ފްލެޓްގެ ދަރަނިން މިންޖު ކޮށްދެވޭނެ ހިތްވަރެއް ނެތް!
ބައުވެ ހަސްނެތޭ ފުލެޓްގެ ބަދަލުގައި އެހެން ފްލެޓެއް ލިބޭނެ ނިޒާމެއްނެތް
ހިޔާވަހިކަމެއް ނެތް މީހުނަށް ފްލެޓަކީ ކޮންމެ ވެސް ވަރެއްގެ ހައްލެކެވެ. އެއްވެސް ގޮތެއްނެތިފައި ތިބި ބަޔަކަށް ކޮންމެވެސް ވަރަކީވެސް ވަރެކެވެ. އެގޮތުން ހިޔާވަހިކަމެއް ގޮތުގައި ފްލެޓްގަޑެއްވެސް ލިބުމަކީ ކުޑަކަމެއް ނޫނެވެ. އެކަން އެގެނީ އެގޮތަށްވެސް ތަންކޮޅެއް ލިބޭތޯ މަރުކަށި ކަނޑާ މީހުން ގިނަ ކަމުންނެވެ.
ފައިސާ ދައްކައިގެން ދިގު މުއްދަތުން ވިޔަސް ފުލެޓް އަމިއްލަ ވާކަން ރަނގަޅެވެ. އުމުރު ހުސްވަންދެން ކުލި ދައްކާލަ ދައްކާލަ ތިބޭ ކުއްޔަކީ އަލިފާނަށް އެޅޭ ފައިސާ ކަމުގެ އިހުސާސް ކުލިދައްކާ މީހުން ކުރެއެވެ. އެ އިހުސާސް ކުރެވޭ މީހުނަށް ލަހުން ނަމަވެސް މިލްކުވާނެ ފްލެޓަކަށް ފައިސާ ދެއްކުމުގައި ހިތްހަމަ ޖެހުން ބޮޑެވެ. އެހެނަސް ދެރަކަމަކީ ފައިސާ ދައްކާ އަގު އަދާކޮށް ނިމޭއިރު ބައުވެ ހަސްނެތި ދިރިއުޅެން ހެޔޮނުވާ ވަރުގެ ތަނަކަށް މިލްކު ކުރެވޭ ފުލެޓް ވާތީއެވެ. ބައުވެ ހަސްނެތޭ ފުލެޓްގެ ބަދަލުގައި އެހެން ފްލެޓެއް ލިބޭނެ ނިޒާމެއް ރާއްޖޭގައި އަދި ރޭވިފައެއް ނެތެވެ. އާއިލާ ބޮޑުވެ އެއް ފްލެޓްގައި އުޅެވެން ނެތް ހާލަތައް ދިޔުމުން އެއަށްވުރެ ބޮޑު އެހެން ފްލެޓަކަށް ބަދަލު ވެވޭނެ އިންތިޒާމެއް ފުރުސަތެއް އަދި ހަމަޖެހިފައެއް ނެތެވެ.
ހިޔާވަހިކަން ދިނުމުގެ ގޮތުން ފްލެޓް ލިބޭ މިހާއާއި ގޯތި ލިބޭ މިހާއާއި އިންތިހާ ދަރަޖައަށް ތަފާތެވެ. ފްލެޓަކީ އިމާރާތްކޮށް ނިމިގެން އަތަށް ތަޅުދަނޑި ލިބޭ ދަރަނީގެ ދަންތުރައެކެވެ. އިމާރާތް އުސްކޮށް ބޮޑުކޮށް ބަދަލު ގެނެސް އެތާ ދިރިއުޅެމުން އެތަނުން ވިޔަފާރީގެ ނަފާ ހޯދޭނެ ތަނެއް ނޫނެވެ. ހަމަޖެހިފައި އަދި އޮންނަ ގޮތުން ފްލެޓަކީ ދުވަސްވެ ބައުވުމުން ތަޅާލާފައި އަލުން އިމާރާތް ކުރެވެން އޮންނަ ތަނެއްވެސް ނޫނެވެ.
