އެމްޑީޕީ މެންބަރުންނަކީ މާޒީގެ އަޅުންކަމަށް ވެގެންނުވާނެ: ޝާހިދު

އަޅުގަނޑުމެންނަކީ ( އެމްޑީޕީގެ މެންބަރުންނަކީ) މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެކަމަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް ގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔަން އެމްޑީޕީގެ ގައުމީ މަޖިލިހުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓް އެއްގައެވެ.
"އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފަންވާނީ މުސްތަޤްބަލަށް" ކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ ކާމިޔާބު ލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެން ކަމީ ދުނިޔަވީ ހަގީގަތް ކަމަށެވެ.
ރާއްޖޭގެ އެހެން ސިޔާސީ ޕާޓީ ތަކުގެ މެންބަރުންނާއި، ގައުމުގެ މިސްރާބު ހަމަ މަގަށް ގެންދިއުމަށް ކެތްމަދުވެފައި ތިއްބެވި އެންމެހައި ރައްޔިތުންވެސް އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް ވެސް ޝާހިދު ގޮވާލެއްވިއެވެ.
ރާއްޖޭގައި މުސްތަގުބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށްވުސް ޝާހިދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގައި ކުރިން މަސައްކަތްކުރެއްވުމަށް ފަހު އެ ޕާޓީއާއި ވަކިވެގެން ދަ ޑިމޮކްރޭޓްސް އުފައްދަވައިގެން ސިޔާސީ މަސައްކަތް ފެއްޓެވި ބޭފުޅުން އެނބުރި އެމްޑިޕީއާ ގުޅުމަށް ވަނީ ނިންމާފައެވެ.