ޝަހީމަށް: ދީން ވިއްކައިގެން ބައްކުރެވޭނީ މުއިއްޒު ބޮޑުކޮށްގެން!
މުއިއްޒަކީ މާ ކަންވާ މީހެކޭ ނުކިޔާ ވަޒީރުންނަށް މަގާމަކު ނުހުރެވޭނެ
ވާހަކައެއް ދައްކާއިރު ލަދެއް ހަޔާތެއް ނުހުރެއެވެ. އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެހުރި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ގޮތް ހުރި ދުރުވިސްނޭ މީހެއް ކަމަށް ހީކުރެވުނެވެ. އިސްލާމް ދީން ރޯފިލާފައި ހުރެގެން ދޮގުވާހަކަ ނުދައްކާނެންޏާ ޑރ. ޝަހީމު ދޮގުވާހަކައެއް ނުދައްކާނެއެވެ. އެކަމަކު ޝަޙީމް ހުންނަނީ ދޮގު ހެދުމާއި އޮޅުވާލުމާއި ހިޔާނާތްތެރި ވުމުގައި އެހެން މީހުނަށްވުރެ ހަފޮނު ކުރީގައެވެ.
މުއިއްޒު ވެރިކަމަށް އެރިއިރު އިސްލަމިކް މިނިސްޓްރީގައި އޮތް 27 މިލިއަން ރުފިޔާގެ ދަރަނި އަދާކުރެވޭނެ މަގު ދެ މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ހަމަޖައްސާ ދިނީ ކޮންތާކުން ފައިސާ ނެރެގެން ހެއްޔެވެ. ކޮން އިރަކު ހޯދާފައި ހުރި ފައިސާ އަކުން ހެއްޔެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެމަހު މިރާއްޖެއަށް ޓްރިލިއަނުން ފައިސާ ފެންމަތި ވީހެއްޔެވެ.
އެހިޔަސް ނޭހިޔަސް ޕަބްލިކް ފޯރަމް ބާއްވައިގެން ތިޔަކުޅެނީ ކޮން ޑްރާމާއެއްކަން އެންމެނަށް އެނގެއެވެ. މިހާ ކުރީކޮޅު ގިނަ ގިނައިން އަވަސް އަވަހަށް ފޯރަމްތައް ބާއްވައިގެން ކެނޑުނުހާ ފޮންޏެއް ކަނޑާށެވެ. ރައްޔިތުންގެ މަޖިލީސްގެ އިންތިހާބު ނިމެންދެން ތިޔަ ގަނޑު ހުއްޓާނުލާ ވާނީ ގަންނާށެވެ. ތިޔަ ޑްރާމާތަކުގައި ސީޒަންމެން ކަހަލަ ސްޓާރުން ބައިވެރި ނުކޮށެއް ކަމަކު ނުދާނެއެވެ.
ޝަހީމޫއެވެ. މުއިއްޒު ކެބިނެޓްގައި ހުރެގެން މުއިއްޒަކީ މާކަންވާ މީހެކޭ ނުކިޔާ ތިޔަ މަގާމަކު ނުހުރެވޭނެއެވެ. ކެބިނެޓް ވަޒީރަކު ރައީސް މުއިއްޒަށް ކުރާ ތައުރީފަކީ ހަގީގަތެއް ނޫންކަން އެންމެނަށްވެސް އެނގޭނެއެވެ. މާ ކަންވާ ބައެއްކަމަށް ހެދެން ވެގެން ކުރީ ސަރުކާރުން ކުރަމުން އައި ކަންކަން ވެރިކަމާ ހަވާލުވިއިރު ހުރީ ހުއްޓިފައި ކަމަށާއި އެކަންކަން ވަރަށް އަވަހަށް ފަށާނެ ކަމަށް ކޮންމެ މީހަކު އަނގަފުރާފައި އެބަބުނެއެވެ.
ޓެކްނިކަލް ބައެއް ކަންކަމާ ހުރެ މަދު ކަމެއް މަޑު ޖެހިލާފައި އޮތަސް ކުރީގެ ވެރިކަމުން އެވޯޑްކޮށްގެން ބަޔަކު ލައްވާ މަސައްކަތްފަށާ ހިނގަމުން ދަނިކޮށް ވެރިކަން ބަދަލުވުމުން ގިނަ މަސައްކަތްތައް ހުއްޓުވީ މުއިއްޒު ސަރުކާރުންކަން ބަޔަކަށް އޮޅެގެނެއް ނޫޅެއެވެ. ކުރީ ސަރުކާރުން ކަމެއް ކުރަން ނުފަށާ އޮތްނަމަ ހުއްޓިފައި އެއްވެސް ކަމެއް ނުއޮތީހެވެ. އެކަމުންވެސް ތިޔަ ޕްރޫފް ކޮށްދެނީ ކުރީ ސަރުކާރުން ހުއްޓާނުލާ ގިނަގުނަ ކަންތައްތަކެއް ކޮށްދެމުން އައިސްފައިވާކަމެވެ. ކުރިން ކުރަމުން އައި ކަންކަން މުއިއްޒު ވެރިކަމަށް އެރިގޮތަށް ހުއްޓުވާލައިގެން ހުރިކަމެވެ. ތިޔަ ކުޅޭ ކުރީ ސަރުކާރު ފިލްމަކީ މާކުރީން ކުޅެ ނިމިފައިވާ ފިލްމެކެވެ.
އާނއެކެވެ. ކެބިނެޓް މެންބަރުންގެ ހައިސިއްޔަތުން ޝަހީމުމެން ބުނަންޖެހޭނީ މުއިއްޒުގެ ހިދުމަތަކީ ރަން އަކުރުން ލިޔަން ޖެހޭ ހިދުމަތް ތަކެއް ކަމަށެވެ. އެހެން ނޫނީ ތިޔަ މަގާމަކު ނުތިބެވޭނެއެވެ. ހައްޖު އުމުރާގެ ފައިސާއާއި ޒަކާތު ފައިސާއާއި ވަގުފު ހިލާލުމުގައި އަމިއްލަ ވިޔަފާރި ޕާޓްނަރަށް ބާރުދީގެން ދީން ވިއްކައިގެން ފައިސާ ބައްކުރާކަށް ނުހުރެވޭނެއެވެ.