ޕޮލިޓިކަލް އެކްޓިވިޒަމޭ ބުނެ ނޫސްވެރިންނާ ޒާތީވިޔަސް ވައްކަން ނުފޮރުވޭނެ
މާފަންނު ރައްޔިތުންނާ ބައްދަލު ކުރުމަށް ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު އަމިއްލަ ހައިސިއްޔަތުން ސުވާލުތަކެއް އޮއްސާލުމުން ދޭނެ ޖަވާބެއް ރައީސް މުއިއްޒުގެ ނެތުމަކީ ނޫސްވެރިކަމާއި ނޫސްވެރިންގެ މައްސަލައެއް ނޫނެވެ. އަމިއްލަ ހައިސިއްޔަތުންވިޔަސް އެ ނޫސްވެރިޔާ އެދެއްކީ ހައްގު ތެދު ވާހަކައެވެ. ރައްޔިތުންގެ ކަންބޮޑުވުން ހުރި ސަރުކާރުން ހިންގާ އެތައް ޖަރީމާއެއްގެ ވާހަކައެވެ.
މުއިއްޒު ސަރުކާރުން ހިންގާ ޖަރީމާތަކުން ކުޑަ މިންވަރެއް ރައްޔިތުންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ހިއްސާ ކޮށްލުން މުއިއްޒަށް އެއްގޮތަކަށް ވެސް ހަޖަމެއް ނުކުރެވުނެވެ. ކަންބޮޑުވުންތައް ކުރިމަތިކުރުވި ނޫސްވެރިޔާ މަސައްކަތްކުރާ ނޫހާއި އެ ނޫހުން ކުރާ ނޫސްވެރިކަމަކީ ޕޮލިޓިކަލް އެކްޓިވިޒަމް ކަމަށް މުއިއްޒު ބުނެ، ސަރުކާރުން ހިންގާ ޖަރީމާތައް ފޮރުވަން ޒާތީވުމަކުން ފޮރުވަންއުޅޭ ޖަރީމާތަކެއް ނުފޮރުވޭނެއެވެ.
މުއިއްޒު ކިތަންމެ ބާރަށް ބުންޏަސް ސަރުކާރާއި އެއްކީލި ޕޮލިސީ ނޫސްވެރިކަމަށްވެފައި ސަރުކާރާ އިދިކީލި ޕޮލިސީ ނޫސްވެރިކަމަށް ނުވާނެ ގޮތެއް ނުއޮންނާނެއެވެ. ނޫސްވެރިކަން ކުރުމުގައި ފަޅިނެގުމާ ނުނެގުން އެއީ ނޫސްތަކަށް އޮންނަ އިހުތިޔާރެކެވެ. ގާނޫނު އަސާސީއާއި ހިލާފްނުވާ ގޮތަށް ކޮންމެ މީޑިއާއަކަށްވެސް އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީ ގެންގުޅުމަކީ ނޫސްވެރިކަމުގެ އެންމެ އަސާސީ ސިފައެވެ.
ކޮންމެ ބަޔަކުވެސް ނޫސްވެރިކަން ކުރާނީ އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ތަހުގީގީ ނޫސްވެރިކަން ކުރުން އެ ބައެއްގެ އެޑިޓޯރިއަލް ޕޮލިސީގައި އޮންނަ ބަޔަކު ސަރުކާރަށް ފާރަވެރި ވާނެއެވެ. ފާޑުކިޔާނެއެވެ. ސިއްރު ސިއްރުން ހިންގާ ޖަރީމާތައް ހޯދާ ރައްޔިތުންނާއި ހަމަޔަށް ތިލަ ކުރާނެއެވެ.
ސަރުކާރުތަކުން ސިއްރުކޮށް ދޮގުކުރާ ކިތަންމެ ކަމެއް ނޫސްވެރިކަމުގެ ތެރެއިން ފަޅާއަރުވާލުމުން ގޮތް ހުސްވެގެން ފިޔަވަޅުއަޅާ ޝަރީއަތް ހިންގާފައި ހުރީ މަދެއްކޮށް ނޫނެވެ. ރާއްޖޭގެ މާޒީގައި ވެސް އެ ކަހަލަ އެތައް ތަޖުރިބާއެއް ވަނީ ކޮށްފައެވެ. އެފްޕީއައިޑީގެ ބޮޑު ހިޔާނާތާއި އެމްއެމްއާރުސީގެ ބޮޑު ހިޔާނާތް މިސާލަކަށް ފުދޭނެއެވެ. އެމްއެމްޕީއާރުސީ މައްސަލަ ނޫސްވެރިން ތިލަކޮށްލުމުން މައުލޫމާތުދިން މީހާ (ބޭންކް މެނޭޖަރ) ޖަލަށްލާ މުޅި މައްސަލަ އޭރު ސަރުކާރުން ދޮގުކުރިއެވެ. އެހެނެއްކަމަކު އަތްއަޅާ އޮއްބާލަން އުޅުނު ޔާމީނާއި އަދީބަށްވެސް ޖެހުނީ ޖަލުގޮޅިއަށް ވަންނާށެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް ނޫސްވެރިކަން ނުކުރުމަކީ ޕޮލިޓިކަލް އެކްޓިވިޒަމް ކަމަށް ދެކިގެން ގަދަކަން ދެއްކޭނީ ދުވަސްކޮޅަކުއެވެ. ފޮރުވާ އަތް އަޅަން އުޅޭ ހުރިހާ ޖަރީމާއަކާ އިންސާފު އަރާ ހަމަކުރަންދެން ނޫސްވެރިން ހުއްޓި ނުތިބޭނެއެވެ.

