މަޖިލިސް ޕެރެލައިޒްކޮށްލި އިއްޒަތްތެރި މެންބަރު
މުއިއްޒުގެ ފައިތިލަ ދޮންނި ފެން ވެސް ޕީއެންސީގެ އެމްޕީން ބޯނެ!
އިރެއްގައި މަޖިލީހުގެ ބާރުގެ ދަށުގައި ރައީސުލް ޖުމްހޫރިއްޔާ ހުއްޓަސް މިހާރަކު މުއިއްޒަކަށް މަޖިލީހުގެ ރުހުން ހޯދުން މުހިންމެއް ނޫނެވެ. މިހާރު މަޖިލީހަށް ބޭނުންވާނީ މުއިއްޒުގެ ރުހުމެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މުއިއްޒު މަގާމުން ވަކިކުރުމަށް މަޖިލީހަށް އޮންނަ ބާރުވެސް ޕެރެލައިޒް ކޮށްލީއެވެ.
ސަރުކާރުން ބޭނުންވާ ކަމެއް މަޖިލީހުން ނިންމުވުމަށްޓަކާ މެންބަރުން ރުއްސުމަށް މުއިއްޒުދޭ މަހު އެއްޗެތިކޮޅު ލިބުންވެސް ދެން ހުއްޓޭނީއެވެ. މެންބަރުން ރުއްސުމަށް ބޮޑެތި މަގާމު ދިންހާ މީހުން ވަކިކޮށް އުކާލިޔަސް މެންބަރަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ.
ދާއިރާގެ ރައްޔިތުންނަށްޓަކައި މެންބަރުން މެދުވެރިވެގެން ކޮށްދެވޭނެ އެއްވެސް ކަމެއް ނެތި މެންބަރު ދާއިރާގައިވެސް އަގެއްނެތް ބޭކާރު މީހަކަށް ބަދަލުވީއެވެ. މެންބަރުންގެ ޑިމާންޑްތަކަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްނުދިނަސް މެންބަރުންނަށް ކުރެވޭނެ އެއްކަމެއް ވެސް މިހާރު ނެތުނީއެވެ.
ބޭނުން ނުވާ ކަންކަން ވިޔަ ނުދިނުމަށް މެންބަރުންގެ އަތުގައި އޮތް ބާރު އަމިއްލައަށް ދޫކޮށްލީއެވެ. ސަރުކާރުން ހުށަހަޅާ ކޮންމެ ކަމެއް އަހާލުމެއް ކަހާލުމެއްނެތި ފާސްކޮށް ނިންމާލާ ތައްގަޑު ޖަހާދޭން މަޖުބޫރު ވީއެވެ. ނާގާބިލު ގޮށްމުށު ވެރިއެއްގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް މަޖިލީހަށް އޮތް ފަހު ފުރުސަތުވެސް ގެއްލުވާލީއެވެ.
މެންބަރުންގެ މަސްލަހަތު އޮތް ކުންފުނިތަކަށް ދެނެއް ޕްރޮޖެކްޓްތަކެއް ވެސް ނުލިބޭނެއެވެ. މެންބަރުން ބުނެގެން އާސަންދަ ހަމަޖައްސައެއް ނުދޭނެއެވެ. މެންބަރުންގެ ލިސްޓަކަށް ފްލެޓެއް ގޯއްޗެއް ނުދޭނެއެވެ. މެންބަރުން އެދިގެން މީހަކަށް ވަޒީފާއެއް ނުދޭނެއެވެ.
ތެދެކެވެ. މެންބަރުން ރުއްސަން ސަރުކާރުން ކަމެއް ކުރަންޖެހޭނެ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ. މެންބަރުންނަށް ޖެހޭނީ މުއިއްޒުގެ ރުހުން ހޯދަން މެދުނުކެނޑި ހުޝާމަދުކޮށް ސަނާ ކިޔާށެވެ. މެންބަރު ކަމުގައި ދެމިހުރުމަށް ވަފާތެރިކަން ދެއްކުމަށްޓަކާ މުއިއްޒުގެ ފައިތިލަ ދޮންނި ފެން ވެސް ޕީއެންސީގެ އެމްޕީން ބޯށެވެ.