މުއިއްޒުގެ މެގަޕްރޮޖެކްޓް އޭޓީއެމް ވާނީ ފޯނުބޫތަށް

އިންޓަރނެޓް ބޭންކިންގ މުޅި ރާއްޖެއަށް ލިބޭ.

މުއިއްޒުގެ މެގަޕްރޮޖެކްޓް އޭޓީއެމް ވާނީ ފޯނުބޫތަށް

އަށްޑި ނުވަދިހަ މީހުންގެ ބޮޑެތި ފައުޖަތަކާއެކު ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކުރައްވާނީ ވަރަށް ބޮޑެތި ކަންކަމެވެ. ފައްޓަވާނީ ވަރަށް ބޮޑެތި މެގަ ޕްރޮޖެކްޓެވެ. ރައީސް ކުރައްވާ ކޮންމެ ދަތުރަކީ ގައުމުގެ ނިސްބަތުގައި ކުޑަކުޑަކަމެއް ނޫނެވެ. ހަރަދު ބަރަދަށް ބެލިޔަސް މީހުންގެ ވަގުތާ މަސައްކަތަށް ބެލިޔަސް ކުޅިވަރު ކަންކަމެއް ނޫނެވެ. ރައީސްގެ ދަތުރުތައް ބޮޑުގުޅަވެ ދައުލަތުން ހިނގާ ހަރަދު ބަރަދު އަތްގުޅިނުކާ ވަރުވުމަކީ މަޖާ ކަމެއް ނޫނެވެ. 

ރަށެއްގައި ބީއެމްއެލްގެ އޭޓީއެމެއް ބަހައްޓަން އެއްބަސްވުމެއްގައި ސޮއިކުރާ ތަނަށް ރައީސް ވަޑައިގެން އެކަމަކީ ސަރުކާރުން ކޮށްދޭ މާ ބޮޑުކަމަކަށް ހަދައިގެން އަޑުއަރުވާ ނަށާ ލަވަކިޔާންޖެހޭ ހެއްޔެވެ. ގައުމުގައި ރައީސް ކުރާނެ އެހެން ކަމެއް ނެތީހެއްޔެވެ. މީގެ ކުރިންވެސް ރާއްޖޭގެ އެތައް ރަށެއްގައި ބީއެމްއެލުން އޭޓީއެމް ބަހައްޓައިގެން ހިދުމަތް ދެމުން ގެންދިޔައެވެ. އޭޓީއެމް ބަހައްޓަން އެއްބަސްވެ ސޮއިކުރަން ރައީސް ވަޑައިގެން ބޮޑު ރަސްމިއްޔާތު ބާއްވާ ހަވާއަރުވައެއް ނުހަދައެވެ.

އޭޓީއެމެއް ބަހައްޓާ ނިމި ހިދުމަތްދޭން ފަށަންވެފައި ހުއްޓާ އެރަށަކަށް ސަރުކާރުގެ ވެރިއަކު ކުރައްވާ ދަތުރެއްގައި ފަހަރުގައި އޭޓީއެމެއް ރަސްމީގޮތުން އިފްތިތާހުކޮށްލައިދީ އުޅެއެވެ. ކަމާކަންފަށަށް އޭޓީއެމް ބެހެއްޓުމަކީ މާބޮޑު ކަމަކަށް ހަދައިގެން ރައީސާއި ވަޒީރުން ބައިހަދާފައި ގޮސްގެން ނޫނީ އެކަން ނުވެގެނެއް ކުރިއަކުން ނޫޅެއެވެ. އޭޓީއެމްއަޅާ އެއްބަސްވުމުގައި ސޮއިކުރަން ދަތުރެއް، ބިންގާއަޅަން ދަތުރެއް، ހުޅުވަން ދަތުރެއް ރައީސް ނުކޮށް އޭޓީއެމް އަކުން ހިދުމަތެއް މިހާރު ނުދެވޭނީތާއެވެ.  

ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަކީ އޭޓީއެމްތަކަކީ ރަށްރަށުގައި ދިރާގުން ބެހެއްޓި ފޯނު ބޫތުތައް ފަދަ އެއްޗަކަށް ވަމުންދާކަމެވެ. ހަނދުމަފުޅު މާ ބަލީތާއެވެ. ހަނދުމަ އައުކޮށް ލައްވާށެވެ. މޯބައިލް ފޯނާއެކު ފޯނު ބޫތުތަކުގެ ބޭނުން ކެނޑި ދަމަކުން ބަޑިއެއް ޖަހާހެންވެސް ފޯނު ބޫތެއްގެ ބޭނުން މީހަކު ނުކުރާތީ ދިރާގަށް ޖެހުނީ ދުވަސްކޮޅެއް ނުވަނީސް ރަށްރަށުގައި ބެހެއްޓި ފޯނު ބޫތުތައް ނަގާށެވެ. 

އޭޓީއެމް ހުރި ގިނަ ރަށްށުގެ މިހާރުގެ ހާލަކީވެސް ފޯނު ބޫތަށް ޖެހުނު ހާލެވެ. މަދު މީހަކު ނޫނީ އޭޓީއެމްގެ ބޭނުމެއް ނުކުރެއެވެ. އަމްދުން ވިޔަފާރީގެ މާބޮޑު ހަރަކާތެއް ނުހިނގާ، އަރާފައިބާ މީހުން މަދު ރަށްރަށުގައި އޭޓީއެމް މެދުވެރިކޮށް ފައިސާ ދައުރުވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެންކަމުން އޭޓީއެމުން ފައިސާ ހުސްވެ އެތައް ދުވަހެއް ވާއިރު އޭޓީއެމަށް ފައިސާ ހުންނަނީ ނޭޅިއެވެ. އެފަދަ އޭޓީއެމްތަކަށް ފައިސާ އެޅުމަށާއި މެއިންޓަނަންސް ކުރުމަށް ހިނގާ ހަރަދު ބޭންކަށް އޮންނަނީ ބޮޑު ބުރައަކަށް ވެފައެވެ. 

އިންޓަރނެޓް ބެންކިންގ މުޅި ރާއްޖެއަށް އާއްމު ވެފައިވާއިރު ފައިސާގެ މުއާމަލާތު ކުރުމަކަށް އެއްވެސް ހުރަހެއް ނޯވެއެވެ. ފިހާރަތަކާއި ހޮޓާތަކުގައި ކިއޮސްކް މެޝިންތަކެވެ. މެޝިން ނެތަސް އެކައުންޓަށް ޓްރާންސްފަރ ކުރުމަކަށް ދައްޗެއް ނެތެވެ. އެއްކޮޅުން އެސްޓޯނިއާއަށް ގޮސް މުޅި ރާއްޖެ ޑީޖިޓަލައިޒް ކުރައްވަން އުޅުއްވާ ވެރިމީހާގެ މެގަ ޕްރޮޖެކްޓްގެ ގޮތުގައި އޭޓީއެމް ބަހައްޓައިގެން ރާއްޖެ ގެންދަން މިއުޅެނީ 80ގެ އަހަރު ތަކަށެވެ.