ކިޔާނީ ބަނގުރޫޓް ލަވަ - ކާނީ ހިހޫތަނުން!

ސިކުނޑިތައް ތަޅުލައިގެން ތިބި ސިޔާސީންގެ ބުމަރަކަށް ގައުމު!

ކިޔާނީ ބަނގުރޫޓް ލަވަ - ކާނީ ހިހޫތަނުން!

ޗައިނާ ވިޔަސް އިންޑިއާ ވިޔަސް ރާޢްޖެއަށް ކަންކަން ކޮށްދިނުމުގައި ފަހަކަށް އައިސް ގެންގުޅޭ އުސޫލެއް އޮވެއެވެ. ހިލޭ އެހީއެއް ވިޔަސް ލޯނެއް ވިޔަސް ރާއްޖެއަށް ފައިސާ ނުދީ ބޭނުންވާ ކަންކޮށްދިނުމުގެ އުސޫލެވެ. ލޯނެއްވެސް ހިލޭއެހީއެއްވެސް ދެނީ ބޭނުންވާ ކަމެއް ކުރުމަށެވެ. އެކަމެއް ކޮށްދެނީ އެމީހުން އައިސް އެމީހުން އަމިއްލައަށެވެ. 

އެކަމަކަށް ބޭނުންވާ ހުރިހާ އެއްޗަކާއި ވަސީލަތެއް ހޯދާ ރާއްޖެ އެތެރެކުރަނީ އެމީހުންނެވެ. އެކަމެއް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އެގައުމެއްގެ މީހުން ލައްވައެވެ. މަސައްކަތުގައި އުޅޭ މީހުންނަށް ބޭނުންވާ ދަތްކޮއްޓިއަށް ދާންދެން ބޭނުން ކުރަނީ އެ މީހުން އަމިއްލައަށް އެތެރެކޮށްގެންނެވެ. ކަފަބުރެއްހާ ހިސާބުވެސް ރާއްޖޭގެ ފިހާރައަކުން އެމީހުން ނުގަނެއެވެ.

އިންޑިއާއިން އަޅާދިން އައްޑޫ ޕޮލިސް އެކަޑަމީއަކަސް އުތުރު ތިލަފަޅު ޑޮކްޔާޑަކަސް ވިލިމާލެ ބުރިޖަކަސް އެކަން އޮތީ އެހެންނެވެ. ޗައިނާއިން އަޅާދިން ހުޅުމާލެ ބްރިޖަކަސް ދަރުމަވަންތަ ހޮސްޕިޓަލަކަސް ހިޔާ ޓަވަރަކަސް އެކަމުގައި ތަފާތެއް ނެތެވެ. ބޭރު ބަޔަކު ލައްވާ އެއްވެސް މެގަޕްރޮޖެކްޓެއް ހިނގަމުން ދާއިރު ދިވެހި ރައްޔިތަކަށް ލިބޭ ވިޔަފާރިއެއް ނަފައެއް ނޯވެއެވެ. މުޅި ޕްރޮޖެކްތަށް ހިނގާ ހުރިހާ ހަރަދެއް އަލިފުން ޔާއަށް ލިބެނީ ލޯނު ނުވަތަ އެހި ދޭގައުމަކަށެވެ. އެ ޕްރޮޖެކްތަކުން ވެރިން ހޯދާ ކަޓެއް ފިޔަވާ ރާއްޖެއަށް ލޯލާރިއެއްވެސް ނުލިބެއެވެ. 

ދަރިންގެ ދަރިންގެ މިނިމިންޏަށް ގައުމު ދަރުވާލައިގެން ހިންގާ މެގަ ޕްރޮލެކްޓްތަކަށް ކުރާހޭދައިގެ ކުޑަ މިންވަރެއްވެސް ދިވެހިންނަށް ނުލިބުމަކީ ދިވެހިން ބިކަވުމުގެ ސަބަބެކެވެ. މުޅި ޕްރޮޖެކްޓަށް ހޭދަކުރަހާ ފައިސާއެއް ލިބެނީ ލޯނު ނުވަތަ އެހީދޭ ގައުމަށެވެ. އެގައުމުގެ ރައްޔިތުންނަށެވެ. ލޯނަށް ދައްކަ ފައިސަވެސް އެ މީހުންނަށެވެ.

ރާއްޖޭގެ މަސައްކަތްތެރި ކުންފުނިތައް ކުރިއަރާ ދިޔުމަށް ހުރަސްއެޅޭ ގޮތަށް އެކިވަރުގެ ފަށަލަތައް ލައިގެން އޮންނަނީ އޮބިއަޅާފައެވެ. ވަރުވަރުން ދަރަޖަކޮށްގެން ހިންދަމާލިޔަ ނުދީ އޮންނަނީ އިނދަޖައްސާފައެވެ. ސަރުކާރުގެ ކުންފުނިތައް އޮންނަނީ ސިޔާސީ ބޭނުމަށް ކޮރަޕްޝަނުން ޖަރީކޮށްފައެވެ. ވެރިކަމަށް އަންނަ ކޮންމެ ބަދަލަކައެކު ދައުލަތުގެ ކުންފުނިތައް ގުނބޯލުންގެ އައްޑައަކަށް ބަދަލުވެ ކުންފުނިތަކުގެ އެފެސެންސީ ނައްތާލައެވެ. 

ރާއްޖޭގައި ތިބި ދުނިޔޭގެ ފެންވަރުގެ އިންޖިނޭރުންނާއި ފަންނުވެރިންނަށް ރާއްޖޭގައި ކުރިއަރާ ދިޔުމަށް ޖާގައެއް ނެތެވެ. އުސޫލުތަކާއި ފުރޭނުން ތަކުގައި ތާށިވެ މީހަކަށް ކުރާނެކަމެއް ކުރެވޭނެ ކަމެއް ނޯވެއެވެ. ސިކުނޑިތައް ހަފޮޅު އެތެރޭގައި ތަޅުލައިގެން ތިބި ސިޔާސީ ދަނޑިވަޅީންގެ ބުމަރަކަށް ގައުމުގެ އުފެއްދުންތެރިކަން އޮތީ ވެނިމިފައެވެ. އަބަދުވެސް ރާއްޖޭގައި ސިޔާސީން ޖަހާބެރަށް ނަށަމުން ކިޔާނީ ބަނގުރޫޓް ލަވައެވެ. ކާން ބޭނުންވާނީ ހިހޫތަނުންނެވެ.