ގޯތި އެއާ ވަރަށް ތަފާތެވެ. ގޯތީގެ ބޭނުން ކޮށްގެން ވިޔާފާރި ކުރެވެއެވެ. އާމްދަނީ ހޯދާ ވަސީލަތަކަށް ގޯތި ހެދެއެވެ. މަތި މައްޗަށް އިމާރާތް ކޮށްގެން އެތަނުގައި އެތައް ޒަމާނަކަށް އާއިލާ މެނޭޖު ކުރެވެއެވެ. ބޭނުން ވުމުން އިމާރާތް ތަޅާލާ އައު އިމާރާތެއް ބިނާކުރެވެއެވެ. ބިންވެރި ސްކީމްގެ ދަށުން 9000 ގޯތި މާލޭގެ ރައްޔިތުންނަށް ލިބިއްޖެއެވެ. ހިލެއެވެ. ވަރަށް ވެސް ބޮޑު ނިއުމަތެކެވެ. ކޮޅުނެތް ކޮޅަށް ޝުކުރުވެރިވާ ވަރުގެ ބޮޑު ކަމެކެވެ. ރާއްޖޭގެ އިޖުތިމާއީ އިގްތިސާދީ އެތައް މައްސަލަ ތަކެއްގެ ހައްލަކަށް މާލޭން ހިލޭގޯތި ދިނުން ވެގެން ދާނެއެވެ.
އަސާސީ ހިދުމަތެއްގެ ގޮތުގައި ފްލެޓާއި ގޯތީގައި ބޮޑުފަރަގެއް އެބަ އޮވެއެވެ. އަމްދުން ހިލޭ ގޯތި ދިނުމާއި ދަރަންޏަށް ފުލެޓް ދިނުމަކީ އަސާސީ ހިދުމަތް ދިނުމެއް ނޫނެވެ. ދައުލަތުން ރައްޔިތަކަށް އަސާސީ ހިދުމަތް ދޭން ޖެހޭނީ ހިލެއެވެ. ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ފުލެޓް އަސާސީ ހިދުމަތެއްގެ ގޮތުގައި ދެންޏާ ދޭންވާނީ ހިލެއެވެ.
ފްލެޓް އެޅުމަށް ދައުލަތުން ހަރަދު ކުރިޔަސް އަސާސީ ހިދުމަތުގެ ގޮތުގައި ދެވޭ ބޯހިޔާވަހިކަމުން އަގުނުނަގާ ފްލެޓް ދިނުމުގެ ގާބިލުކަން ސަރުކާރުގައި ހުންނާނެއެވެ. ބަދަލު ކުރަން ޖެހެނީ ވިސްނުމެވެ. ބޮޑު ހޭދަކޮށްގެން ހިއްކާ ބިމުން ހިލޭ ގޯތި ދެވޭހެން ބޯހިޔާވަހިކަން ހޯދާ ދިނުމަށް ދޫކުރެވޭ ސޯޝަލް ހައުސިންގ ގެ އެއްވެސް ތަކުން ކުލި ނުވަތަ އަގު ނެގުމަކީ އިންސާފެއް ނޫނެވެ. ކުރިން ބަޔަކު ކުރިޔަސް އެއީ ބަދަލު ނުކޮށް ދޫކޮށްލާން ޖެހޭ ކަމެއް ނޫނެވެ. އެންމެ ކުޑަމިނުން ކަނޑައެޅޭ ވަކި ތާރީހަކުން ފެށިގެން ފްލެޓްތަކުގެ ކުލި މައާފްކޮށް ދެވުނަސް އެއީ ލައްކަ ބޮދު ވަރެކެވެ. މައާފުކުރާ ތާރީހާ ހަމަޔަށް ދައްކަންޖެހި ނުދައްކަ ހުރި ކުލި އިންތިޒާމެއްގެ ތެރެއިން ލުއިގޮތަކަށް ދައްކާ ނިންމޭނެ ހަމައެއް އެކަށަ އެޅިދާނެއެވެ. އުސޫލު ބަދަލު ކުރުމުގެ ކުރީން އެތައް ދުވަހެއް ވާންދެން ކުލީގެ ގޮތުގައި ދައްކާފައި ހުރި ފައިސާ އަނބުރާ ދެއްކުމަކީ ކުރެވޭނެ ކަމަކަށް ނުވެދާނެއެވެ.
