ސިހުރުޖެހި ގައްސާނުމެނަށް މުއިއްޒު ފެންނަނީ ޔާމީނު ސިފައިގަ؟!

ސިހުރުޖެހި ގައްސާނުމެނަށް މުއިއްޒު ފެންނަނީ ޔާމީނު ސިފައިގަ؟!

ގައްސާނާއި ސައީދާއި ޝިޔާމާއި އާދަން ޝަރީފާއި އަދުރޭގެ ބުއްދިއާއި ލޮލުގެ ފެނުން ސަލާމަތުން ހުރިކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މުޅި ހަޔާތް ރައީސް ޔާމީނު އަރިހުގައި ހުސްކޮށްލަން ވައުދުވެ ރައީސް ޔާމީނު ބެހެއްޓެވި ހިސާބެއްގައި ތިބެން އަޒުމު ކަނޑައަޅައިގެން ތިބި ބަޔަކު ރައީސް ޔާމީނާ ހިދުކޮޅަކަށް ވެސް ދުރަށް ނުދާނެކަން ގައިމެވެ. 

ގައްސާނާއި ސައީދާއި ޝިޔާމާއި އާދަން ޝަރީފާއި އަދުރޭ އެތިބީ ބުއްދި ރަންވެފައިކަމަށް ހާދަހާ ގަބޫލުކުރެވެއެވެ. މީހުން ރަންބުއްދި ވަނީ ޢާއްމު ގޮތެއްގައި ދެގޮތެއް ވީމައެވެ. އެއްގޮތަކީ ބަނގު ކައިގެން ބޮއެގެން ރަން ބުއްދިވުމެވެ. ބަނގުން ރަންބުއްދި ވީމާ ބަނގުކަން ފިލާއިރަށް ހަމަ ބުއްދިވެއެވެ. ބަނގުން ރަންބުއްދި ވުމުން ދެއަހަރެއްހާ ދުވަސްވަންދެން ހިނދުކޮޅަކަށް ނަމަވެސް ބަނގުކަން ނުފިލައެއް ނުތިބޭނެއެވެ. 

ގައްސާނާއި ސައީދާއި ޝިޔާމާއި އާދަން ޝަރީފާއި އަދުރޭ ރަން ބުއްދީގައި ތިބޭތާ ދެއަހަރުވަނީއެވެ. ހިނދުކޮޅަކަށްވެސް ހޭވަރިކަމެއް އެމީހުނަށް ވީހެނެއް ހިޔެއްނުވެއެވެ. ކުޑަވެސް ހޭވަރި ކަމެއް ހުރިނަމަ އެމީހުން ތިބޭނީ ރައީސް ޔާމީނާއެކުގައި އަރިހުގައެވެ. އެހެން ކަމުން އެމީހުން ރަންބުއްދިވެފައި އެތިބީ އަމަށަކު ވަރަކަށް ނޫނެވެ. ނުފިލާވަރުގެ ރަންބުއްދިއެއް ވާނީ ވަރުގަދަ ސިހުރެއް ޖެހިފައި ތިބީމައެވެ.

ގައްސާނުމެންނަށް ޖެހިފައިވާ ސިހުރުގެ ސަބަބުން އެމީހުންނަށް މުއިއްޒު ފެންނަނީ ރައީސް ޔާމީނުގެ ސިފައިގައެވެ. އެކަމަކު ރައީސް ޔާމީނަކީ ބުމަމަތިން ނިއްކުރީގައި ކަޅު ލައްގަޑެއް ހުރި ބޭފުޅެއް ނޫނެވެ. ހެލްމެޓް ވާގަޑެއްހެން ނުރަކޫރު ތުނބުޅިއެއް ހުންނަ ބޭފުޅެއްވެސް ނޫނެވެ. ގައިކޮޅުގެ ހަމުގެ ކުލަ ކަޅު ބޭފުޅެއް ވެސްނޫނެވެ. ކައިވެނި ބައްލަވައިގެން އުޅުއްވަނީ ސާޖިދާކިޔާ އަންހެނަކާވެސް ނޫނެވެ. ރައީސް ޔާމިނަކީ އެއްބަޑު އެއްބަފާގައި އެތައް ބޭފުޅުންވެސް ތިއްބެވި ބޭފުޅެކެވެ. ރައީސް ޔާމީނުގެ ބައްޕާފުޅު ނިސްބަތްވަނީ ވަށަފަރަކަށްވެސް ނޫނެވެ. 

ބަޔަކަށް ހަމަ ރަނގަޅަށްވެސް ރައީސް ޔާމީނު އޮޅިއްޖެއެވެ. އެ ބަޔަކަށް ރައީސް ޔާމީނުގެ އޮޅުނީ މިޒާޖާއި ތޮބީއަތު އެކަންޏެއް ނޫނެވެ. ސިފަޔާއި ދަރިފަސްކޮޅަށް ދަންދެން އެ މީހުނަށް ރައީސް ޔާމީނު ވަނީ އޮޅިފައެވެ. މުއިއްޒު ހަދާފައިވާ ސިހުރު ވަރުގަދައީތާއެވެ.