ގާނޫނުގެ ރޫހާ ދެކޮޅަށް ވަކާލާތުކުރުމަކީ ވާޖިބު އަދާކުރުމެއްނޫން
ގައިރުގާނޫނީ ނިންމުމެއް ދިފާއުކުރަން ތެދުވާނީ ގައްދާރެއް

ބަންޑާރަ ނައިބަކީ ބާރުހުރި ފަރާތަކުން ދައުލަތުގެ ނަމުގައި ކުރާނެހާ ކަމެއް ކުރާނެ ގޮތަކަށް ކުރުމުން އެކަމެއް ހަލާލުކޮށްދޭން ހުންނަ މީހެއްނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންވާހާ ގޮތަކަށް ގާނޫނު ތަރުޖަމާކޮށްދޭން ހުންނަ މީހެއްވެސް ނޫނެވެ. ނިސްބަތްވާ ޕާޓީ ނުވަތަ ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނީ ލަފާދީ ގާނޫނީ ހުކުމް ނެރެދޭން ހުންނަ މީހެއްވެސް ނޫނެވެ. ސަރުކާރު ހިންގާ މީހުން އެދޭހާ ގޮތަކަށްދައުލަތުގެ ނަމުގައި ކަންކަން ދިފާއު ވަކާލާތުކޮށްދޭން ހުންނަ މީހެއްވެސް ނޫނެވެ.
ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ބާރުތައް މަސްހުނި ކުރަން ދައުލަތުގެ ނަމުގައި ވަކާލާތުކުރުމުގެ ހައްގެއް ބަންޑާރަ ނައިބަކަށް ނުއޮންނާނެއެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ބަންޑާރަ ނައިބު ހުންނަނީ ސަރުކާރުން ކުރާ އެއްވެސްކަމެއް ގާނޫނީ އިމުން ބޭރުވިޔަނުދީ މަގުދެއްކުމަށެވެ. ފާރަވެރިވުމަށެވެ. ބަންޑާރަ ނައިބު ކެބިނެޓްގައި ހުންނަނީ ސަރުކާރުން ކުރަން ބޭނުންހާކަމެއް ކުރާނެގޮތަކަށް ކުރުމަށް ގާނޫނީ ހަމަ އަޅުވާދީ އެކަންކަން ދިފާއު ކުރާކަށް ނޫނެވެ.
ގާނޫނޫ އަސާސީގެ 133 ވަނަ މާއްދާގެ (ޅ) ކިޔާލުމުން އެކަނިވެސް ބަންޑާރަ ނައިބު ކުރާންވީ ކީއްކަން ވަރަށް ވަރަށް ސަރީހަކޮށް އެނގެން އޮވެއެވެ. އެމާއްދާގައި ބުނަނީ މިހެންނެވެ. " ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ޤާނޫނުއަސާސީ އަށާއި ޤާނޫނަށެވެ. އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަކަށް ނުހިންގޭނެއެވެ."
ސާފު ބަހުން ގާނޫނު އަސާސީގައި އެހެން އޮއްވާ ރައީސް މުއިއްޒު ބޭނުންވީމާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ ގާނޫނީ ހުކޫމަތު ފުނޑާލީމާ އެކަން ދިފާއުކުރަން ބަންޑާރަނައިބު ނިކުތުމަކީ ނުރައްކާތެރި ކަމެކެވެ. ދެފޮޅުވަތް ދޭތެރެއިން ހަމަ ހޯދައިގެން ގައިރުގާނޫނީ ނިންމުމެއް ދިފާއުކުރަން ޝާރީއަތުގައި ވާހަކަ ދައްކަން ތެދުވާނީވެސް ގައްދާރެކެވެ.
ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ރައްޔިތުންގެ މަންދޫބުންގެ ގޮނޑި ސިޔާސީ ޕާޓީއެއްގެ ފިޔަވަޅުއަޅާ ކޮމެޓީއަކަށް ގެއްލުވާލެވޭ ގޮތަށް ބާރުދޭން ބަންޑާރަ ނައިބު އޮފީހުން ތެދުވެ އަނގަ ހުޅުވާލުމަކީވެސް ގާނޫނު އަސާސީއާއި ކަނޑައެޅިގެން ހިލާފުވުމެވެ. ނުފޫޒެއްގެ ދަށުވެގެން ދައުލަތުގެ ބަންޑާރަ ނައިބު ހުރުމުން އޭނާގެ މަގާމްގެ ގާނޫނީ ސައްހަކަން އެހުރީ ގެއްލިފައެވެ.
ދައުލަތުގެ ބަންޑާރަ ނައިބު ވަކާލާތު ކުރަންޖެހޭނީ ގާނޫނު އަސާސީގެ ރޫހާއި ރައްޔިތުންގެ ބާރާ ދައުލަތާ އެއްކޮޅަށެވެ. ރައީސްކަމުގައި މުއިއްޒު ހުރީތީ މުއިއްޒަށް ބާރު ހޯދާދީ ރައްޔިތުންގެ ބާރު ކަނޑުވާކަށް ނޫނެވެ. ބަންޑާރަ ނައިބު ބުނެގެންވެސް ގާނޫނު އަސާސީގައި ފާޅުކޮށް ފެންނަންނެތް ހަމަނެރެގެން ރައްޔިތުންގެ ބާރު ކެޑޭގޮތަށް ގާނޫނު އަސާސީގެ ރޫހާ ދެކޮޅަށް ފާތުމަތު ހަލީމެއް ކަމަކު ވަކާލާތު ކުރުމަކީ މަގާމުގެ ވާޖިބު އަދާކުރުމެއް ނޫނެވެ. ދައުލަތް ތަމްސީލްކުރާ ވަކީލްގެ ހައިސިއްޔަތުން ވަކާލާތު ކުރަން ޖެހޭނީ މުއިއްޒަށް ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ޖާގަދޭކަށް ނޫނެވެ. އުޝާމް ކިތަންމެ ބާރަށް ބުންޏަސް ގައިރުގާނޫނީ އަމުރައް ތަބާވާކަށް ފާތޭއަކަށް ނުޖެހޭނެއެވެ.