ޓެކްސް ފައިސާ ހަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ވިޔަސް ބިން ހިއްކާ ފުލެޓް އަޅާ ހަދަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަ ކޮށްދޭން ކަމުގައި ވާނަމަ އޭގެ ބަދަލުގައި ލޯލާރިއެއް ވެސް ރައްޔިތަކު އަތުން ނަގައިގެން ނުވާނެއެވެ. އެކަމަށް ކުރެވޭ ހަރަދު ހޯދާން ޖެހޭނީ ވިޔަފާރި އުސޫލުން ދައުލަތުން ހިންގާ ކަންކަމާއި ޓެކްސް ފައިސާއިންނެވެ. މަގުހެދުމާއި ބަނދަރު ހެދުން ފަދަ ކަންކަމަށް ދައުލަތުން ކުރާ ހޭދަ ކުރެވޭ ގޮތަށް ހިޔާވަހިކަން ހިލޭ ހޯދާ ދިނުން ވެސް ލާޒިމެވެ.
އަސާސީ ފެންވަރަށްވުރެ މަތީ ފެންވަރެއްގައި ފްލެޓް ގަންނަން ބޭނުންވާ މީހުނަށް ގަނެވޭނެ ގޮތަށް އެކި އަގު އަގުގައި އެކި ފެންވަރުގެ ފްލެޓް ވިއްކަން ހުޅުވިފައި އޮތުމަކީ މުހިންމު ކަމެކެވެ. އަސާސީ ފެންވަރަށްވުރެ މަތީ ފެންވަރުގައި އުޅެން ބޭނުން މީހުން އޭރުން އެތަންތަން ގަންނާނެއެވެ. ބިން ވިއްކުމާއި ދިގު މުއްދަތަށް ކުއްޔަށް ދިނުމުގައިވެސް އެކަހަލަ އުސޫލެއް ތައާރަފް ކޮށްގެން ބިން ހިއްކުމަށް ކުރި ހަރަދު ހޯދުމުގެ އިންތިޒާމު ތަކެއް ހަޖައްސައިގެން އެކަން ފޫބެއްދުން ބުއްދިވެރިއެވެ.
ދޭއަސާސީ ހިދުމަތުން އެކަމަށް ހިނގާ ހަރަދު ހޯދުމަށް އަމާޒު ހިފައިގެން ދައުލަތް ހިންގައިގެން ނުވާނެއެވެ. އާސަންދަ އާއި އެކަނިވެރި މައިންނާއި ނުކުޅެދުން ތެރިކަން ހުންނަ މީހުނާއި އެނޫން ގޮތްގޮތުން މީހުނަށް ދެވޭ އިނާޔަތް ދިނުމަށް އަގެއް ނުނަގައެވެ. ފެނާ ނަރުދަމާއާއި މަގުހެދުމާ ބަނދަރު ހެދުމާއި ބްރިޖް އެޅުން ފަދަ އަސާސީ ކަންކަމަށް ހިގާ ހަރަދު ފޫބެއްދުމަށް ރައްޔިތުން އަތުން އަގެއް ނުނަގައެވެ. އެހެން ކަމަށް ވާނަމަ ސޯޝަލް ހައުސިންގއަށް އަގެއް ނަގަން ޖެހޭ ސަބަބެއް ނެތެވެ. އަސާސީ އިންފްރާންސްޓްރަކްޗަރ އާއި ސޯސަލް ހައުސިން ފަދަ ކަންކަމަށް ދައުލަތުން އަގުނަގާ ނަމަ ދައުލަތެއް އޮތުމުގެ ބޭނުމެއް ނުއޮންނާނެއެވެ. ވިޔާފާރިއާއި އަސާސީ ހިދުމަތް އޮޅުމަކީ ވަރަށް ބޮޑު ގޯހެކެވެ.