އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޖަލަށް

ޖަސްޓިސް ޑިޕާޓްމެންޓުން ބަލާ އެންމެ ހާއްސަ މައްސަލައަކީ ދައުލަތުގެ ސިއްރު ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ.

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޖަލަށް

އެމެރިކާގެ ހަޔާތުގައިވެސް މިވީހާތަނަށް ވެރިކަންކުރި ރައީސަކު ޖަލު ހުކުމެއް ކޮއްފައެއް ނެތެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ ރައީސް ޓްރަޕްގެ މައްސަލަތަށް މިހާރު މިސްރާބު ޖަހާފައިވަނީ ޓްރަޕްގެ މައްޗައް ޖަލުހުކުމެއް ކުރުމާއި ދިމާލަށެވެ. ޓްރަޕްގެ މައްސަލަތައް ބަލާ ކޯޓަށް ހުށައެޅުމަށް މިހާރުގެ އެޓާނީޖެނެރަލް މެރިކް ގާލޭންޑް ވަނީ ހައްސަ ޕްރޮސިކިއުޓަރަކު މިދިޔަ ހުކުރު ދުވަހު އައްޔަނު ކޮއްފައެވެ. ސްޕެސަލް ކައުންސިލަރ އަކަށް ޕްރޮސިކިއުޓަރ ޖެކް ސްމިތް އައްޔަނުކުރުން ވެގެން ދިޔައީ މުޅި އެމެރިކާގެ ސިޔާސީ މަސްރަހަށް އައި ލޮޅުމަކަށެވެ. ކޮސޯވޯގެ ހަގުރާމައިގައި އާއި ދުނިޔޭގެ އެކި ތަންތަނުގައި އެތައްބަޔަކު މެރި ދުނިޔޭގެ ބޮޑެތި ކުއްވެރިންގެ މައްޗަށް ދަހޭގުގައި ހުންނަ ދުނިޔޭގެ ކޯޓުގައި ދައުވާ ކުރާ ޖެކް ސްމިތް އަކީ އޭނާ ހުށައަޅާ މައްސަލަތައް ކާމިޔާބުކުރާ އަދި މަސްހޫރު ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ކުޅަދާނަ ޕްރޮސިކުޓަރެއްކަމުގައި ފާހަގަ ކުރާ ފަރާތެކެވެ.

ޕްރޮސިކިއުޓަރ ޖެކް ސްމިތު

ރައީސް ޓްރަމްޕް އާއި ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބަލާ އެންމެ ހާއްސަ އެއް މައްސަލައަކީ އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެވެ. އެމެރިކާގައި ހެދިފައިވާ ޤާނޫނެއްގައި "ކްލެސިފައިޑް" (ދައުލަތުގެ ސިއްރު) ޖަހާފައިވާ ލިޔުންތައް ބަލަހައްޓަން ޖެހޭ އުސޫލުތަކެއް ބަޔާން ކޮއްފައި ވެއެވެ. މި އުސޫލުތަކާއި ހިލާފަށް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމިގެން ވައިޓް ހައުސްއިން ޓްރަމްޕްގެ އަމިއްލަ ތަކެތި ނެރުމުގެ ތެރޭގައި ދައުލަތުގެ ސިއްރު ޖަހާފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ގެންގޮސްފައި ވެއެވެ.
އެމެރިކާގެ ނެޝަނަލް އާކައިވްއަށް ރައީސް ޓްރަމްޕްގެ ވެރިކަމުގެ ބައެއް ލިޔުންތައް މަދުކަން ފާހަގަ ކުރެވިގެން 2021 ވަނަ އަހަރުގެ މޭމަހު ލިޔުންތައް ހަވާލުކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް ރައީސް ޓްރަމްޕް ލިޔުންތައް ދެއްވުމަށް ދެކޮޅު ހައްދަވާން ފެއްޓެވިއެވެ. ޓްރަމްޕްގެ ލޯޔަރުންނާއި އެކު ކުރެވުނު މަސައްކަތުން 2022 ގެ ޖެނުވަރީމަހު 15 ފޮށިގަނޑެއްގައި ހުރި ލިޔުންތައް ހަވާލުކުރިއެވެ. ނެޝެނަލް އާކައިވްއިންބެލިބެލުމުން ޖެނުއަރީގައި ރައީސް ޓްރަމްޕް ފޮނުއްވެވި ލިޔުންތަކުގެ އިތުރު ލިޔުންތައް ހުރިކަން އެގުމުން އެފްބީއައި މެދުވެރިކޮށް 8 އޮގަސްޓް 2022 ގައި ރައީސް ޓްރަމްޕްގެ ފްލޮރިޑާ ރިސޯޓް ގަނޑުވަރު މަރަލާގޯ ބަލާފާސްކުރުމަށް ކޯޓް އަމުރެއް ހޯދާ ބަލާ ފާސްކުރިއެވެ. މަރަލާގޯ ބަލާ ފާސް ކޮއްގެން ހޯދި ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ޓޮޕް ސީކްރަޓް ޖަހާފައިވާ 18 ލިޔުމަކާއި ސީކްރަޓް 54 ލިޔުމަކާއި ކޮންފިޑެންޝަލް ޖަހާފައިވާ 31 ލިޔުމެކެވެ. އަދި މީގެ އިތުރަށް ސަރުކާރުގެ އެހެނިހެން 300 ލިޔުމަށް ވުރެގިނަ ލިޔުން ހޯދާފައިވެއެވެ.


އެމެރިކާގެ ޖާސޫސީ މައުލޫމާތު ހިމެނޭ ގިނަ ލިޔުންތަކެއް ރައީސް ޓްރަންޕް އެއްވެސް ރައްކާތެރިކަމެއް ނެތި މަރަލާގޯގައި ގެންގުޅެފައިވުމުން އެލިޔުންތައް އެމެރިކާގެ ހަތުރު ގައުމުތަކުގެ ޖާސޫސީ އެޖެންޓުންނަށް ލިބިފާވުން ވެސް އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އީރާނުގެ ނިއުކުލިއަރ ހަތިޔާރާ ގުޅޭ މައުލޫމާތާއި ޗައިނާގެ ސިއްރު އެތައް މައުލޫމާތުތަކެއް އެލިޔުންތަކުގައި ވާކަމީ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އަންނަނީ ބުނަމުންނެވެ. ގައުމެއްގެ ޖާސޫސީ މައުލޫމާތު އެއްކުރުމަށް އިންސާނީ ވަސީލަތް ބޭނުން ކޮއްފައިވާތީ އީރާނާއި ޗައިނާގައި ތިބި އެމެރިކާގެ ސިއްރު އެޖެންޓުން ފަޅާ އެރުން ވެސް ވަރަށް ކައިރިކަމަށް އަންނަނީ ބުނަމުންނެވެ.
ރައީސް ޓްރަމްޕްގެ ފަރާތުން ޖަސްޓިސް ޑިޕާޓްމެންޓުން ކުރާ ތަހުގީގު ހުއްޓުވަން އެކި އެކި ހުރަސްތައް ކުރިމަތިކުރި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ރައީސް ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލި ހައްޔަރަށް ގެނެވޭނެ ކަމަށް ގާނޫނީ ގިނަ މާހިރުން ލަފާކުރެއެވެ.