ހީރަސް ރެސިޕީ: ބަޓަރ ނާން

ހީރަސް ރެސިޕީ: ބަޓަރ ނާން

ހީރަސް ރެސިޕީގައި މިއަދު މިއޮތީ ބަޓަރ ނާން ފިހާނެ ގޮތެެވެ. ބަޓަރ ނާން އަކީ ދިވެހީންނަށް ވަރަށް ކަމުދާ އިންޑިއާގެ ރޮށީގެ ވައްތަރެކެވެ. އިންޑިއާގައި އާންމުކޮށް ނާން ފިހަނީ ތަންދޫރު ނުވަތަ ކްލޭ އުނދުނުގައެވެ. ނަމަވެސް އާދައިގެ ތަވަޔަކާ އުނދުނަކުން ވެސް ބަޓަރ ނާން ފިހެލެވޭނެއެވެ. 

ހީރަސް ރެސިޕީއިން ދޭވަޒަނަށް ތަކެތި ނަގައިގެން ފިހެވޭނީ 4 ނާންއެވެ.

  • ބޭނުންވާ ތަކެތި

240 ގްރާމް ފުށް

1 މޭޒުމަތީ ސަމުސާ ހަކުރު

2 ސައިސަމުސާ ބަޓަރު (ނާން ފިހުމަށް)

2 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު (ފުށްގަނޑަށް)

2 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު (ނާންގެ މަތީގައި ހޭކުމަށް)

1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް

½ ސައިސަމުސާ ލޮނު

½ ސައިސަމުސާ ބޭކިންގް ޕައުޑަރ

¼ ސައިސަމުސާ ބޭކިންގް ސޯޑާ

¼ ޖޯޑު ޕްލެއިން ޔޯގަޓް

¼ ޖޯޑު + 2 މޭޒުމަތީ ސަމުސާ ތާފަނާފެން 

  • ހަދާނެގޮތް

* ފިޔަވަޅު 1

  1. ބޮޑު ބޯތަށްޓަކަށް 240 ގްރާމް ފުށް، ½ ސައިސަމުސާ ލޮނު، 1 މޭޒުމަތީ ސަމުސާ ހަކުރު، ½ ސައިސަމުސާ ބޭކިންގް ޕައުޑަރ، އަދި ¼ ސައިސަމުސާ ބޭކިންގް ސޯޑާ އަޅާށެވެ.
  2. ސަމުސަލަކުން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
  3. އެއްކުރި ފުށްގަނޑުތެރެއަށް 2 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު އަޅާލާށެވެ.
  4. ¼ ޖޯޑު ޕްލެއިން ޔޯގަޓް ވެސް އަޅާލުމަށް ފަހު ފުށާއި އެއްކޮށްލާށެވެ.
  5. އެއަށް ފަހު 2 މޭޒުމަތީ ސަމުސާ ތާފެނާ ފެން ފުށްގަނޑަށް އަޅާލާފައި އެއްކޮށްލާށެވެ.
  6. ފުންގަނޑު އޮމާންވެ މޮޑެވޭވަރު ވަންދެން ފަހަރަކު 2 މޭޒުމަތީ ސަމުސާ ތާފެނާފެން އަޅަމުން ފުށްގަނޑާއި އެއްކުރަމުންދާށެވެ. (މަދުމަދުން ފެން އަޅަމުން ދިޔުމުން ފުށްގަނޑު އޮމާންވެފައި މޮޑެލަން ފަސޭހަވާނެއެވެ.)
  7. ފުށްގަނޑު ރަނގަޅަށް އޮމާންވެ މަޑު ވަންދެން އަތުން މޮޑެލާށެވެ.

ސަމާލުކަމަށް: ފުށްގަނޑު މޮޑުމަށް ގާތްގާނޑަކަށް ދެތިން މިނެޓު ނަގާނެއެވެ. އާންމުކޮށް ރޮށި ފިހާ ފުށްގަނޑަށް ވުރެ މި ނާން ފުށްގަނޑު މަޑުވާނެއެވެ. ނަމަވެސް ފުށްގަނޑުގައި އެހާ ތެތްކަމެއް ނުހުންނާނެއެވެ.  

