަޒަންވެރިވި ދެމަފިރިން މަރުވެ، އެމީހުން ވަޅުލާފައެވެ. އެމީހުންގެ ދަރިން އެމީހުންގެ މައިންބަފައިންގެ މަހާނައިގައި މަގުބަރާވެސް ހަދާފައެވެ. އަދި އެމަގުބަރާ ހެދި ދަރިންގެ ތެރެއިންވެސް ބަޔަކު ދުނިޔެދޫކޮށް އެމީހުންގެ ދަރިން އެމައިންބަފައިންނަށްވެސް މަގުބަރާ ހަދާފައެވެ.
ރަސްމާލެ ކަންކަމުގައި އޮތީ ހަމައެކަނި ޒައިނިސްޓުންގެ މައްސަލަ އެކަންޏެއް ނޫނެވެ. މިދެންނެވުނު ބިދޭސީ އެތައްޖީލެއްގެ ތަރިކަޔާއި، ކައިވެންޏާއި، ވިހާމަރުވުމާއި، އެތައް އެތައް ހައްގުތަކެއްގެ ޒިންމާ، މި ސައްތައިން ސައްތަ އިސްލާމީ ގައުމުން، ދުބާއީ އާއި އަބޫދާބީ އަށް ވީގޮތް ނުވެ، ކުރެވިދާނެކަމަށް ގަބޫލު ކުރަނީހެއްޔެވެ.
މާތް ކަލާކޯ އަޅުގަނޑުމެންގެ ލޯމަތީ އިހައްދުވަހުވެސް ގައުމެއްގެ ރައީސް ވަގަށް ނަގައިގެން ގެންގޮސް އެހުރީ އެހެންގައުމެއްގައި ހައްޔަރުކޮށްފައި ނޫންތޯއެވެ. ވީއިރު ރަސްމާލޭގައި ވަޒަންވެރިވުމަށް އެވަރުގެ ބާރުގަދަ މީހުން އައިސް އެމީހުން ވަޒަންވެރިވެވިއްޖެނަމަ ދެން ކަންހިނގާނީ ބުއްދީގެ މަގުން ބޭރުންކަން ކަށަވަރުވާތީ ކުދިކުދި ގައުމުތަކަށް ވެފައިވާ ކަންކަން ދިރާސާކޮށްލުމުން އެނގެނީ މި ބޯކޮށްޕާލެވޭ ކަމުގައި އޮތީ ހަމައެކަނި މީހަކަށް ގެއެއް ވިއްކުމެއް ނޫނެވެ. އެމީހަކަށް ދިރިއުޅުމުގެ ހައްގު ދޭހިސާބުން ދިރިއުޅޭ އިންސާނެއްގެ އެންމެހައި ހައްގުތައް ހިމާޔާތްވާންޖެހޭ ކަމުގައި އެމީހުން ވަކާލާތު ކުރަންފަށާނެކަމަށް އަހުރަމެން ދެކެންޖެހޭނެއެވެ.
ހަވާއީ ގެ ރަސްކަން "ޑޯލް" ބްރޭންޑަށް ވީގޮތަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ " އީގަލް ހިލްސް" އަށް ނުވަނީސް ހޭއަރާކަށް ނުވޭތޯއެވެ. ކޮންމެ ގޮތެއް ވަރިހަމައެއް ނޫނެވެ.




