ޑިކްޓޭޓަރ މުއިއްޒުގެ ރަބަރުތައްގަޑަށް މަރުހަބާ!

މަޖިލީހުގެ ރައީސް ވެސް ކޯޗެއް ހޯދައިގެން އެލްބޯޑް އަޅުވާނީތަ!

ޑިކްޓޭޓަރ މުއިއްޒުގެ ރަބަރުތައްގަޑަށް މަރުހަބާ!

ގައުމުގެ ހަޔާތުގައި މިއަދަކީ ލަދުވެތި ދުވަހެކެވެ. ކަޅު ދުވަހެކެވެ. އަނދިރިކަމާ ނާމާން ކަމުން ހަތަރު އުދަރެސް ބައްދާލި ދުވަހެކެވެ. ގައުމުގެ ހީރަސްކެނޑި ކަންކަން ހައްދުން މައްޗަށް ދިޔަ ދުވަހެވެ.

ރާއްޖޭގެ ދިގު ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންކުރާ އެންމެ ގޮތްފޮތް ނެތް މީހާގެ ރައީސްކަން ފެށުނު ދުވަހެވެ. އަލްއަމީރު މުހައްމަދު ފަރީދު ދީދީގެ ރައީސް ކަމުން ފެށިގެން ހިތަދޫ މުހައްމަދު އަސްލަމާ ހަމައަށް މަޖިލީހުގެ ރައީސްކަން ކުރެއްވީ 20 ބޭފުޅުންނެވެ. އޭގެތެރޭގައި ގިނައީ އިލްމާ ތަޖުރިބާގެ ގޮތުން އާދަޔާ ހިލާފް މޮޅު ބޭފުޅުންނެވެ. މާދަރީ ބަހުގެ އިތުރަށް ބޭރުބަހެއް ދެނެވަޑައި ނުގަންނަވާ އެއްވެސް ބޭފުޅަކު އޭގެތެރޭގައި ނެތެވެ. 

އަބްދުއްރަހީމް އަބްދުއްލާ އަކީ މަޖިލީހުގެ ރައީސް ކަމަށް ކުފޫހަމަ ބޭފުޅެއް ނޫނޭ ބުނެފިނަމަ ގާސިމް އިބްރާހީމްވެސް މަޖިލީހުގެ ރައީސްކަން ކުރެއްވިޔޭ މީހަކު ބުނެފާނެއެވެ. އަދުރޭއާއި ގާސިމާ އަޅާކިޔޭނެ އެއްގޮތެއްވެސް ނުއޮންނާނެއެވެ. ގާސިމް އިބްރާހީމަކީ އަމިއްލަފުޅު ތަނަވަސްކަމާއި ގައުމީ ހިދުމަތާއި ސިޔާސީ ތަޖުރިބާގައި ދެވަނައެއް ނެތް ރާއްޖޭގެ ކިންގް މޭކަރއެވެ. ވިޔާފާރިއާއި ރަސްމީ މުއާމަލާތްތައް ކުރެއްވޭ ވަރަށް އިނގިރޭސި ބަސް ދެނެވަޑައި ގަންނަވާ ބޭފުޅެކެވެ. ބަރުލަމާނީ ހަޔާތުގައި އެތައް ދައުރެއްގެ މެންބަރުކަން ކުރައްވާ އައު ގާނޫނު އަސާސީ އަލިފުން ޔާއަށް ނިންމި ހާއްސަ މަޖިލީހުގެ ކުޅަދާނަ ރައީސެވެ. 