* ފިޔަވަޅު 2 (ފުށްގަޑު މޮޑުން)

  1. ފުށްގަނޑު މޮޑެ ނިމުމުން ގުޅައަކަށް ހެދުމަށް ފަހު ބޯތަށީގެ މަތީގައި ޕްލާސްޓިކް ފުޑް ވްރެޕް ނުވަތަ ފޮތިކޮޅެއް އަޅާފައި ބަންދުކޮށްލާށެވެ.
  2. 45 މިނެޓު ވަންދެން ބަންދުކޮށްފައި ބަހައްޓާށެވެ. އޭރުން ފުށްގަނޑު އިތުރަށް މަޑުވެފައި އޮމާންވާނެއެވެ.

* ފިޔަވަޅު 3 ( މަތީގައި ހާކަން ބަޓަރު ތައްޔާރުކުރުން)

  1. ކުޑަތައްޓަކަށް 1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތނބިރި ފަތް އަޅާލާށެވެ.
  2. 2 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު ކޮތަނބިރިފަތްކޮޅުގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ.

* ފިޔަވަޅު 4 (ނާން ދެމުން)

  1. 45 މިނެޓް ހަމަވުމުން ފުށްގަނޑު ބޯތަށިން ނަގުމަށް ފަހު 4 ބަޔަށް ބަހާލާށެވެ.
  2. ރޮށިދަމާއެތީގައި ފުށްގަނޑު ތަތްވިޔަ ނުދިނުމަށްޓަކައި ދެމުމުގެ ކުރިން ރޮށިދަމާއެތީގެ މަތީގައި ހިކިފުށް އުނގުޅާލާށެވެ.
  3. ރޮށިދަމާއެތި މަތީގައި ކޮންމެ ފުށްގުޅައެއް ވެސް ގާތްގަނޑަކަށް 7 އިންޗި ބޮޑު މިނަށް، ވަށް ބައްޓަމަށް ދަމާލާށެވެ.
  4. ދަމާލި ނާންތަކުގެ އެއްފުށުގައި އުލަކުން ކުޑަ ލޯވަޅުތަކެއް ހަދާލާށެވެ. (އޭރުން ފިހާއިރު ނާންގެ އެތެރޭގައި ހެދޭ އާވިތައް ބޭރުވެ، ރީއްޗަށް ފިހެވޭނެއެވެ.)

* ފިޔަވަޅު 5 (ފިހުން)

  1. ތަވައެއް ހޫނުކުރުމަށް ފަހު ½ ސައިސަމުސާ ބަޓަރު ތަވާގައި އެއްވަރަށް ހާކާލާށެވެ.
  2. ބަޓަރު ދިޔާވެ ހޫނުވުމުން ދަމާލި ނާންތަކުން ތެރެއިން އެކަތި، ލޯވަޅުހުރި ފުށް ތިރިއަށްވާ ގޮތަށް ތަވަޔަށްލާށެވެ.
  3. ދޮޅު މިނެޓަށް ނުވަތަ 2 މިނެޓު ވަންދެން ނާންގެ ފުށެއް ފިހެލާށެވެ.
  4. އަނެއް ފުށަށް ޖެހުމަށް ފަހު އިތުރު 1.5 މިނެޓަށް ފިހެލާށެވެ.
  5. ފަހަރަކު ނާނެއް އެގޮތަށް ފިލެލާށެވެ.
  6. ކޮންމެ ނާންއެއް ވެސް ފިހެ ނިމުމުން އެހެން ތަށްޓަކަށް ނަގާށެވެ.
  7. ކޮންމެ ނާންއެއްގައި ކުރިން ތައްޔާރުކުރި ކޮތަނބިރި ފަތާއި ބަޓަރު ނާންގެ މަތީގައި ޕޭސްޓްރީ ބުރުހަކުން ހާކާލާށެވެ.

ނޯޓް: ފިހެ ނިމުމުން ނާން ހުންނާނީ މަޑު މުށިކުލައެއް އަރާފައި ބޭރުފުށް ކުޑަކޮށް މުރަނަކޮށެވެ. އެންމެ ފުރަތަމަ ނާން ފިހުމަށް ތަންކޮޅެއް ގިނައިރު ނަގާފާނެއެވެ. ނަމަވެސް ތަވާގެ ގިނި ގަދަވާން ފެށުމުން ބާކީ ހުރި ނާންތައް މިއަށް ވުރެ އަވަހަށް ފިހެވޭނެއެވެ.