ސަލާންޖަހައިގެން އެއްޗެއް ނުލިބުމުން ގޯސްކުރީ ނޫސްވެރިން!

އެކުވެރި ގައުމުތަކާ އެކީ އޮންނަ ގުޅުމަށް އަސަރުކުރަނީ މީޑިއާތަކުން ގެނެސްދޭ ހަބަރުތަކުން ނޫނެވެ. ބައިނަލްއަގުވާމީ ގުޅުންތަކަށް ނުބައި އަސަރު ކުރަނީވެސް މީޑިއާތަކުން ގެނެސްދޭ ހަބަރު ތަކަކުން ނޫނެވެ. "އަބްހަލީލު" ކަހަލަ ރޯނުުއެދުރުން ކުރާ ކަންތަކާއި ދައްކާ ވާހަކައިންނެވެ.
ނާށިގަނޑު ހިފައިގެން މުޅި ދުނިޔޭގައި ސަލާންޖަހަމުން ދުވެދުވެ ވަރުބަލިވީތާއެވެ. އެއްޗެއް ދިއްކޮށްލާނެ މީހަކު ނުވީމާ ނޫސްތަކާއި ނޫސްވެރިން ކުށްވެރި ކުރަން ނުހަދާށެވެ. ނޫސްތަކުގައި ޖަހަނީ މީހަކު ނުވަތަ ބަޔަކު ކުރާ ނުވަތަ ކުރި ކަމެއްގެ ވާހަކައެވެ. ދެއްކި ނުވަތަ ދައްކާ ވާހަކައެކެވެ. ކަމެއް ހިގާގޮތުން ކަންކަން ހިނގާފާނެ ގޮތުގެ ވާހަކައެވެ. ރުޅިއަޔަސް ބޭނުން ނުވިޔަސް ނޫސްވެރިން ހަބަރާއި މައުލޫމާތު ގެނެސްދޭނެއެވެ.
ދައުލަތް ހިންގަން ހަވާލުވާން ވެގެން ދެއްކި ވާހަކާއި ހަވާލުވުމަށް ފަހު ވަމުންދާ ގޮތުގެ ވާހަކަ ދައްކާނެއެވެ. ދެއްކޭނެއެވެ. ލޯކުރިމަތީގައި ދިމާއަށް ފެންނަ ހުންނަ ކަންކަން އޮޅުވާލާ ހީލަތާ މަކަރު ހަދަންޏާ އެ ވާހަކަވެސް ލިޔާނެއެވެ. ދައްކާނެއެވެ.
ގައުމުތަކުގެ އިގްތިސޯދީ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަޒަންކޮށް ހާމަކުރާ މިންގަނޑުތަކުގެ ވާހަކަވެސް ނޫސްވެރިން ދައްކާނެއެވެ. ރޭޓިން އެޖެންސީތަކުން މިންކުރާއިރު އަހަރުން އަހަރަށް ދަށްވެ ބަނގުރޫޓްވުމާ ކައިރިއަށް ގައުމު ދިޔައިމާ އެ ވާހަކަތައް ފަލަ ސުރުހީއަށް އަރާނެއެވެ.
ރަތްޓީ ޝާޓްލައިގެން މޭމަތީގައި އިންޑިއާ އައުޓު ޖަހައިގެން މާލޭގެ މަގުތަކުގައި ގުންފައި ޖަހާފައި އުޅުނު ތިޔަ ބުނާ ގައުމިއްޔަތު ކޮބައިންހެއްޔެވެ. ސިޔާދަތޭ ބެކްޔާޑޭ ގެރިގޮރޭ ގޮވާ ނެގިއިރު ގައުމެއް އޮތްކަމަކަށް ނުވިއެވެ. އެކުވެރި ގައުމުތަކާ އެކީ އޮންނަ ގުޅުމަށް އޭގެ އަސަރެއް ބުރުލެއް އަރާކަމަށް އޭރު ނުވި ބަޔަކު މިހާރަކު އެ ދައްކަނިއްޔަކީ ދައްކަން ތާހިރު ވާހަކައެއް ނޫނެވެ.
ގައުމުގައި ނާގާބިލުކަމާއި ރޭވުންތެރިކަން ނެތުމާއި ދަރަނިވެރިކަން ބޮޑުވެ އަނގަޔާ އަތާ ދިމާނުވާ ވަރަށް ގައުމުގެ ހާލަތު ދަންޏާ އެވާހަކަ ނުދައްކައެއް ނޫސްވެރިންނެއް ކަމަކު ނުތިބޭނެއެވެ. ބަވަނަވެތި ދުނިޔޭގައި ކަންކަން އަތްއަޅައިގެން ނުފޮރުވޭނެއެވެ. އަތްއަޅައިގެން ފޮރުވޭނީ އަތްތިލައެއްހާ ތަނެވެ.
ގައުމު ބަނގުރޫޓްވުމުގެ ހާލަތުގައި އޮންނައިރު ލިބޭހާ ފައިސާ ވެރިން އިސްރާފުކޮށް ތަޅާ ބުރުއްސަންޏާ އެވާހަކަވެސް ދައްކާނެއެވެ. ވެރިން ކުރާ އިސްރާފާއި ކުރާ ވައްކަމާއި ވާހާ ހިޔާނާތުގެ ވާހަކަ ދެއްކޭތީ ފައިތުރުތުރު އަޅާނެކަމެއް ނެތެވެ. ބޭރުން އެހީތެރިކަން ދޭން ބޭނުންވާ ގައުމުތަކާއި ޖަމާއަތްތަކުން އެއަޑުތައް އިވި އެހީތެރިނުވާތީ އަބްހަލީލުމެން ކޮށިއަރާނެއެވެ. ގުޅުމޭ ބުރުލޭ ކިޔައިގެން ތިޔަ ދައްކަނީ އެވާހަކަ ނޫން ހެއްޔެވެ. މުޅި ދުނިޔޭގައި ފެތުރި ވެއްޓި ކަލާކޮއްޓަކާ ގޮވައިގެންވެސް ކަމެއް ނުވީމާ ނުބައި މިވީ ނޫސްވެރިންނެވެ.