މަޖިލީހުގައި އަބްދުއްރަހީ މީގެކުރިން އުޅުއްވާފައިވާ ހުތުރު ގޮތާއި ދޫނުބައިކަމާއި އަނގަ ހަޑިކަން އެހުރީ ރެކޯޑް ތަކުން ފެންނާށެވެ. ހުއްޓުމެއްނެތި މީސްމީޑިއާގައި އެހެރަ ދައުރުވަނީ އަބްދުއްރަހީމް އުޅުއްވި ހުތުރު މުޑުދާރު ގޮތެވެ. ދަރިކަލުން ފައިސަލްހެން ކޯޗެއް ހޯދައިގެން މަޖިލީސްގެ ރައީސް ދަސްކުރައްވަން އުޅުއްވަން ޖެހުމަކީ ވަކީން ކުޑަކަމެއް ނޫނެވެ. 

މަޖިލީހުގެ ރައީސް ކަމަށް އަދުރޭ އިސްކުރުމުން އަލްއުސްތާޒު އަހުމަދު ކާމިލް ދީދީއާއި ޝައިހު މަލިން މޫސާ މާފަތްކަލޭފާނާއި ޝައިހު ޝާތިރާއި އޮނަރަބަލް އަހުމަދު ޒަކީއާއި އުސްތާޒު އިބްހީމް ޝީހާބަށްވެސް ހުތުރެވެ. މަޖިލީހުގެ ރައީސްކަން މީގެކުރިން ކުރައްވާފައިވާ އެއްވެސް ބޭފުޅެއްގެ ފަރާތްޕުޅުން މަޖިލީހުގެ ކަރާމާތް ގެއްލޭފަދަ މުޑުދާރު އެއްވެސް ކަމެއް މަޖިލީހުގެ ތެރޭގައި ފެނިފައެއް ނުވެއެވެ. އެކަމަކު އަދުރޭ ތަފާތެވެ. 

ވަޒީފާގެ ނުފޫޒާއި ރިޝްވަތުގެ ކަޅުފައިސާ ބަހައިގެންވެސް ސްޕަރ ސްޕަރ މެޖޯރިޓީ ހޯދީމާ ވާނީ މެޖޯރިޓީ އޮތްކަމަށެވެ. އެގޮތަށް އިންތިހާބުވީ މެންބަރުންގެ ތެރޭގައި އިލްމާ ތަޖުރިބާއާއި ހުރި މީހުންވެސް އެބަތިއްބެވެ. އެމީހުން ތިއްބާ ރައީސް މުއިއްޒު ހުށަހަޅައިގެން އަދުރޭއަށް ރައީސް ކަމުގެ ކޯޓް ފަހާލުމުން ވާން މިއުޅެނީ ކީއްކަން އެގެއެވެ. މަޖިލީހުގެ ރައީސާ ނައިބުރައީސް ހޮވާލުމުގެ މިނިވަންކަންވެސް މެންބަރުންނަށް ނެތެވެ. ގާނޫނު ހެދުމާ ބަޖެޓް ފާސްކުރުމުގައި އިހުތިޔާރެއް މެންބަރުންނަށް ނުއޮންނާނެކަން މިހާ ހިސާބުންވެސް އެނގިގެން ހިގައްޖެއެވެ.

މަޖިލީހުން ފާސްކުރާނީ މުއިއްޒު ބޭނުންވާ ގާނޫނެވެ. މުއިއްޒު ހުށަހަޅާހާ އެއްޗެއް ބަހުސެއް ނެތި ފާސްކޮށް ތައްގަޑު ޖަހަމުން ދާނެއެވެ. ރައްޔިތުންގެ ހައްގެއް ޑިމޮކްރަސީއެއް މޫނެއް ކަނދުރާއެއް އޭރަކުން ނުއޮންނާނެއެވެ. ހަމަތެދެކެވެ. ޑިކްޓޭޓަރ މުއިއްޒު ބޭނުންވާހާ ކަމަކަށް ގާނޫނީ ހަމައަޅުވާ ތައްގަޑު ޖަހާދޭން އޮތްތަނަކަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް ހަދާނިމުނީއެވެ. ޑިކްޓޭޓަރ މުއިއްޒުގެ ރަބަރުތައްގަޑަށް މަރުހަބާކިޔަމެވެ.