ދެކުނު ޔޫރަޕްގައި އެންމެ މަތީ ދަރަޖައަށް ހޫނުގަދަވުމުގެ ނުރައްކާ

ފްރާންސްގައި 57000 މީހުން މަރުވެއްޖެ

ދެކުނު ޔޫރަޕްގައި އެންމެ މަތީ ދަރަޖައަށް ހޫނުގަދަވުމުގެ ނުރައްކާ

ފަރަންސޭސިވިލާތަށް މިދިޔަ ޖޫން މަހު ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން، އާއްމުކޮށް މީހުން މަރުވާ ނިސްބަތަށްވުރެ އިތުރަށް 5700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. ފްރާންސްގެ ރަސްމީ އިދާރާތަކުން މި މައުލޫމާތު ހާމަ މިކުރީ ޔޫރަޕްގެ ދެކުނުގެ ގައުމުތަކަށް ރެކޯޑް މިންވަރަކަށް ހޫނުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. 

ފަރަންސޭސިވިލާތުގެ ނޭޝަނަލް ހެލްތު އެޖެންސީން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ޖޫން 17 އިން ޖުލައި 2 ގެ ނިޔަލަށް އެ ގައުމުގައި 5764 މީހުން އިތުރަށް މަރުވެފައިވެއެވެ. މިއީ އާންމުކޮށް މަރުވާ ނިސްބަތަށްވުރެ 36 އިންސައްތަ އިތުރު އަދަދެކެވެ.

މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެފައިވަނީ ޖޫން 25 އާއި 27 އާ ދެމެދުގައެވެ. އަދި މަރުވި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ މީހުން ކަމަށް އެ އެޖެންސީން ބުނެއެވެ. ޖޫން 17 އިން ޖުލައި 2 އާ ދެމެދު މަރުވި މީހުން މަރުވީ ތަފާތު އެކި ސަބަބުތަކާ ހުރެ ކަމަށާއި، އޭގެ ތެރެއިން އެއްވެސް މަރަކީ ސީދާ ހޫނާ ގުޅުންހުރި މަރެއްކަން އަދި ކަށަވަރު ނުވާކަމަށްވެސް އެ އެޖެންސީން ބުނެއެވެ. މިދިޔަ އަހަރުގެ މުޅި ހޫނު މޫސުމުގައި ފަރަންސޭސިވިލާތުގައި އާއްމު ނިސްބަތަށްވުރެ އިތުރަށް މަރުވެފައިވަނީ 5722 މީހުންނެވެ.

މި މައުލޫމާތު ހާމަކޮށްފައިވަނީ، ސްޕެއިންގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ބޮޑު އެއް ރޯވުމާ ދެކޮޅަށް އެގައުމުގެ ފަޔަރު ފައިޓަރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މެޑްރިޑްގެ އުތުރުން އޮންނަ ގުއަޑަލަޖާރާ ސަރަހައްދުގައި ރޯވި މި އަލިފާނުގެ ސަބަބުން 32000 ހެކްޓަރުގެ ބިން އަނދާފައިވާއިރު، 34 އަވަށަކުން 1200 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ބުދަ ދުވަހު ސްޕޭންގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވެން ފަށާފައިވާ ކަމަށާއި، ފަސް އަވަށެއްގެ މީހުންނަށް އެނބުރި ގެއަށް ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތެއްގައި ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ސްޕެއިންގައި 22 ބޮޑު ރޯވުމެއް ހިނގާފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއް ކަމަށެވެ.

މިހާތަނަށް 100000 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އަނދާފައިވާ ކަމަށާއި، މިއީ ފާއިތުވި ދިހަ އަހަރުގެ މުޅި އަހަރުގެ އެވްރެޖާ އެއްވަރުގެ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތަށް އާންމުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސްޕެއިންގެ މޫސުމާ ބެހޭ އިދާރާ، އޭމެޓްއިން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އަލިފާން ރޯވުމުގެ ނުރައްކާ އިތުރަށް ބޮޑުވާނެއެވެ. ފިނިހޫނުމިން 42 އާއި 44 ޑިގްރީ ސެލްސިއަސްއާ ދެމެދު ހުންނާނެތީ، ހުރިހާ އެންމެންވެސް އިންތިހާއަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ހޫނުމިން އިތުރުވުމާއި، ހަނަފަސްކަން އަދި ރޯވުންތައް ދަނީ އިތުރުވަމުންނެވެ.

ފަރަންސޭސިވިލާތުގެ ޒިރޮންޑޭ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ދެ ފަޔަރު ފައިޓަރުން މަރުވެފައިވާއިރު، ހޫނުގަދަ ސަރަހައްދުތަކުގައި ބޭރުގައި ބާބަކިއު ފަދަ ކަންކަން ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ. އަލިފާން ރޯވުމުގެ 90 އިންސައްތަ ހާދިސާއަކީ އިންސާނުންގެ އިހުމާލުން ހިނގާ ކަންކަން ކަމަށްވެސް އެ އިދާރާތަކުން ބުނެއެވެ.

ގްރީސްގައި ފިނިހޫނުމިން 41 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭތީ، އަވިގަދަ ވަގުތުތަކުގައި ބޭރުގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ.

އިޓަލީގެ ސިސިލީގައިވެސް ބޮޑެތި ރޯވުންތަކެއް ހިނގައި، ގިނަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ވަނީ މުޅި ސިސިލީގައި އަލިފާނުގެ ނުރައްކާ އޮތްކަމަށް އެންމެ މަތީ ދަރަޖައަށް އެލާޓް ނެރެފައެވެ.