ފައިނު އާދަނުމެން ދައުލަތުގެ ރިޒާވް އުސްތުނބަށް ގެންގޮސްދެނީ!
އާދަނު މި ފަހަރު މާކޮށާރު ބަތާނައަށް ދަންދެން ފޮރޮޅާލާނެ
ރޭނިދި ނުދިގެން ފައިނު އާދަނު ތެޅެ ފޮޅޭތާ ކިތަންމެ ދުވަހެކެވެ. އެކަކު ކައިރިން އަނެކަކު ކައިރިން ދެފައި އެއްތާ ނުޖަހާ މި އާދަނަކު ދުވާތާ ކޮން ޒަމާނެއް ހެއްޔެވެ. ގައުމާ ރައްޔިތުން ދެކެ މި މަނިކު މި ވަނީ ހާދަ ލޯތްބެކެވެ. ރައްޔިތުން ކުރެ އެކަކު ވެސް ނުކައި ހުރިއްޔާ އާދަނު ހުންނަނީ ނުކައެވެ. އެހެން ހުރެ ހުރެ އެ ފަކީރު ހީވަނީ ފެން ދަމާލާފައި އޮތް ފަޅޯ އޮނެއް ހެނެވެ.
ދައުލަތުގެ މާކޮށާރު އަޑިއަޅާ ލާއިރަށް ކޮންމެ ފަހަރަކު ގަންބާ ފުރާ ބާރުކޮށް ދެނީ މި އާދަނު ވިއްޔާއެވެ. އާދަނު ބުނެލާއިރަށް ތިޖޫރީގައި އޮތް އެއްޗަކާ ނެތް އެއްޗެއް ބުނެ ނުދީއެއް ނުވާނެތާއެވެ. މި ފަހަރަކު މާބަނޑޭރި އަލީ ހާޝިމް ވެސް އުޅެންފެށި ވައްތަރެކެވެ. ވަތަބަނޑޭރި އަމީރު ވެސް އާދަނަށް ފޮރުވައިގެން ކުރަންޖެހޭ ކަމެއް ނޯންނާނެއެވެ. ވެދިޔަހާ ތަނުގައި ވެސް މާކޮށާރުގައި ހުރިއްޔާ ހުރި އެއްޗަކީ އާދަނު ހޯދާދީފައި ހުރި އެއްޗިއްސެވެ. އާދަނަށް މާކޮށާރުގެ ފޫ ނުދައްކާން ފައި ވިއްދިޔަސް އާދަނު އެ ބަލަފައި ނޫނީ ހުއްޓައެއް ނުލާނެއެވެ.
ގައުމީ ބޮޑުމާލޫދު ހަރުގޭގައި މާލޫދު ބުރި ބުނަން އާދަނުމެން ގެންގޮއްސާ ތިބެނީ ކަމަކުތާއެވެ. މާލޫދު ބައިގެ މާމުދިމު ލައްވާ ފަތްތޫރަ ހިންގައިގެން ވެސް އާދަނު މި ފަހަރު މާކޮށާރު ބަތާނައަށް ދަންދެން ފޮރޮޅާލާނެއެވެ. އެވަރު ކުރަންދެން ބަނޑޭރިން މި ތިބެނީ ކޮން ރަލެއް ބޮވިފައި ހެއްޔެވެ.
މަލޫދު ހަރުގެއަށް ގެންނަ ބޮޑުކޭން ހަބަޑަށް ކައި ފުރައިގެން އާދަނުމެން ތިބޭ ވާހަކަ ބަޔަކު ދައްކައިފިއްޔާ އެ ބަޔަކަށް ވުރެ އުޅި އެއްނުވާ ބަޔަކު ތިބި ކަމަކަށް ވާނީއެއް ނޫނެވެ. އެހެނެއް ކަމަކު މާކޮށާރު ހުސްވެ ރައްޔިތުން މަގޫފަތް ކާން ޖެހިދާނެތީ ފަޔަށް ހިނިއަރައިގެން އާދަނުމެން އުޅޭއިރު މާކޮށާރުން ވަކިކޮށްގެން ގެންނަ ބޮޑުކޭން ނުކައި އެންމެ ފަހަރަކު ވެސް އާދަނުމެނަށް ވަނީއެއް ނޫނެވެ. ބޮޑު ހަރުގޭގެ މާމުދިމު ވެސް ހީވަނީ ރެވިތޮޔޮ ބޮވިގެން އުޅޭހެނެވެ. ރައްޔިތުން ދެކެވާ ލޯބިންނެވެ.
