ސަލާމަތީ މަޖިލީހަށް ބަވާލުމަކީ އަމިއްލަފަޔަށް ބަޑިޖެހުން!
މުއިއްޒު ދެއްކީ އޭގެ ނަތީޖާއާއި ބައްދަލު ކުރަން ޖެހޭނެ ވާހަކަތަކެއް
ދުނިޔޭގެ ސިޔާސީ އެންމެ ބޮޑު އެއްވުން އެއްވެގެން މިހާރު ގައުމުތަކުގެ ވެރިން އެމެރިކާގައި އެތިބީކީ އެންމެ ގަދަޔަށް ބަސްބުނެވެނީ ކާކަށްތޯ ބަލުމުގެ މުބާރާތެއް ބާއްވައިގެނެއްވެސް ނޫނެވެ. ސައިޒަށްވުރެ ބޮޑެތި ވާހަކަ ދައްކައިގެން އެވޯޑް ހޯދާކަށްވެސް ނޫނެވެ. ގައުމުތަކުގެ ވެރިން އިސްތިހާރު ވާކަށްވެސް ނޫނެވެ.
ހަމަތެދެކެވެ. 133 ގައުމެއްގެ އެންމެ އިސްވެރިންނާއި، ތިން ނައިބު ރައީސުންނާއި، 80 ޑެޕިއުޓީ ޕްރައިމް މިނިސްޓަރުންނާއި، 45 މިނިސްޓަރުން ބައިވެރިވާ ސިޔާސީ އެންމެ ބޮޑު އެއްވުމުގައި މުއިއްޒު އެއުޅޭ ފާޑަށް އުޅޭ ހަމައެކަކު ނެތެވެ. އދގެ މެންބަރު ގައުމަކަށް ރާއްޖެ ވީއްސުރެ ރާއްޖެއާއި މެދު މުޅި ދުނިޔެ ދެކެމުން އައިގޮތް މުއިއްޒުގެ ސަބަބުން ބަދަލުވެގެން ހިނގައްޖެއެވެ. މިހާރު ރާއްޖޭން އުޅެނީ ސައިޒަށްވުރެ ބޮޑު މަރަވަޅިއަކަށް އެރިގެން ކަމަށް ދުނިޔޭގެ ގައުމުތަކުން ދެކެން ފަށައިފިއެވެ.
ކަށިނެތް ދުލެއް އޮތީމާ ކޮންމެ މީހަކަށް ކޮންމެ އެއްޗެކޭ ވެސް ކިޔެދާނެކަން އެތާނގައި ތިބި ހުރިހާ ވެރިންނަށް ވެސް އެގެއެވެ. ބަހަކީ ބުނެފާ ދޫކޮށްލުމުގެ ކުރިން ތިމާގެ އަޅެއް ކަމަށާއި ބަހެއް ބުނުމަށް ފަހު އެ ބަހުގެ އަޅަކަށް ތިމާ ވާނެކަން މުއިއްޒު ނޫން އެންމެނަށް ވެސް ރަނގަޅަށް އެނގެއެވެ. ދުނިޔޭގެ ބޮޑެތި ނިންމުންތައް ނިންމާ ޕްލެޓްފޯމް ތަކުގައި ދައްކާ ކޮންމެ ވާހަކައަކީ އޭގެ ނަތީޖާއާއި ބައްދަލު ކުރަން ޖެހޭނެ ވާހަކަ ތަކެއްކަން ގައުމުތައް ތަމްސީލް ކުރާ މީހުނަށް އެނގެއެވެ.
ފަލަސްތީނުގެ ހައްގުގައޭ ބުނެ އަމިއްލަ ގައުމާއި ރައްޔިތުން ނުރައްކަލަށް ވެއްޓޭ ވަރަށް ގަދަބަސް ބުނަން ޖެހޭހެއްޔެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ތެރޭގައި އިނދެ އެ މަޖިލީހަށް ފުރައްސާރަ ކުރެވޭއިރު އެ ކުރެވެނީ ކީއްކަން ނޭނގޭ ވަރަށް މުއިއްޒު ގަމާރީހެއްޔެވެ. އަމިއްލަ ހާލަށް ނޫޅެވިގެން އުޅޭއިރު އެވަރު ނޭނގި ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކަށް އެ މީހުންގެ ކުރިމަތީގައި ބަވާލި ބަވާލުން ލުއިގޮތަކަށް ނަގާނެކަމަށް ހީކުރުމަކީ މުއިއްޒުގެ މޮޔަކަމެވެ. ވީޓޯގެ ބާރު ލިބިފައި ތިބި ގައުމުތަކުގެ މައްޗަށް ދުނިޔޭގެ އެހެން ބަޔަކަށް ބަސް ނުކިޔެގެން އުޅޭއިރު ރާއްޖޭން މުއިއްޒު އެއްޗެއް ބުނުމުން އެމީހުން ބިރުން ތުރުތުރު އަޅާ ބަނޑު ބިމައްޗަކު ނުޖައްސާނެއެވެ. އެއްކޮޅުން އެހީތެރިކަމަށް އެދި ސަލާން ޖަހަމުން އެހީތެރިކަން ފޯރުކޮށްދޭން ތިބި އެންމެނަށް ބަވާއަޅަމުން ދިޔުމުން ވާނެއެތި ދެކެން ތިބޭށެވެ.
ފަލަސްތީނުގެ ހައްގުގައި އެންމެ ބާރަށް ވާހަކަދައްކާ މީހަކީ މުއިއްޒު ކަމުގައި ދިވެހި ރައްޔިތުންނަށް ދެއްކެން މުއިއްޒު ދައްކާ ވާހަކައިން ނުރައްކަލާ ކުރިމަތި ލާންޖެހެނީ ދިވެހިރާއްޖެއެވެ. ބައިނަލްއަގުވާމީ އެއްބަރުލުމާއި އެހީތެރިކަން ނުލިބޭނީ ދިވެހި ރާއްޖެއަށެވެ. ބޮޑާބެ ހެދިގެން ސައިޒަށްވުރެ ބޮޑުވެގެން ދިވެހިންގެ ނަމުގައި މުއިއްޒު ކުޅޭ ޑްރާމާއިން މުއިއްޒަކަށް ވެސް ރައްޔިތުންނަކަށްވެސް ލިބޭނެ މޮޅެއްނެތެވެ.