ހީރަސް ރެސިޕީ: އާލިއޯ އޯލިއޯ

ހީރަސް ރެސިޕީ: އާލިއޯ އޯލިއޯ

ހީރަސް ރެސިޕީ ހާއްސަކޮށްލާނީ އާލިއޯ އޯލިއޯ އަށެވެ. އާލިއޯ އޯލިއޯ އަކީ އަވަދިނެތި އުޅޭ މީހުންނަށް ވަރަށް ކަމުދާނެ ބާވަތެކެވެ. އާއްމުކޮށް އާލިއޯ އޯލިއޯ ތައްޔާރު ކުރަނީ ސްޕެގެޓީގައެވެ. ނަމަވެސް ގޭގައި އެ ވަގުތެއްގައި ހުރި ޕާސްޓާގެ ބާވަތެއް ބޭނުން ކޮށްގެންވެސް އާލިއޯ އޯލިއޯ ހަދާލެވިދާނެއެވެ. ހީރަސް ރެސިޕީގައި ހިމަނާނީ ޕާސްޓާ އެވެ. 

ރެސެޕީއިން ތައްޔާރު ކުރެވޭނީ 2 މީހުންނަށް ވާވަރަށެވެ.

  • ބޭނުންވާތަކެތި

4 ލޮނުމެދު

2 ހިކިމިރުސް

2 ޖޯޑު ޕާސްޓާ

4 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

10 ހިކަނދިފަތް

4 ޗީޒް ފޮތި

  • ހަދާނެގޮތް

ފިޔަވަޅު 1

  1. ތެއްޔަކަށް ފެންއަޅައި އެބޮކި ޖަހާ ކެކިގަންނަންދެން އުނދުން މަތީގައި އުދާފައި ބަހައްޓާށެވެ.
  2. ފެންގަނޑު ކެކިގަތުމުން ޕާސްޓާ، ލޮނު އަދި މޭޒުމަތީ ސަމްސަލެއްގެ އޮލިވް އޮއިލް އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ކެކެންދެން ބަހައްޓާށެވެ. ( ޕާސްޓާ ކެކެން 10 – 15 މިނެޓް ވެދާނެއެވެ. ޕާސްޓާ ކެކުމުން އެ ހުންނަންވާނީ މަޑުކޮށެވެ. ޕާސްޓާ މަޑުކުރާނީ އޭގައި ދަތް އަޅާލުމުން ކޮންމެވެސް ވަރެއްގެ އޮއްޓަރެއްވެސް އިހުސާސް ކުރެވޭ ވަރަށެވެ.)

ފިޔަވަޅު 2

  1. ޕާސްޓާކޮޅު ކެކެމުން ދާއިރު ލޮނުމެދުކޮޅު ކޮށާލާށެވެ.
  2. ހިކަނދިފަތް އަދި މިރުސް ކުދިކޮށް ތުނިކޮށް ކޮށާލާށެވެ. 

ފިޔަވަޅު 3

  1. ޕާސްޓާކޮޅު ކެކުނީމައި، ފުރާނާލަފައި އެއްޗަކަށް އަޅައި ބަހައްޓާށެވެ.
  2. ޕާސްޓާ ކެއްކި ފެންގަނޑުގެ ޖޯޑެއްހާ އެތިކޮޅެއްވެސް ނަގާފައި ވަކިން ބަހައްޓާށެވެ.

ފިޔަވަޅު 4

  1. ކުޑަ ތެއްޔެއް އުނދުން މައްޗަށް އުދާ މޭޒުމަތީ ސަމުސަލެއްހާ ތެޔޮކޮޅެއް އަޅާލާށެވެ.
  2. ވަރަށް ގިނިމަޑުކޮށް ބަހައްޓައިގެން ލޮނުމެދުކޮޅާއި ހިކަނދިފަތާއި މިރުސް ކޮޅު އަޅައިގެން 5 ވަރަކަށް މިނެޓުވަންދެން ހަނާލާށެވެ. (ލޮނުމެދުކޮޅު އެނދިޔަ ނުދެއްޗެވެ.)

ފިޔަވަޅު 5

  1. މަޑުކޮށްފާހުރި ޕާސްޓާކޮޅު އޭގެ ތެރެއަށް ހަނަކުރި މިރުހާ ހިކަނދިފަތާ ލޮނުމެދުކޮޅު އަޅާލާށެވެ.
  2. މާ ހިކިހެން ހީވާނަމަ ޕާސްޓާ ކެއްކިފެނުން ނެގި ފެންފޮދުން ކުޑައެތިކޮޅެއް އޭގެ ތެރެއަށް އަޅާލާށެވެ.
  3. ޕާސޤޓާ ކޮޅުތެރެއަށް އެޅި އެއްޗެތި ރަނގަޅަށް އެއްކޮށްލާށެވެ.
  4. އެއްވުމުން، ޗީޒް ފޮތިތައް އެޅުމަށްފަހު އަނެއްކާވެސް އެއްކޮށްލާށެވެ.
  5. އަނގަޔަށް މީރުކޮށްލަން ބޭނުމިއްޔާ މަސް ދަޅެއްވެސް އަޅާލެވިދާނެއެވެ.