ހީރަސް ރެސިޕީ: ރިހާކުރު ރިހަ

ހީރަސް ރެސިޕީ: ރިހާކުރު ރިހަ

ހީރަސް ރެސިޕީގައި މިއަދު ހުށަހަޅާލަ ދޭނީ ރިހާކުރު ރިހައެވެ. ރިހާކުރު ރިހައަކީ ތައްޔާރުކޮށްފައި ހުންނަތަން ތަންކޮޅެއް މަދުން ފެންނަ ރިހައެކެވެ. ނަމަވެސް މިއީވެސް ރާއްޖޭގައި ކައްކާއުޅޭ ރިހައެކެވެ. ރިހާކުރު ރިހަ ކައްކާ އުޅޭ ގޮތުގައި ތަފާތުތަކެއް ހުރެއެވެ. ބައެއް މީހުން ކައްކަނީ ރިހާކުރު ރިހަ ކައްކަނީ އައްޑޫ ހަވާދު އަޅައިގެންނެވެ. އެނޫން ހަވާދު ތަކުގައިވެސް މިރިހަ ކައްކައެވެ.

ހީރަސް ރެސިޕީގައި މިނެދޭވަރުން ރިހާކުރު ރިހަ ކެއްކޭނީ 3-4 މީހުންނަށް ވާވަރަށެވެ.

  •  ބޭނުންވާތަކެތި

4 މޭޒުމަތީ ސަމުސާ ރިހާކުރު 

2 ފިޔާ

8 ހިކި މިރުސް 

15 ހިކަނދިފަތް

1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި

1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް

1 ލޮނުމެދު

6 އިންޗީގެ ރާނބާފަތް ކޮޅެއް

3 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި

2 ބިލަމަގު 

½ 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު

½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

1/3 ޖޯޑު ހުނި

3/4 ޖޯޑު ކޮށާފައިހުރި ވަޅޯމަސް

2 މޭޒުމަތީ ސަމުސާ ތެޔޮ

2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)

8 މޭޒުމަތީ ސަމުސާ ފެން (ހަވާދަށް)

½ ޖޯޑު ބޯކިރު

  • ހަދާނެގޮތް

ފިޔަވަޅު 1

  1. އެއްފިޔާ ކޮށާލާށެވެ. ކޮށާނީ ތަންކޮޅެއް ބޮޑެތިކޮށް ފޮތިތައް ހުންނާނެ ގޮތަށެވެ.
  2. ބޮޑު ތަވައެއް އުދާ އެ ރަނގަޅަށް ހޫނުކުރުމަށްފަހު އެއަށް ކޮތަނބިރިކޮޅާއި ދަވިއްގަނދުކޮޅާއި ދިރިކޮޅާއި އަސޭމިރުހާއި ލޮނުމެދާއި ހުންޏާއި 10 ހިކަނދިފަތާއި ރާނބާފަތްކޮޅުގެ ދެބައިކުޅައެއްބަޔާއި ހިކިމިރުސްކޮޅާއި ކޮށިފިޔާކޮޅު އަޅާށެވެ.
  3. މެދުމިނެއްގައި ގިނި ބަހައްޓައިގެން ހުނިކޮޅަށް މުށިކުލަ އަރަންދެން ތެލީގައިހުރި ތަކެތި ހަނާކުރާށެވެ. ހަނާވަމުންދާއިރު ތަވާތެރޭގައިވާ ތަކެތި ދޭތެރެ ދޭތެރެއިން ދޭފަތަކުން ހާވާލަންވާނެއެވެ. އެއީ އެއްވެސް އެއްޗެއް އެނދިޔަ ނުދިނުމަށެވެ.
  4. ތަވައިން އެތަކެތި ނަގާށެވެ. އަދި އެތަކެތި ހިހޫވީމައި 8 މޭޒުމަތީ ސަމުސަލުގެ ފެނާއިއެކު ކަރަންޓު މިކްސަރު ބޭނުން ކޮށްގެން މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑެއް ހެދެންދެނެވެ.

ފިޔަވަޅު 2 

  1. ބާކީ އޮތްފިޔާ ތުނިކޮށް ކޮށާލާށެވެ.
  2. ތެއްޔަކަށް ތެޔޮކޮޅު އަޅާލާފައި ތެޔޮކޮޅު ހޫނުވުމުން އޭގެތެރެއަށް ތުނިކޮށްކޮށި ފިޔާކޮޅާއި، 5 ހިކަނދިފަތާއި، ގިތެޔޮމިރުހާއި ބާކީއޮތް ރާނބާފަތްކޮޅު އަޅާލާފައި ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާލާށެވެ.

ފިޔަވަޅު 3

  1. ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު ތެއްޔަށް އަޅާލާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު މިނެޓެއްހާއިރު ކެކިލަން ބަހައްޓާލާށެވެ.
  2. ދެން ފެނާއި ވަޅޯމަސްކޮޅު ތެއްޔަށް އަޅައި އެއްކޮށްލާފައި ބޮކިޖަހާލަންދެން ކައްކާލާށެވެ.
  3. އެއަށްފަހު ބޯކިރުކޮޅާއި ބިލަމަގު އަދި ރިހާކުރުކޮޅު ތެއްޔަށް އަޅާލާށެވެ. ބިލަމަގު އަޅާނީ ފަޅާލާފައެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގައި މަތިޖަހާފައި ގިނި މަޑުކޮށްލާށެވެ.
  4. މަޑުގިނީގައި ބަހައްޓައިގެން ވިއްސަކަށް މިނެޓު ކައްކާލާށެވެ. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ބޭނުންވާ ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލަން ވާނެއެވެ.

ނޯޓް: ރިހާކުރު ރިހައަކަށް މިރެސިޕީގައި ލޮނެއް ނުލަމެވެ. އެއީ ރިހާކުރުކޮޅުން ބޭނުންވާ ވަރުގެ ލޮނުރަހައެއް ލިބޭނެތީއެވެ. ނަމަވެސް ބޭނުމިއްޔާ ބޭނުންވާ ވަރަށް ލޮނުރަހަލައްވަން ލޮނުކޮޅެއް އަޅާލެވިދާނެއެވެ.