ޖަލުން ފިލި 13 މީހަކު ހޯދާ ހައްޔަރުކޮށްފި
ޖަލުންފިލި ކުށްވެރިން ހޯދަން ޑްރޯނާއި 300 ފުލުހުން ހަރަކާތްތެރިވޭ
ކެރެލާގެ ބޯޑަރު ސަރަހައްދުތަކާއި ތަމަޅަނާޑޫގެ އެކި ހިސާބުތައް އެލާޓަށް ގެނެސް، ފުލުހުންގެ ހާއްސަ 17 ޓީމަކުން ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހު، ތަމަޅަނާޑޫގެ ޖަލަކުން ފިލި 17 ކުށްވެރިންގެ ތެރެއިން 13 މީހަކު އަލުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ތަމަޅަނާޑޫގެ ތީނީ ޑިސްޓްރިކްޓްގައި ހުންނަ ތެއްކަމްޕަޓީ ޖަލުގައެވެ. ކުށްވެރިން ފިލާފައިވަނީ ޖަލުގެ ގޮޅިއެއްގެ ތެރޭގައި ހުރި މީހަކަށް ފިިިިޓުޖެހިގެން އުޅޭކަމަށް ހެދިގެން، އެހީތެރިވާން އައި ގާޑަށް ހަމަލާދިނުމަށްފަހު ޖަލުގެ މައި ދޮރުންނެވެ. ހަމަލާގައި ޖަލު ގާޑުގެ ބޯ ފަޅައިގެން ގޮސް ޒަހަމްވެފައިވެއެވެ.
ފިލި މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެކަކު ފެނުނީ ޖަލު ފަހަތުގައި އޮތް ބޯ ޖަންގަލިގަނޑެއްގެ ތެރެއިންނެވެ. ތިން މީހަކު މަގުމަތިން ހިނގާފައި ދަނިކޮށް ހައްޔަރުކުރިއިރު، އެކަކު ހައްޔަރުކުރީ އޮޓޯރިކްޝާއަކަށް އަރަން އުޅެނިކޮށެވެ. އަދި އަނެއް އަށް މީހުން ހޯދާފައިވަނީ ތީނީ ކައިރީގައި އޮންނަ ވަލުތެރެއަކުންނެވެ. މި މީހުން ހޯދުމަށް ޑްރޯން ބޭނުންކޮށްގެން 300 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.
ޕްރިޒަންސް ޑިރެކްޓަރ ޖެނެރަލް ސަންދީޕް ރާއީ ރާތޯރް ޖަލަށް ޒިޔާރަތްކޮށް ހާލަތު ބައްލަވާލެއްވުމަށްފަހު ވިދާޅުވީ، މިހާތަނަށް 13 މީހަކު އަތުލައިގަނެވިފައިވާ ކަމަށާއި ބާކީ ތިބި ހަތަރު މީހުންވެސް ވަރަށް އަވަހަށް ހައްޔަރުކުރެވޭނެ ކަމަށެވެ. މި އިހުމާލާ ގުޅިގެން ޖަލުގެ 9 މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ސިޔާސީ ބަހުގެ ހަމަލާތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ކުރީގެ ފޮރިން މިނިސްޓަރ އެމް.ކޭ ސްޓާލިން ވަނީ ތަމަޅަނާޑޫގެ މިހާލަތު މަޝްހޫރު ޓީވީ ސިލްސިލާ "ޕްރިޒަން ބްރޭކް" އާ އެއްގޮތް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. މީގެ ރައްދުގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއީ މިހާރު އޮތް ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށެވެ.
މި ހާދިސާއަކީ 1995 ވަނަ އަހަރު ވެލޯރު ފޯޓް ޖަލުން ޓީ.ޓީ.އީގެ 43 މީހަކު ފިލި ހާދިސާއަށްފަހު ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ. ފުލުހުން މިހާރުވެސް ދަނީ ކެރެލާ ބޯޑަރު ސަރަހައްދުތަކުގައި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ




