އެމްއެމްޕީއާރުސީ ޗާގޯސް ވިއްކާލީތަ!
މިލްކުވެރިކަމަށް ދައުވާ ކުރުމުގެ އައުލާކަން އެންމެ ބޮޑީ ދިވެހިންނަށް ނަމަވެސް ޗާގޯހަކީ ހިނބަޅިދޫއާއި އެކީ އެމްއެމްޕީއާާރުސީން ދޫކޮށްފައި އޮތް ރަށްތަކެއް ނޫނެވެ.
ކިތަންމެ ބޮޑު ހައްގެއް އޮތަސް، އެއީ ދިވެހިރާާއްޖޭގެ ސިޔާދަތީ ބާާރުގެ ދަށުގައި އެއް އިރެއްގައި ވެސް އޮތް ތަނެއް ނޫނެވެ. އަމުދަކުން ޗާގޯހެކޭ ކިޔާ އަޑެއްވެސް ގިނަ ދިވެހިން އަޑު މި އަަހަނީ މިހަފްތާ ގައެވެ. އެކަހަލަ ގޮތަކަށް ނައިފަރު މީހުން ގޯހެކޭ ކިޔާ އަޑު އަހަމެވެ. 9 ވަނަ ހަޞަން ރަސްގެފާނު އިސްލާމް ދީން ދޫކުރައްވާ ނަޞޯރާ ދީން ގަބޫލު ކުރައްވާ ދޮންމީހުންގެ ރުހުމުގައި ރަސްކަން ހޯއްދެވުމަށް ޑޮމް މެނުއެލްގެ ނަމުން ނަން ހޯއްދަވާ ކުރެއްވި ދައުވާގައި ދެކުނުގެ 3 އަތޮޅާ އެކު ފޯޅަވަހީގެ ވެސް ރަސްކަލަކީ އެއީ ކަމުގައި ވިދާޅުވިއެވެ.
ޗާގޯހަށްވުރެ ދިވެހިންނަށް މާފަރިތަ ނަންތައް އެބަހުއްޓެވެ. ފޮއްނެއްކާއަކާ، އަންޒަމާނު ކަރައަށް އެރި ވަޔަކާއި، މިނިކާރާއްޖެއާއި ފޯޅަވައްސާ އަދި ތިޔަބުނާ ޗާގޯހަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް "ހިލާލި"ރަށްތައް ފަދަ ދިވެހި ރަސްކަމުގެ އަމުރު މައުރޫފް ހިނގި ތަނެއްކަން އެނގޭކަށް ނެތެވެ.
މާކުރީ ޒަމާނެއްގައި ފަރަންސޭސިންގެ އަތްދަށުން އިނގިރޭސިން އަތްގަދަކުރި ރަށްތަކެކެވެ. އެތާގައި އުޅުނީ އެމީހުންނަށް އަޅު މަސައްކަތް ކުރި ބައެެކެވެ. ދިވެއްސަކާ ވައްތަރު މީހެއްވެސް އެތާކު އުޅުނީ އެއް ނޫނެވެ.
ދިވެހިންނާ ވައްތަރު މީހުން އުޅުނަސް ވައްތަރުހާ ބަޔަކު އުޅޭހާ ގައުމެެއް އެއީ ދިވެހިރާއްޖޭގެ ބަޔަކަށް ވާނަމަ މިޞްރަކީ ވެސް ރާއްޖޭގެ އެއްބައެވެ. ސަބަބަކީ މިސްރުގައި ބޮޑު ތެލީގައި ބަކަރި ރިހަ ކައްކަން ހޮޓާ ތަކުގައި ތިބޭ ގިނަ ކައްކާއިން ފައިނު އާދަން ޝަރީފާ ވެސް ނުލާހިކު ވައްތަރިއްޔާއެވެ. އެއްޔަކީ މިސްރަކީ ދިވެހިރާއްޖޭގެ ބައެއް ކަމުގައި ވުމެއް ނޫނެވެ.
އިމުގެ ގޮތުން ގައުމުތައް ވަކިވެފައިހުރީ ދަމާލާކަށިނަރުގެ ފާރަކުންނެވެ. އެއް ފަރާތުގައި މިގައުމެވެ. އަނެއް ފަރާތުގައި އަނެއް ގައުމެވެ. ޖެހިފިތި ބާރުވެގެން އޮތުމަކީ އެއްގައުމަކީ އަނެއް ގައުމުގެ ބަޔަަކަށް ވުމެއްވެސް ނޫނެވެ.
ފަރަންސޭސިންގެ އަތްދަށުން އިނގިރޭސިންގެ އަތްދަށަށް އައި ޗާގޯސްގައި ތިބި އަޅު މަސައްކަތްތެރީން މޮރިޝަސްއަށް ގެންގޮސް އަޅާލީ މޮރިޝަސް ނޫން ގައުމެއް ދުނިޔޭގައި ނެތިގެންނެއް ނޫނެވެ. އޭރު މޮރިޝަސްއަކީ އިނގިރޭސިންގެ އަތްދަށުގައި އޮތް ޖަޒީރާ ގައުމަކަށް ވާތީއެވެ. ޖަޒީރާ ތަކެއްގައި ދިރިއުޅުނު ބަޔަކު ގެންގޮސް ވަޒަންވެރި ކުރުވަން ރަނގަޅުވާނީ ވެސް ޖަޒީރާ ގައުމެއްގައި ކަމަށް އިނގިރޭސިން ދުށުން ގާތެވެ.
ތިމާމެންގެ އަމިއްލަ ބާރެއްނެތި އޮތްއިރު ތިމާމެންގެ ރުހުމަކާ ނުލައި ބަޔަކު ގެނެސް މޮރިޝަސްގައި ވަޒަންވެރި ކުރުވުމަށް ފަހު މާފަހުން ޗާގޯހަކީ މޮރިޝަސްގެ ތަނަކަށް ވާކަށް ވެސްނުޖެހެއެވެ.
ތެދެކެވެ. މޮރިޝަސްއިން އިނގިރޭސިންނާ ދެކޮޅަށް އެ ދައުވާކޮށް ދުނިޔޭގެ ގިނަ ގައުމު ތަކުން މޮރިޝަސްއަށް ތާއީދު ކޮށްފިއެވެ. އެހެން ނަމަވެސް ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ދުނިޔެ އުމުރަށް ދައުވާ ކޮށްކޮށް އެގޮތުގައި ތިބެން ޖެހުނަސް އެގޮތެވެ.
ގަދަމީހާ ގަދަކޮށް އޮތުމަކީ ދުނިޔޭގެ އާދައެވެ. މުޅިދުނިޔެ އެއްވެގެން ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނަސް ދިވެހިން އެކަން ގަބޫލު ކުރާން ނުޖެހޭ ކަމަށް ވެގެން ޗާގޯސް ހޯދާ ވާހަކަ ބާރަށް ދައްކަންވާނެއެވެ. އެހެން ނަމަވެސް ޗާގޯހަކީ ހިނބަޅިދޫ ފަދައިން އެމްއެމްޕީއާރުސީ ލިސްޓަށް ލައިގެން ވިއްކާލެވޭ ގޮތަށް އެއްއިރެއްގައި ވެސް އޮތް ދިވެހިރާއްޖޭގެ ރަށްތަކެއް ނޫނެވެ.