ޔާމީނަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާނެ!

ކޯޓް ހުކުމާމެދު ޝައްކު އުފައްދާ ކޯޓުތަކުގެ އިތުބަރާއި ހުރުމަތް ކަނޑާލަނީ މީޑިއާ މެދުވެރިކޮށް

ޔާމީނަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާނެ!

ޝަރީއަތައް ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމުގައި ޔާމީނު ވަނީ ހަޔާތް ކެޑިފައެވެ. ނޫސްވެރިކަމުގެ މިނިވަން ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކޯޓު ތަކުގެ ހުރުމަތް ކަނޑާލުމަށް ޔާމީނު ނުކުރުވާ ކަމެއްނެތެވެ. މަސްދަރު ހާމަ ނުކުރުމުގެ ހައްގުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ކޯޓު ތަކުގެ މުއައްޒަފުންނާއި ފަނޑިޔާރުންގެ މެދުގައި އިތުބާރު ކަނޑުވާލަން މަސައްކަތް ކުރާ ކުރުން އިންތިހާއަށް ބޮޑު ވެއްޖެއެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ ޔާމީނުގެ ޝަރީއަތުގެ ހުކުމް ރައީސް އޮފީހުން ގާޒީއަށް ފޮނުވި ކަމަށް ބުނެ ހަގީގަތެއް ނެތް ދޮގު ވާހަކައެއް ފެތުރުމުގެ ބޭނުން އޮޅިފައެއް ނެތެވެ. އެހެން އެ ވާހަކަ ފެތުރުމުން ޔާމީނުގެ މައްޗަށް ކުށެއް ޝަރީއަތަށް ސާބިތުވެ އުގޫބާތެއް ލިބޭ ގޮތަށް އޮތް ނަމަ ގާޒީ ގަންނާ ކުރައްވާ ބިރުން ޔާމީނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާނެ ކަމަށް ހީކުރެވެނީ ތާއެވެ.

ކުރިޔާލާ ދޮގު ވާހަކައެއް ފަތުރާލައިގެން ޝަރީއަތުން ކުރާ ހުކުމާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދާ ކޯޓުތަކުގެ އިތުބަރާއި ހުރުމަތް ކަނޑާލުމަކީ އެފާޑުގެ ވާހަކަ މާސްމީޑިއަ މެދުވެރިކޮށް ފަތުރާ ސަބަބެވެ.

ފަނޑިޔާރަކު ބައްލަވަމުން ގެންދަވާ މައްސަލައެއް ދިރާސާ ކުރުމުގައި އެ ކޯޓުގެ އެހެން ފަޑިޔާރަކު ލައްވާ މައްސަލަ ދިރާސާކޮށް ހުކުމް ލިއުއްވި ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ކޯޓުގެ އޮފިޝަލަކާ ހަވާލާދީ ފިތުނަވެރި ވާހަކަ ތަކެއް ފަތުރައިގެން ކުށުން ބަރީއަ ވުމަށް ކޯޓްތަކާއި ފަނޑިޔާރުންގެ ކަރާމާތް ގެއްލުވާލުމަކީ އަޅާ ނުލާ ތިބޭވަރުގެ ކަމެއް ނޫނެވެ.

ޒިންމާދާރު ނޫސްވެރިކަމުގައި އިންވެސްޓިގޭޓެޑް ޖާނަލިޒަމަކީ ބުންޏޯ ބުންޏޯ ވާހަކައެއް ނޫނެވެ. ސާބިތު ހިފޭ ވަރުގެ ހެއްކާ ގަރީނާ ނެތި ފަނޑިޔާރުންނާ ފަނޑިޔާރު ގޭގެ ހުރުމަތް ކަޑާލުމަކީ ގާނޫނު އަސާސީ ކަނޑައެޅިގެން މަނާކުރާ ކަމެކެވެ. ލިބިދޭ ކޮންމެ ހައްގަކީ ޒިންމާ ތަކަކާ އެކު ލިބޭ އެއްޗެކެވެ. ފަނޑިޔާރަކު ބޭއިންސާފުން ހުކުމެއް ނުކުރަނީސް ކޮށްފާނެ ކަމަށް ދައްކަން ފިތުނަ ވެރި ވާހަކަ ލިޔެ މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރެރިޒަމަށް ކޮށާ މަގެކެވެ. ފަނޑިޔާރުގެއިން ކުރާ ހުކުމަކާ މެދު ނުތަނަވަސް ކަމެއް އޮތް ނަމަ އެ ކަމެއް ބެލުމަށް މަތީ މަރުހަލާގެ ކޯޓުތައް ހުންނާނެއެވެ.

ސިޔާސީ ބޭނުމުގައި ކޯޓުތަކުގެ ހުރުމަތް ކަނޑަނީ ކޮންމެ ބަޔަކު ކަމުގައި ވިޔަސް އެ ބަޔެއްގެ މައްޗަށް ގާނޫނީ ބާރު ނުހިންގާ ދޫކޮށްލުމުން ބޮއްސުންލަނީ ގައުމުގެ އަމާން ކަމެވެ. ކުށުން ބަރީއަ ވުމަށް ޔާމީނު ކަހަލަ "ޖީވަން" ހެދިގެން އުޅޭ ސިޔާސީ މީހުންގެ މައްޗަށް އަދުލު އިންސާފުގެ މުގުރުގެ ބާރު ވެރިކަން ނުހިންގާ ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ހަދާ އަޅާނުލުމުގެ ނަތީޖާއަކީ މުޅި ޝަރުއީ ނިޒާމް ގަޑުބަޑުވެ އިތުބާރު ގެއްލުމެވެ. ސިޔާސީ ޖާސޫސުންގެ އައްޑާ އަކަށް ކޯޓުތައް ބަދަލުވުމެވެ.