ޕީޖީ ޝަމީމާހުރެ ދައުލަތް ފާލުން ނެއްޓިފާ!

ދައުވާ ކުރުމާ ދައުވާ އަނބުރާ ގެނައުމަކީ ނުފޫޒު ދަށުވެ ރިޝްވަތު ނަގައިގެން ކުރާކަމެއް؟

ޕީޖީ ޝަމީމާހުރެ ދައުލަތް ފާލުން ނެއްޓިފާ!

ޕްރޮސިކިއުޓަރ ޖެނެރަލަކީ ހާއްސަ އިމްތިޔަޒްތަކާއި އިހުތިޔާރުތަކެއް ދީފައި ހުންނަ މީހެކެވެ. އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ އެންމެ މުހިންމު ތަނބެވެ. ޖިނާއީ އަދުލުގެ ނިޒާމްގެ މައިބަދައެވެ. ތަހުގީގާއި ޝަރީއަތް ގުޅުވާދޭ ފާލަމެވެ. 

ޕީޖީ ފާސިދުވެއްޖެނަމަ މުޅި ޖިނާއީ އަދުލުގެ ނިޒާމް ފާސިދުވެ ދައުލަތް ހަރާބުވެ މުޅި ދައުލަކީ ކުށުގެ އަމަލުން ތަތްތެޅެފައިވާ ދައުލަތަކަށް ބަދަލުވެދެއެވެ. ދައުލަތުގެ މުދަލާއި ފައިސާއަކީ ނުފޫޒުހުރި މީހުންގެ މިލްކަކަށް ބަދަލުވެ ބިރެއްނެތި ދައުލަތް ލޫޓުވާލުމަށް ދޮރު ހުޅުވެއެވެ. 

ފަހުގެ ތާރީހުގައި ދައުލަތުގެ މުދަލާފައިސާ ލޫޓުވަލުމުގެ ރެކޯޑް އޮތީ އެމްއެމްޕީއާރުސީގައެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ބިލިޔަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ޒިންމާ އުފުލާނެ އެކަކު ނުވެ މުޅި މައްސަލަ ހުދުކަފޫރަށް ވެގެން ނިމިދިޔައީ ޕްރޮސިކިއުޓރ ޖެނެރަލްގެ ސަބަބުންނެވެ. ދައުލަތުން ގެއްލުނު ލޯލާރިއެއްވެސް ދައުލަތަށް ނުލިބި ހުރިހާ ވަގުން މައުސޫމްވެ ނިމުނީއެވެ. 

ކުޑިކުޑަ އެންމެ މިސާލެކެވެ. އެމްއެމްޕީއާރުސީ އާއި ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއްގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވާފައި އަހުމަދު ނިހާނު ހަސަން މަނިކުގެ މައްޗަށް ދައުވާ ކުރުމަށް 14 ޑިސެންމބަރ 2020ގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވިއެވެ. ދައުވާ ކުރަން ފޮނުވިއިރު އޭނާގެ ޕާސްޕޯޓްވެސް އޮތީ ހިފަހައްޓާފައެވެ. ކުރާނެ ވަރަކަށް ދިރަސާކުރުމަށް ފަހު 6 މައްސަލައެއްގައި ނިހާނާ ދެކޮޅަށް ދައުލަތުން ދައުވާ ކުރިއެވެ. ނިހާނާ ދެކޮޅަށް ދައުލަތުން ދައުވާކުރީ 29 ޑިސެންބަރ 2020ގައެވެ. 

ނިހާނުގެ މައްޗަށް ކުރިހާ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެވެ. ދައުވާތަކާއި އެކު ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިހާނު ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ. ޝަރީއަތް ނިމެންދެން ނިހާނުގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓާފައެވެ.

ނިހާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ޝަރީއަތް ބޭއްވެމުން ނުބޭއްވެމުން ގޮސް ޝަރީއަތުގެ ހުކުމަކާނުލާ ހުސްވި ޖޫން މަހު ނިހާނަކީ ބޯކިރުކޮޅަކަށް ވެއްޖެއެވެ. ނިހާނުގެ މައްސަލަތައް އަނބުރާ ނެގި ދުވަހު ނޫން އަނެއް ދުވަހު ނިހާނު އެހުރީ ދިވެހި ދައުލަތުގެ ގާނޫނު ހަދާ ބާރުގެ އިދާރާގެ އިސްވެރިއަކަށެވެ. ކިހާބޮޑު އިއްތިފާގެއް ހެއްޔެވެ. ގައުމެއް ފަސާދަ ވާނީ މިހާކަށް ވަރަށެވެ.

ނިހާނު މައުސޫމް ކުރުމުގެ ބަހަނާއަކަށް ޕީޖީން ދެއްކި ބަހަނާއަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްސަލަ ނިމުނު ގޮތުން ނިހާނުގެ މައްޗަށްވެސް ކުށްސާބިތު ކުރެވޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލު ނުކުރެވުމެވެ. ކޮށްގެން އުޅުނީ ސާބިތު ނުހިފޭނެ ދައުވާތަކެއްކަން ޕީޖީއަށް އެނގުނީ ތިން އަހަރު ވީފަހުންނެވެ. ކިހާ ރީތި ހެއްޔެވެ. 

ތިން އަހަރެއްހާ ދުވަސް ވަންދެން ސާބިތު ނުހިފޭނެ މައްސަލައެއްގައި ދައުވާކޮށްގެން ދިވެހި ރައްޔިތެއްގެ އިއްޒަތުއްނަފްސަށް އަރައިގަތުމަށް އެއްވެސް ގާނޫނަކުން ޕީޖީއަކަށް ބާރެއް ނުދެއެވެ. 3 އަހަރު ވަންދެން މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިގެން ދަތުރުފަތުރު ކުރުމުގެ އަސާސީ ހައްގުން ރައްޔިތަކު މަހުރޫމް ކުރުމުގެ ބާރެއްވެސް ގާނޫނު ނުދެއެވެ.

ހަމަތެދެކެވެ. ނިހާނުގެ މައްސަލަތައް އަނބުރާ ގެނައުމުން އަދުލު އިންސާފް ގާއިމު ކުރުމުގެ ނިޒާމަށް އިތުބާރު އުފެދުނީއެއް ނޫނެވެ. އިތުބާރު ގެއްލުނީއެވެ. ފުލުހުންނާއި ރިޔާސީ ކަމިޝަނާއި ޕީޖީ އޮފީހުން ކުރިހާ މަސައްކަތް ބޭކާރުވީއެވެ. ދައުލަތުގެ މަސައްކަތުގައި ތިބި އެތައް ބައެއްގެ މަސައްކަތާއި ވަގުތާއި އެތައް ފައިސާއެއް އިސްރާފުވީއެވެ. ދައުވާ ކުރުމާއި ދައުވާ އަނބުރާ ގެނައުމަކީ ޕީޖީ މުސްތަގިއްލު ކަމެއްނެތި ނުފޫޒުގެ ދަށުވެގެން ނުވަތަ ރިޝްވަތު ނަގައިގެން ކުރާ ކަމެއްކަމަށް ގިނަބަޔަކު ގަބޫލުކުރަން ފަށައިފިއެވެ. ޕީޖީން ކުރާ ކޮންމެ ކަމެއްކުރަނީ މޫސުމީ ޒާތީ މަސްލަހަތުގައި ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވެނީ އެހެން ވެގެންނެވެ. 

ދައުވާކުރުމާ ދައުވާ އަނބުރާ ގެނައުމުގެ ބާރު ޕީޖީއަށް ގާނޫނު އަސަސީން ދިނީ ހިތައް އެރި މީހަކާ ހިތައްއެރި ދައުވާއެއްކޮށް ހިތަށް އެރި ދައުވާއެއް އަނބުރާ ގެންނާކަށް ނޫނެވެ. އެބާރު ދިނީ އަދުލުވެރި ކަމާއެކު އިންސާފު ގާއިމު ކުރުމަށެވެ.