ބަލަ މިތިބަ ގަމާރުންނޭވެ. ތިޔަ ހަރުގެއެއްގެ ތެރޭގައި އަޑުހަރުކޮށް ލާހަޅޭކުން މާކޮށާރު ފުރި ބާރުވޭ ހެއްޔެވެ. މާކޮށާރުގައި އޮތް އެއްޗަކާ ނެތް އެއްޗެއް އެނގިގެން ތިޔަ ލަވާ ހަޅޭކާ ޖަހާ ބެރަށް ބުމެއް އިތުރުވުން ނޫން ކަމެއް ވާނެހެއްޔެވެ. ނުވާނެއެވެ.
ރާއްޖޭގެ ރިޒާވްގައި ކާޑާއި ތެލާ ގަންނާނެ ފައިސާ ނެތިއްޔާ އެ ފައިސާ ހޯދާނީ އެ ވަގުތަކު ސަރުކާރު ހިންގަން ތިބި ބައެކެވެ. ދައުލަތުގެ ހަރަދު ބޮޑުވެގެން އެއްމަހުގެ މުސާރަ ވެސް ނުނަގާ އާދަނުމެނަށް ތިބެލަން ކެރެދާނެ ހެއްޔެވެ. ހެސްކިޔާފަ ބޮޑު މުސާރައާއި އިނާޔަތް ނަގައިގެން ކައިފުރައިގެން ތިބެ މީހުންގެ މަސްކެއުން ނޫން ކަމެއް ތިޔަ ބަޔަކު ތިޔަ ތާކަށް އެއްވެ ތިބެ އެބަ ކުރަން ހެއްޔެވެ. ތިޔަ ތާނގެ ތެރޭގައި ސަރުކާރާ ބައިވެރިވެގެން ސަރުކާރަށް ކަން ފަހިކޮށްދީގެން އުޅެން މަސައްކަތް ކުރާ އިހުލާސްތެރިއަކަށް ވިއްޔާ ގަނާކޮށް ގޯނާކޮށް ފުރައްސާރަ ކުރުން ނޫން ކަމެއް އެބަ ކުރަން ހެއްޔެވެ.
ފައިނު މާވަޑި އާދަނު ވެސް ތެޅެ ބާލާއިރު ހީވަނީ ދައުލަތުގެ ރިޒާވް އުސްތުނބަށް އަޅާފުރާލަ ދޭން އުޅޭ ހެންނެވެ. ބުނަން ހެއްޔެވެ. ރައްޔިތުންނަށް ތިޔަހާ ހެވެއް އެދިގެން އުޅެންޏާ މަހު މުސާރަ ނުނަގާ ތިޔަ ތަޅާ ބޭކާރު އަނގަ ތަޅަން ކޮންމެ ދުވަހަކު ހުޅުވައިގެން ނުތިބެ އެކަމަށް ހިގާ ހަރަދުތައް ނުހިންގާ ރިޒާވޭ ތެލޭ ކަޑޭ މަގޫފަތޭ ކިޔާބަލާށެވެ. އަމްދަކުން ތިޔަ އުޅެނިއްޔަކީ ރިޒާވް ހުސްވެ ރައްޔިތުން ބަނޑަށް ޖެހިދާނެ ތީއެއް ނޫނެވެ. ވެރިކަމަށް ބޫތު ކައިގެންނެވެ.