ހީރަސް ސުފުރާ: އޯޓުކުޅި ބޯކިބާ

އޯޓު ބޯކިބާ އެޅުން ނިކަން ފަސޭހަ

ހީރަސް ސުފުރާ: އޯޓުކުޅި ބޯކިބާ

ހީރަސް ސުފުރާ ހިމަނާލަން މިއުޅެނީ އާދައިގެ  ކުޅި ބޯކިބަލެއް ނޫނެވެ. އޯޓްސް ބޭނުން ކޮށްގެން އަޅާ އޯޓުކުޅި ބޯކިބާ އެޅުމަކީ ނިކަން ފަސޭހަކަމެކެވެ.

ބޭނުންވާތަކެތި:

  • 1 ޖޯޑު އޯޓްސް
  • 1 ޖޯޑު ފެނުކައްކާފައިވާ އަލުވި
  • 1 މަސްދަޅު
  • 1/2 ލުނބޯގެ ހުތް
  • 1 ފިޔާ
  • 10 ހިކަނދިފަތް
  • 1/2 ގިތެޔޮމިރުސް
  • 1/4 ސައިސަމްސާ ރީނދޫ
  • 1 ސައިސަމުސާ ޗިސްކޮށްފައިވާ އިނގުރު
  • 1 ލޮނުމެދު (ޗިސްކޮށްފައި)
  • ރަހަލާވަރަށް ލޮނު
  • 1 ސައިސަމްސާ ތެޔޮ

ހަދާނެގޮތް:

  • އޯޓްސް ޕެކެޓުގައިވާ ބުނެފައިވާ ގޮތަށް އޯޓްކޮޅު ތައްޔާރުކޮށްލާށެވެ. ފެންކޮޅަކަށް އަޅާފައި ކުޑައިރުކޮޅަކު ބަހައްޓާލުން ނޫންކަމެއް ކުރާކަށް ވަރަށް މަދުން ނޫނީ ޕެކެޓްގައި ބުނެފައެއް ނޯވެއެވެ.
  • ގިތެޔޮމިރުހާއި ފިޔައާއި ހިކަނދިފަތް ތުނިކޮށް ކޮށާލާށެވެ.
  • ކޮށި ތަކެއްޗާއި އިނގުރާއި، ލޮނުމެދާއި، ލުނބޯ ހުތް ލޮނުކޮޅާއި އެކު ރަނގަޅަށް މޮޑެލާށެވެ.
  • މޮޑެލި ތަކެތީގެ ތެރެއަށް މަސްދަޅާއި، އަލުވި، ރީނދޫ އަދި އޯޓްސްކޮޅު އަޅައި އެއްކުރާށެވެ.
  • ތަވައެއް އުދާށެވެ. ނޮން ސްޓިކް ވައްތަރުގެ ތަވައެއް އޮތީއްޔާ ރަނގަޅީ އެ ބޭނުން ކުރުމެވެ.
  • ތެޔޮކޮޅު ޓިޝޫކޮޅެއް ބޭނުންކޮށްގެން ތަވާގައި ރަނގަޅަށް ހާކާލާށެވެ.
  • އެއްކުރި ސާމާނު ތަވަޔަށް އަޅާލާފައި ރީތިކޮށް ފަތުރާލާ އޮމާންކޮށްލާށެވެ. ބައި އިންޗިއެއްހާ ބޯމިން ހުންނާނެ ވަރަށް ފަތުރާލީމަ ރަނގަޅުވާނެއެވެ.
  • ގިނި ބަހައްޓާނީ މަޑުކޮށެވެ. އަދި ބޯކިބަލުގެ މަތީބައިގެ ތެތްކަން ފިލަންދެން  ފިހުމަށްފަހު ފުށުން ޖަހާށެވެ.
  • ފުށުންޖެހުމުން އަޑީގައި އޮތް ބަޔަށް ރަން މުށިކުލަ އަރަންދެން ފިހާށެވެ.