ގައުމު އިސްކުރުމަކީ ބައިނަލްއަގުވާމީ ގާނޫނު މުގުރުމެއްނޫން
އިގްތިސޯދީ ސަރަހައްދު ބެހުމުގައި ދިފާއުގައި ކުރެވެން އޮތް ހުރިހާކަމެއް ރާއްޖޭން ކުރި
ކަނޑުން ދޫކޮށްލި ބައެއްގެ ވާހަކަ ރައީސް މުއިއްޒު ވިދާޅުވާތީ އިވެއެވެ. ކަނޑުން ބައެއް ދޫކޮށްލީ ކާކު ކޮން އިރަކުހެއްޔެވެ. ހަމަ ގައިމުވެސް 2018 ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހާއި 2023 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހާ ދެމެދު ހިނގާދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކަނޑަކުން އަކަ އިންޗިއެއްވެސް ދޫކޮށްލާފައެއް ނެތެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު ބުނާގޮތުން ރާއްޖޭގެ ސިޔާސީ ސަރަހައްދަކީ އާޕިލަޖިކަލް ބޭސްލައިނުގެ ބޭރުން 10 މޭލު އެތެރޭގައިވާ ކަނޑާ ބިމާއި ވަޔާއި ކަނޑުގެ އަޑިއެވެ. ރާއްޖޭގެ ހަގީގީ ސަރަހައްދު ކަމަށްވާ އާޕިލަޖިކަލް ބޭސްލައިނުގެ ބޭރުން 10 މޭލު އެތެރޭގައިވާ ސަރަހައްދުން އިންޗިއެއްވެސް މަދެއްނުވެއެވެ.
އާޕިލަޖިކަލް ބޭސްލައިނުން ފެށިގެން ބޭރަށް 200 މޭލުގެ ސަރަހައްދަކީ ރާއްޖެއަށް ހާއްސަ އިގްތިސޯދީ ސަރަހައްދެވެ. އެއްޔަކީ ރާއްޖޭގެ ސިޔާސީ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދަކީ ބައިނަލް އަގްވާމީ ކަނޑުން ރާއްޖޭގެ އިގްތިސޯދީ ބޭނުމަށް ދޫކޮށްފައިވާ ސަރަހައްދެވެ.
އިގްތިސޯދީ ސަރަހައްދު އެހެން ގައުމަކާ ފުށުއަރަންޏާ ދެފަރާތް އެއްބަސްވާ ގޮތަކަށް ބެހުމަށް ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދުތަކާއިބެހޭ ގާނޫނާއި ބައިނަލްއަގުވާމީ ގާނޫނު ބުނެއެވެ. ލަންކާއާއި އިންޑިއާ އާއި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ފުށުއެރުން ތިން ގައުމުން އެއްބަސްވީ ގޮތަށް ބަހައިގެން އެގޮތުގައި ތިބޭތާވެސް ކިތަންމެ ޒަމާނެކެވެ. ގާނޫނު ބުނަނީ އެގޮތަށެވެ.
ހަމައެގޮތަށް ރާއްޖޭގެ ދެކުނުން ޗާގޯސް އާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުން ފުށުނާރާ 200 މޭލުގެ ފުރިހަމަ ސަރަހައްދެއް ޗާގޯހަކަށްވެސް އަދި ރާއްޖެއަކަށްވެސް ލިބޭކަށް ނެތެވެ. ޗާގޯހަކީ މީގެކުރިން ކުރިން ވަކިބައެއްގެ ސިޔާދަތީ ބާރު އޮތް ތަނަކަށް ނުވުމާއި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ވަކި ގައުމަކަށް ނުވުމާއި ބަޔަކު ދިރިއުޅޭ ތަނަކަށް ނުވުމުން އިގްތިސޯދީ ސަރަހައްދު ބައިކުރުމުގެ މައްސަލައެއް ރާއްޖެއާއި ޗާގޯހާ ދެމެދަކު ކުރިއަކުން ނެތެވެ.
