ފަނޑިޔާރުންނަށް ނުލިބޭ އިންސާފެއް ރައްޔިތަކަށް ނުލިބޭނެ: ޝާހިދު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް، އެއްވެސް ދިވެހި ރައްޔިތަކަށް ލިބޭނޭ ކަމަށް ބެލުމީ އަވާމެންދުރެއް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
އޮނަރަބަލް ޝާހިދު އެކްސްގައި މިމޭރުމުން ޕޯސްޓެއް ޝާއިއުކުރެއްވީ ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ ޒާހިރާއި އުސްތާޒް މަހާޒް އަލީ މަގާމުން ވަކިކުރުމަށް ގާނޫނާ ހިލާފަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ނުރުހުން ފާޅުކުރެއްވުމުގެ ގޮތުންނެވެ.
ކުރީގެ ހާރިޖީވަޒީރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންވެސް ކުރައްވާފައިވާ އޮނަރަބަލް ޝާހިދު ވިދާޅުވީ ސަރުކާރުގެ ސީދާ ނުފޫޒާ ބޭއިންސާފުގައި ފަނޑިޔާރު އަޒްމަރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ ސީދާ ގާނޫނު އަސާސީއާ ހިލާފަށް އަދި ގާނޫނީ އެންމެހައި އިޖުރާއަތްތަކާ ހިލާފަށް ވަކިކުރުމަށްޓަކައި ހިންގަމުންދާ އަނިޔާވެރި ޖަރީމާ ކުށްވެރިކުރައްވާ ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ވަކިކުރަން ކުރެވޭ މަސައްކަތް ގިނަ ބަޔަކު ދަނީ ކުއްވެރިކުރަމުންނެވެ. ރާއްޖޭގެ މަޝްހޫރު ބޮޑެތި ގާނޫނީ ވަކީލުންނާއި ކުރީގެ ފަނޑިޔާރުންވެސް ސަރުކާރުން ސްޕްރީމް ކޯޓާއި ކުޅޭކުޅުން ކުށްވެރި ކުރެއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުއްލާ ދީދީއާއި ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ. މުހައމަދު ޖަމީލް އަހުމަދާއި ކުރީގެ ބަންޑާރަ ނައިބު އުސްތާޒާ ދިޔާނާ ސައީދު ފަދަ އެތައް ގާނޫނީ މާހިރުން ވަނީ ނުރުހުންފާޅުކޮށްފައެވެ. ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކިކުރާ ވަކިކުރުން އދ އިންވެސް ދަނީ ކުށްވެރި ކުރަމުންނެވެ.