ރާއްޖެއަކީ ކޮރަޕްޝަންގެ މިސާލީ ދައުލަތެއް!

ދައުލަތް ހިންގުމުގައި އެންމެ މަތީ ދަރަޖައިގެ ކޮރަޕްޝަން ހިމެނެނީ އަމިއްލަ ނުވަތަ ސިޔާސީ ފައިދާއަށްޓަކައި ބާރުގެ ނަހަމަ ބޭނުންކުރުމެވެ. މިފަދަ ކަންކަމުގެ ސަބަބުން ގިނަ ފަހަރު މުއައްސަސާތަކާއި، ޑިމޮކްރަސީއާއި، ވެރިކަން ހިންގުމުގެ ނިޒާމަށް އަސަރުކުރެއެވެ. މިފަދަ ކޮރަޕްޝަންގެ ސަބަބުން ގައުމުތައް ބަލިކަށިވެ، އިތުބާރު ގެއްލި، އަދި ހަމަނުޖެހުން އުފެދިގެންދެއެވެ. އެންމެ ހައްދުފަހަނައަޅާފައިވާ ބައެއް މިސާލަށް ބަލައިލަމާ ހެއްޔެވެ.
1. ކްލެޕްޓޮކްރަސީ "ވަގުވެރިންގެ ވެރިކަން"
ވަގުވެރިންގެ ވެރިކަމެއްގައި ވެރިން ގައުމުގެ މުދާ ވަގަށްނަގައ، ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރެއެވެ. އެފާޑުގެ ވެރިންގެ މިސާލަކީ ޒައިރުގެ މަބޫޓޯ ސެސެ ސެކޯ އާއި ފިލިޕިންސްގެ ފަރްޑިނަންޑް މާކޯސް އެވެ. އެވެރިން އެ ގައުމުތަކުގައި އިގުތިސޯދީ ހީނަރުކަން އޮއްވާ ބިލިއަން ޑޮލަރު ތަކެއް ވަގަށްނެގިއެވެ.
2. ދައުލަތް އަތްދަށުލުން
ދައުލަތް ބައެއްގެ އަތްދަށުވުމުން އަމިއްލަ ފަރާތްތަކުން ނުވަތަ މުއްސަނދިންގެ ބާރު ދައުލަތުގެ މުއައްސަސާތަކަށް ފޯރުވައެވެ. ޑިމޮކްރަސީގެ ނިޒާމުތައް ފަހަނައަޅައި ގޮސް ބެސްތް ޕްރެކްޓިސް ނެތި ދައުލަތް އަތްދަށުލައިގެންއުޅޭ މީހުންގެ ފައިދާއަށް ނޫނީ ވެރިންނަށް ކަންކަން ނުކުރެވެއެވެ.
އެމެރިކާގެ އޮލިގާކީ ނިޒާމަކީ އޭގެ މިސާލެކެވެ. އެތާނގައި ނުފޫޒު ގަދަ ވިޔަފާރިވެރިން އަމިއްލަ ފައިދާއަށްޓަކައި ދައުލަތުގެ ސިޔާސަތުތަކަށް އޮލިގާކީ ނިޒާމުގައި ނުފޫޒު ފޯރުވައެވެ.
3. ގާތް މީހުންނަށް ފަހިކޮށްދިނުން
ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށް ފަހިކޮށްދޭ ވެރިކަމެއްގައި ގާބިލު ފަންނީ މީހުންގެ ބަދަލުގައި އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިންނާއި ތާއީދުކުރާ މީހުން މުހިންމު މަގާމުތަކަށް އައްޔަން ކޮށްގެން ދައުލަތް ހަރާބު ކުރެއެވެ.
4. އިންތިހާބުތަކުގައި މަކަރުހެދުން
ވެރިކަމުގައި ދެމި ތިބުމަށްޓަކައި ވޯޓު ގަތުމާއި، ހިޔާނާތްތެރިވުމާއި، ބިރުދެއްކުން ފަދަ ކަންކަމުގެ ޒަރީޢާއިން އިންތިހާބުތަކުގައި ނުފޫޒު ފޯރުވުމާއި މަކަރު ހެދުމަކީވެސް ކޮރަޕްޓް ދައުލަތެއްގެ ސިފައެކެވެ.
5. ސިޔާސީ އަނިޔާވެރިކަމާއި ގާނޫނު ތަންފީޒުކުރުމުގައި ކޮރަޕްޝަން
ފުލުހުންނާއި، ސިފައިންނާއި، ކޯޓުތައް ބޭނުންކޮށްގެން ވާދަވެރިންގެ އަޑު ކަނޑުވާލާ، ކޮރަޕްޓް އޮފިޝަލުން ރައްކާތެރި ކުރުމަކީވެސް ވެރިކަަން ކުރުމުގައި އޮންނަ ކޮރަޕްޝަންގެ ވައްތަރެކެވެ.
6. މިނިވަންކަން ކޮންޕްރަމައިޒްކުރުން:
ބޭރުގެ ބާރުތަކާއެކު ދައުލަތުން އަޑިނޭނގޭ ގުޅުންތައް އުފައްދާ ރޭވުންތައް ރާވައެވެ. އެ ގުޅުންތަކުގެ ތެރެއިން ސިޔާސީ ނުވަތަ އިގްތިސޯދީ ކަންކަން ފަހިކުރުމުގެ ބަދަލުގައި ސަރުކާރުތަކުން ރިޝްވަތާއި، އިނާޔަތްތަކާއި، ބޭރުގެ ނުފޫޒު ގަބޫލުކުރުމަކީ ވެސް ވެރިކަމުގައި ދެމިހުރުމަށް ހިންގާ އުޅޭ ފޫނުބެއްދޭވަރުގެ ބޮޑު ކޮރަޕްޝަނެކެވެ.
7. ސަރުކާރުގެ އެއްބަސްވުންތަކުގައި ހިނގާ ބޮޑެތި ކޮރަޕްޝަން
ދިފާއީ، އުމްރާނީ ތަރައްގީ އަދި ހަކަތައިގެ މުއާމަލާތްތަކުގައި ހިނގާ ބޮޑެތި ރިޝްވަތާއި ކޮމިޝަން އަކީވެސް ވަކީން ސަހަލު ކަމެއް ނޫނެވެ. މިސާލެއްގެ ގޮތުން ބްރެޒިލްގެ ޕެޓްރޯބްރާސް ސްކޭންޑަލް ހަނދާނަށް ގެނެސް ބަލަށެވެ. ބްރެޒިލް ސަރުކާރުގެ އެއްބަސްވުންތަކުގެ ތެރެއިން މަކަރާއި ހީލަތުން ބިލިއަނުން ފައިސާ ނެގިކަން އޮތީ ދިމާލަށް ސާބިތުކޮށް ފެންނާށެވެ.
ވެރިކަމެއްގައި އެންމެ ނުރައްކާތެރި ކަމަކީ ގިނަ ބާވަތްތަކުގެ ކޮރަޕްޝަން އެކުއެކީގައި ހިނގާން ފެށުމެވެ. އޭގެ ސަބަބުން ދައުލަތުގެ މުއައްސަސާތައް ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބަދަލުގައި ކޮރަޕްޝަންގައި ބައިވެރިވާ އިސްފަރާތްތަކަށް ހިދުމަތްކުރާ ނިޒާމެއް މުޅި ދައުލަތުގެ އުފެދިގެންދެއެވެ. ދިވެހި ރާއްޖޭން މި ފެންނަނީ ދައުލަތެއް ކޮރަޕްޓްވުމުގެ އެންމެ އައުލާ ދިރިހުރި މިސާލެވެ.