ނަމަވެސް މޮރިޝަސްއަށް ޗާގޯހުގެ ސިޔާދަތީ ބާރު ލިބޭކަމަށް ދުނިޔޭގެ ކޯޓްގެ ލަފަޔަކާއި އދ މެންބަރު ގައުމުތަކުގެ ފުޅާ އަގުލަބިއްޔަތުން ނިންމުމުން މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އިގްތިސޯދީ ސަރަހައްދުގެ ފުށުއެރުމުގެ މައްސަލަ ފެށި ދުނިޔޭގެ ކަނޑުތަކުގެ އިން ކަނޑައަޅާ ޓްރައިބިނަލަށް ހުށަހަޅައިގެން މޮރިޝަސްއިން މައްސަލަ ހިންގުވިއެވެ.
ދުނިޔޭގެ ގާނޫނު ގަބޫލުކުރާ ގައުމެއްގެ ގޮތުން އިޓްލޮސްގައި ހިންގި މައްސަލައަށް ޖަވާބުދާރީނުވެ އޮތުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން ދިފާއުގައި ކުރެވެން އޮތް ހުރިހާކަމެއް ރާއްޖޭންކޮށް އިގްތިސޯދީ ސަރަހައްދުގެ ކަނޑުބައި ކުރުމުގައި ބޮޑުބައި ރާއްޖެއަށް ހޯދިއެވެ. އެއީ ކުޑަ ކާމިޔާބެއް ނޫނެވެ. ކިތަންމެ ބޭނުން ވިޔަސް އިޓްލޮސްގެ ނިންމުމަށް އިހުތިރާމް ކުރުން ނޫން ގޮތެއް ނުއޮންނާނެއެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އިޓްލޮސް ގެ ހުކުމަށް ފޯރުވޭނެ އަތެއް ނުއޮންނާނެއެވެ. ޖެހޭނީ އިޓްލޮސްގެ ހުކުމަށް ބޯލަނބާށެވެ.
އިޓްލޮސްގެ ނިންމުމަކީ އިސްތިއުނާފް ނުކުރެވޭނެ ނިންމުމެއް ނޫނެވެ. ނަމަވެސް މައްސަލަ ބެލިއިރު ރިއާޔަތްނުކުރެވޭ ކަމެއް އޮތްނަމަ އެކަމެއް އިލްތިމާސް ކުރުމަށް ވަކި މުއްދަތެއް ވަންދެން ފުރުސަތު އޮވެއެވެ. އެ ފުރުސަތު ގެއްލި ދިޔައިރުވެސް އެފަދަކަމެއް ފާހަގަކޮށް އިޓްލޮސްއަށް ހުށަހެޅުމަށް މުއިއްޒު ސަރުކާރަށް ވަނީ ނުކުޅެދިފައެވެ. ސިޔާސީ ގޮތުން އަތްގުޅިނުކާވަރުގެ ބޮޑެތި ވާހަކަ ދެއްކުންނޫން ކަމެއް ނުކުރެއެވެ.
ހަގީގަތް އެހެން އޮތްއިރު ދޫކޮށްލި ކަނޑޭ ކިޔައިގެން ރައީސް އާއި ސަރުކާރުން ވާހަކަ ދެއްކުމަކީ ރާއްޖޭގެ ތާރީހު އޮޅުވާލުމެވެ. ސިޔާސީ ހަސަދައިގައި ގައުމުގައި ރަނގަޅަށް ހިނގާ ނިމިފައި ހުންނަ ކަންކަން އޮޅޭގޮތަށް ނުވަތަ އޮޅުވާލައިގެން ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަމްދުން އިޓްލޮސްގެ ހުކުމަށް އިހުތިރާމް ނުކުރާން ރާއްޖޭން ނިންމި ނިންމުމަކީ ހަދާ އަނެއް ގޯހެވެ. ބައިނަލްއަގުވާމީ ގާނޫނާ ހިލާފުވުމެކެވެ. ގައުމު އިސްކުރުމަކީ ބައިނަލްއަގުވާމީ ގާނޫނު މުގުރުމެއް ނޫނެވެ.


