ހީރަސް ސުފުރާ: ބަޓަރ ޗިކަން

ބަޓަރޗިކަން ހަދާލުމަކީ އުނދަގޫ ކަމެއް ނޫން

ހީރަސް ސުފުރާ: ބަޓަރ ޗިކަން

ހީރަސް ސުފުރާ މިފަހަރު ހާއްސަ ކޮށްލާނީ ބަޓަރ ޗިކަން އަށެވެ. ބަޓަރޗިކަން ހަދާލުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. މި ފަހަރުގެ ރެސިޕީ އެކުލަވާލާނީ ފަސް މީހަކަށް ވާވަރަށެވެ.

ބޭނުންވާތަކެތި:

  • 500 ގްރާމް ބޯންލަސް ކުކުޅު
  • 1 ފިޔާ
  • 4 ލޮނުމެދު
  • 7 ކާފޫރު ތޮޅި
  • 2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
  • 2 ސައިސަމުސާ ދިރި
  • 2 ސައިސަމުސާ ކޮތަނބިރި
  • 1 ސައިސަމުސާ ގަރަމް މަސާލާ
  • 1 ސައިސަމުސާ ތެޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
  • 2 ސައިސަމުސާ ތަންދޫރީ ހަވާދު
  • 2 މޭޒުމަތީ ސަމުސާ ބަޓަރު
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
  • 1 ސައިސަމުސާ ހަކުރު
  • ¾ ޖޯޑު ކާށި ކިރު
  • ½ ޖޯޑު ޕްލެއިން ޔޯގަޓް
  • ½ ޖޯޑު ޓޮމާޓޯ ޕިޔުރީ

ހަދާނެގޮތް:

  • ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށް ކުކުޅު ކޮށާށެވެ.
  • ލޮނާއި ދިރިއާއި ކޮތަނބިރިއާއި ގަރަމް މަސާލާއާއި ތެޅިމިރުހާއި ޔޯގަރޓް  ބޮޑު ބޯތަށްޓެއްގައި އެއްކުރާށެވެ.
  • ތައްޔާރު ކުރެވުނު މަސާލާ ބޯތަށީގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ.
  • ގިނައިރު ބަހައްޓަން ބޭނުންވާނަމަ ބަހައްޓާނީ ފްރިޖްގައެވެ.
  • ފިޔާ ތުނިކޮށް ކޮށާލާށެވެ.
  • ލޮނުމެދުތައް ޗަސްކޮށްލާ ކާފޫރުތޮޅިކޮޅުގެ ކޮޅުތައް ކަނޑާލާށެވެ.
  • ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮކޮޅު އެކުގައި ހޫނު ކުރާށެވެ.
  • ގިނި މެދުމިނެއްގައި ބަހައްޓާފައި އެއަށް ފިޔާ އަދި ކާފޫރު ތޮޅިކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާށެވެ.
  • ދެން ލޮނުމެދުކޮޅު އަޅާލާފައި އެއްކޮށްލުމަށްފަހު ބައި މިނެޓުވަރު ކައްކާލާށެވެ.
  • ތަންދޫރީ ހަވާދު އަޅާ އެއްކޮށްލާށެވެ.
  • ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ޓޯމާޓޯ ކެޗަޕް، ކުކުޅު އަދި ހަކުރުކޮޅު ތެއްޔަށް އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
  • ކާށިކިރުކޮޅުވެސް އަޅާލާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.
  • ތެލީގެ މަތި ޖަހާ ގިނި މަޑު ކޮށްލުމަށްފަހު 30 މިނެޓުވަރު ކައްކާލާށެވެ.
  • އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ލޮނާއި ކުޅި ރަހަ ހެޔޮވަރު ކުރާށެވެ.
  • ޓޮމާޓޯ ޕިޔުރީއާއި ހެދި ރިހަ މާބޮޑަށް ހުތް ހެން ހީވާނަމަ އަދި އިތުރު ހަކުރު ކޮޅެއް އަޅާލާށެވެ.
  • ކުކުޅުގައި ހަވާދުގެ ރަހަ ބޮޑަށް ލައްވާލަން ބޭނުންވާނަމަ ހަވާދުގަނޑު ހާކައިފައި ގިނައިރުވަންދެން ކުކުޅު މެރިނޭޓް ކުރާށެވެ.