ޕީޖީ ޝަމީމަކީ މުއިއްޒުގެ ގޮޑިކޮއްކޮއެއް؟!
ޝަރީއަތް ކުރުމަކާނުލާ ނިހާނު މައުސޫމްވުން
މުއިއްޒު ވެރިކަމަށް ހުވާކުރުމާއެކު ފަނޑިޔާރުގެއަށް ނުފޫޒުފޯރުވުން ނިމުނީކަމަށް މުއިއްޒު އޮތީ ބުނެފައެވެ. ހުވާކުރުމަށްފަހު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން މުއިއްޒު އެހެންބުނީ ރައީސް ޔާމީނު މިނިވަން ކުރުމާ ބެހޭގޮތުން ދެއްކި ވާހަކައިގައެވެ.
ހަގީގަތަކީ އެއީއެއް ނޫނެވެ. މުއިއްޒުވެސް ބޭނުންވާ ކަމެއްކުރުމަށް ފަނޑިޔާރުގެއަށް ނުފޫޒުފޯރުވައެވެ. ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅުގައިވެސް މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒުފޯރުވާކަމުގެ ހެކިތައް ބައިވަރެވެ.
މިދާކަށް ދުވަހު ހޯމްލޭންޑް މިނިސްޓަރ އިހުސާނާއި ފުލުހުންގެ ވެރިންތަކަކާ ދެކޮޅަށް ކްރިމިނަލް ކޯޓުން ހީވީ ދެންމެ ދެންމެ ފިޔަވަޅުއަޅާ ބުރިން ހަން ނަގާފާނެހެންނެވެ. އެ މީހުން ކޯޓުގެ ހުރުމަތް ކަނޑައިގެންނެވެ. ފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެންނެވެ. ވީއެއް ނުވީއެއް ނޭގުނެވެ. ކްރިމިނަލް ކޯޓުގެ ފިޔަވަޅު އެޅުން ވެގެން ދިޔައީ ޖަމަލު ފޮޑިއަށެވެ. ބާރަށު ސުޖާއު ބުނިހެން ވެރިކަން ލިބުނީމާ މުއިއްޒު ކުޅި ކުޅެލަނީތާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރ އަހުމަދު ނިހާނު ހަސަން މަނިކުގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތުގެ އެތައް ދައުވާއެއް އުފުލުނެވެ. އުފުލުނު ދައުވާތަކުގެ ޝަރީއަތް ނުހިނގާ އެތައް ދުވަހެއްވުމަށް ފަހު ކުއްލިޔަކަށް ނިހާނު ސާފު ހުދު ފޮތިކޮޅަކަށް ވެއްޖެއެވެ. ދައުލަތުން ކުރިހާ ދައުވާ އަނބުރާ ގެންގޮސްފިއެވެ. ޝަރީއަތް ކުރުމަކާނުލާ ނިހާނު މައުސޫމް ވެއްޖެއެވެ. ދައުލަތުން ކުރާ ދައުވާތަކަކީ ނުފޫޒެއްނެތި ކުރާކަމެއް ނޫންކަން ސާބިތުވެއްޖެއެވެ. ދައުލަތުގެ ޕްރޮސިކިއުޓަރަކީ ގޮފަޅު ގޮޑިކޮއްކޮއެއްކަން ސާބިތުވެއްޖެއެވެ. ދައުލަތުން ކުރަނީ ބުރަދަނެއް ނެތް ކުޅޭކުޅޭ ދައުވާތަކެއްކަން ހާމަވެގެން ހިނގައްޖެއެވެ.
ނިހާނުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެނައުމުން ޝަރީއަތަށް މުއިއްޒު ނުފޫޒު ފޯރުވާވަރު ހާމަވެގެން ދިޔައީ ދައުލަތުގެ އިސް މަގާމަކަށް ނިހާނު އައްޔަނުކުރި ކުރުމުންނެވެ. ނިހާނު އިސްކުރި މަގާމަކީ ރައީސް މުއިއްޒަށް އިސްކުރެވޭނެ މަގާމެއް ނޫނޭ ބަޔަކު ބުނެފާނެއެވެ. ރައްޔިތުންގެ މަޖިލީހަކީ ވަކިބާރެކޭ ކިޔާފާނެއެވެ. އެކަން އޮތީ އެހެން ނޫންކަން އެންމެނަށްމެ އެނގެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ބައިންދަންވީ މީހާ މުއިއްޒު ކަނޑައަޅާ ހިސާބަށް ބަދެވިފައިވާ މަޖިލީހެއްގައި މުއިއްޒު ބޭނުންވެގެން ކުރާކަމެއް ނޫނީ ނުކުރެވޭނެ ނޫން ހެއްޔެވެ.
މަޖިލީހުގެ އިދާރީ ވެރިކަމެއް ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައިގެ ތުހުމަތުން ފޯވެފާހުރި ނިހާނަށް ދިނުމަށް މައްސަލަތައް އަނބުރާ ގެންދިއުމަކީ މުއިއްޒު ބޮޑުކޮށް ޝަރީއަތަށް އަތްބާނާކަމުގެ ހެއްކެކެވެ. މަޖިލީހެއް ފަނޑިޔާރުގެއެއް މިނިވަން މުއައްސަސާއެއް މުއިއްޒުގެ ނުފޫޒުން ނެއްޓިފައެއް ނެތްކަން އެނގޭކަމެކެވެ.