ބިންހެލުމުގައި ނިއުކްލިއަރ ޕްލާންޓަކަށް ގެއްލުމެއްނުވޭ

ޖަޕާނަށް އައީ ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް

ބިންހެލުމުގައި ނިއުކްލިއަރ ޕްލާންޓަކަށް ގެއްލުމެއްނުވޭ

ޖަޕާނުގެ ދެކުނުގެ ކިއުޝޫ ސަރަހައްދަށް އަންގާރަ ދުވަހުއައި ބިންހެލުމުގައި ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޓަރ ބުނެއެވެ. ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުން އައި ސަރަހައްދާ ކައިރީގައި ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކެއް ހުރި ނަމަވެސް އެއިން އެއްވެސް ޕްލާންޓަކަށް ގެއްލުމެއް ލިބިފައި ނުވާކަން ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޓަރީ އިދާރާއިން ކަށަވަރު ކޮށްދޭއިރު ކަމާބެހޭ އިދާރާތަކުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. 

ޖަޕާނަށް މި އައި ބިންހެލުމާ ގުޅިގެން ކިއުޝޫ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތާއި ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައިވާއިރު، ސުނާމީގެ އިންޒާރާއި އިތުރު ބިންހެލުންތަކެއް އަތުވެދާނެކަމުގެ އިންޒާރު ވެސް ދިނެވެ.

ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް 40000 ގޭބިސީން ކަރަންޓުގެ ހިދުމަތް ކެނޑިފައިވެއެވެ. ބާރުދުވެލީގައި ދުއްވާ ބުލެޓް ރޭލުތަކާއެކު ރޭލުގެ ހިދުމަތްތައް ވެސް މެދުކަނޑުނެވެ. އެއް މީޓަރ އުސްމިނުގައި ސުނާމީގެ ރާޅެއް އަރާފާނެ ކަމަށް ލަފާކޮށް ސުނާމީގެ އިންޒާރުވެސް ނެރުނެވެ.

ކިއުޝޫ އައިލެންޑްގެ ބައެއް ސަރަހައްދުތަކަށް ކުއްލި ނުރައްކަލުގެ އިންޒާރު އޮތީ ނެރެފައެވެ. މީގެ ތެރޭގައި ކުމަމޯޓޯ، ނަގަސާކީ، ކަގޯޝިމާ، ފުކުއޯކާ، ސާގާ، އޮއިޓާ އަދި މިޔަޒާކީ ހިމެނެއެވެ.

ކިއުޝޫ ސަރަހައްދަކީ ދުނިޔޭގެ ނަން މަޝްހޫރު ސޮނީ އަދި ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިންގ ކޮމްޕެނީ (ޓީ.އެސް.އެމް.ސީ) ފަދަ ކުންފުނިތަކުގެ ފެކްޓްރީތައް ހުންނަ ސަރަހައްދަކަށް ވުމުން، އެ ކުންފުނިތަކުން ދަނީ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރަމުންނެވެ.

އަނެއްކޮޅުން އިތުރު ބިންހެލުންތަކެއް އަތުވެދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ސަމާލުވެ ތިބުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.