ހީރަސް ސުފުރާ: ކަނޑުމަހު މުސަންމާ
ތައްޔާރު ކޮށްލަން ވަރަށް ފަސޭހަ
ހީރަސް ސުފުރާ ފަޅުފިލުވާލުމަށް މިފަހަރު ތައްޔާރު ކުރާނީ ކަނޑުމަހު މުސައްމާއެވެ. ކަނޑުމަހު މުސައްމާ ތައްްޔާރު ކުރުމަކީވެސް މާބޮޑު ކަމެއް ނޫނެވެ. ލައިގެން ކެމުމަށް ފިސާރި ފައްކާ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
- 300 ގްރާމް ކަނޑުމަސް
- 10 ހިކި މިރުސް
- 2 ބޮޑު ފިޔާ
- 10 ހިކަނދިފަތް
- 4 މޭޒުމަތީ ސަމުސާ ކޮތަނބިރި (ނުމުގުރާ)
- ½ 2 މޭޒުމަތީ ސަމުސާ ދަވިއްގަނދު (ނުމުގުރާ)
- ½ 1 މޭޒުމަތީ ސަމުސާ ދިރި (ނުމުގުރާ)
- 1 ސައިސަމުސާ އަސޭމިރުސް (ނުމުގުރާ)
- 4 ކާފޫރުތޮޅި
- 6 އިންޗީގެ ފޮނިތޮށި (ދެބުރި ކޮށްލާފައި)
- 2 ލޮނުމެދު
- ¼ އިންޗީގެ އިނގުރުކޮޅެއް
- ¼ ސައިސަމުސާ ރީނދޫ
- 1/3 ޖޯޑު ކަނަމަދު
- 1/3 ޖޯޑު ހިކި މޭބިސްކަދުރު
- 12 އިންޗީގެ ރާނބާފަތް (މަސްކޮޅު ބަނުމަށް)
- 6 އިންޗީގެ ރާނބާފަތް (ރިހަ ކެއްކުމަށް)
- ½ ޖޯޑު ކާށި ކިރު
- 9 މޭޒުމަތީ ސަމުސާ ފެން (ހަވާދު ހެދުމަށް)
- 2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)
- 5 މޭޒުމަތީ ސަމުސާ ތެޔޮ
- 1 ސައިސަމުސާ ލޮނު (ރަހަލާވަރަށް)
ތައްޔާރުކުރާނެ ގޮތް:
- ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރާށެވެ. ހޫނުވުމުން އޭގެތެރެއަށް ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ކާފޫރުތޮޅީގެ އޮށް، ފޮނިތޮށި، ލޮނުމެދު އަދި އިނގުރުކޮޅު އަޅާލާށެވެ. ދެން، ކޮތަނބިރިކޮޅަށް ރަންމުށިކުލަ އަރަންދެން ހަނާކުރާށެވެ.
- ހަނާވުމުން ތަވައިން އެތަކެތި ނަގާ އެއްޗަކަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ. ދެން ހިހޫ ވިމާ ރީނދުލާއި، ½ ސައިސަމުސާ ލޮނާއި، 9 މޭޒުމަތީ ސަމުސާ ފެނާއިއެކު މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑަކަށް ވަންދެނެވެ.
- ފިޔާ ތުނިކޮށް ކޮށާލާށެވެ.
- 3 މޭޒުމަތީ ސަމުސާ ތެޔޮ ތަވައަކަށް އަޅައި ހޫނުކުރާށެވެ. ހޫނުވުމުން، ކޮށި ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި ތެޔޮކޮޅުގެ ތެރެއަށް އަޅާފައި ރަންމުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
- ކަނަމަދާއި ހިކި މޭބިސްކަދުރުކޮޅު ތެއްޔަށް އަޅާލާށެވެ. މޭބިސްކަދުރުތައް ފުފި ފިޔާކޮޅު ރަތް ވަންދެން ކައްކާށެވެ. ކެކުނީމައި ބޯތަށްޓަކަށް ނަގާށެވެ. އަދި މިގޮތަށް ނެގުމަށްފަހު މާތެޔޮކޮށް ހުރިހެން ހީވަންޏާ ޓިޝޫކޮޅެއް ބޭނުންކޮށްގެން ތެޔޮކަން ކުޑަކޮށްލެވިވެސް ދާނެއެވެ.
- ފިޔާތައް އެޅި ބޯތަށީގެ ތެރެއަށް ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު އަޅައި އެއްކޮށްލާފައި ބަހައްޓާށެވެ.
- ކަނޑުމަސްކޮޅު ފޮތިކޮށްލުން:-
- ފުޅާމިނުގައި 2 އިންޗި، ދިގުމިނުގައި 4 އިންޗި ހުންނާނެ ތުނި ފޮތިތަކަކަށް ކަނޑުމަސްކޮޅު ކޮށާލާށެވެ. ބޯމިން ބަހައްޓާނީ އެތެރެއަށް ހަވާދުގަނޑު އަޅާފައި އޮޅާލަން ފަސޭހަވާނެ ވަރަށެވެ. (ކަނޑުމަސްކޮޅު 2 އިންޗީގެ ގޮޅިގޮޅިއަށް ކޮށުމަށްފަހު އޭގެ ތެރެއިން ތޫނު ވަޅިއެއް ވަށާ ހިންގާލައިގެން މަސްކޮޅު ފަތާވެސް ކޮށްލެވިދާނެއެވެ.)
- 12 އިންޗީގެ ރާނބާފަތްކޮޅު ހިމަ ދިގު އެތިކޮޅުކޮޅަށް ކޮށާލާށެވެ. މި ރެސިޕީއަށް 12 އިންޗީގެ ދިގުމިން ހުރި 6-8 އެތިކޮޅު ބޭނުންވާނެއެވެ.
- ކަނޑުމަސް ފޮއްޗެއް ތަށްޓެއްގައި ބާއްވާ ފަތާކޮށްލާށެވެ. ދެން ފޮތީގެ މެދަށް ކުރިން ކަނަމަދާއި ފިޔައާއި ހަވާދާއި އެއްކޮށްގެން ތައްޔާރުކުރި އެތީގެ ސައިސަމުސަލެއްހާ އެތިކޮޅެއް އަޅާފައި ސަމުސަލުން ކުޑަކޮށް މަސްކޮޅު މަތީގައި އެ ފަތުރާލާށެވެ. ދެން އޮޅާލާފައި ރާނބާފަތް ކޮޅަކުން ބަނދެލާށެވެ. ހުޅުވިދާނެ ހެން ހީވަންޏާ ދަތްކޮށްޓިއެއްވެސް ހަރާލެވިދާނެއެވެ. ހުރިހާ މަސްފޮތި ތަކެއް ހުސްވަންދެން މިހެން ހަދާށެވެ. ހަވާދުކޮޅެއް ބާކީވާނެއެވެ. އެ ދެން ބޭނުން ކުރާނީ ރިހަ ކައްކާއިރުއެވެ.
- 10. ރިހަ ކެއްކުމުގެ ބައި:-
- ފުރަތަމަ 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ. ތެޔޮކޮޅު ހޫނުވުމުން ކޮށި ފިޔާކޮޅުގެ ބާކީހުރި ބަޔާއި، 6 އިންޗީގެ ރާނބާ ފަތާއި، ހިކަނދިފަތް ތެއްޔަށް އަޅައި ފިޔާކޮޅު މަޑުވެ ރަންކުލަ އަރަން ފަށަންދެން ކައްކާށެވެ.
- މަސް ފޮތިތަކަށް ހަވާދު އަޅައި ނިމުންއިރު ބާކިވެފައި ހުރި ހަވާދު ކޮޅު ތެއްޔަށް އަޅާލާށެވެ. އަދި އެއާއި އެކު ކާށިކިރުކޮޅާއި، 2/3 ޖޯޑު ފެނާއި، ½ ސައިސަމުސަލުގެ ލޮނު ކޮޅެއްވެސް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާށެވެ.
- ބޮކިޖަހާ ކެކެން ފެށުމުން ގިނި މަޑުކޮށްލާށެވެ. ދެން ރާނބާފަތުން ބަނދެ ތައްޔާރުކުރި މަސްކޮޅުތައް ތެލިތެރޭގައި ރީއްޗަށް އަތުރާލާށެވެ. ދެން ތެލީގެ މަތިޖަހާފައި މަސްކޮޅު ރޯފިލަންދެން ކައްކާށެވެ. ގާތްގަނޑަކަށް 20 ވަރަކަށް މިނެޓް ވާނެއެވެ. ކެކެމުން ދާއިރު އެއްގޮތަކަށްވެސް ދޭފަތުން ނުހަލާށެވެ. ހަލާލަން ބޭނުން ވެއްޖިއްޔާ ތެލި އުފުލާލާފައި ކުޑަކޮށް ތަޅުވާލާށެވެ. އަދި ކޮންމެހެން ހަދާފައިވެސް މަސްކޮޅެއް ފުށުން ޖަހަން ބޭނުންވެއްޖެއްޔާ އެކަން ކުރާނީ ދެ ސައިސަމުސާ ބޭނުން ކޮށްގެން ވަރަށް މަޑު މަޑުންނެވެ. އަދި އެކަންކުރަންވާނީ ކެއްކުމުގެ ވީހާވެސް ފަހުކޮޅުގައެވެ.