އަތަށް ގޮއްވާލި ސަމަދާބޭގެ ބަޅުރުކު މިޝަން
ބަޅުރުކު މިހުން ސިޔާސީ ބޭނުމުގައި ކަތިލާ ކަންބަޅި ތަކަކަށް އިސްރަށްވެހިން
އިންޑިއާ އައުޓް ގޮވަމުން ގޮވަމުންގޮސް އިންޑިއާއަށް އިން ވީމާ ޑީޕޯޓްކޮށްލިކަން ނަސީބެވެ. ޓެރެރިސްޓެއްގެ ސިއްކަ ޖަހާ ހައްޔަރު ނުކުރިކަމަށްޓަކާ ޝުކުރުކޮށް ބަލާށެވެ. މިލިޓަރީ ޓްރޭނިންގ ހަދައިގެން ހުރި މީހަކު ފާޅުގައި އިންޑިއާގެ މިލިޓަރީއާއި ދެކޮޅަށް ނިކުމެ ހަރަކާތްތެރި ވާއިރު އޭނާ އިންޑިއާއަށް ދިޔަ ބޭނުމާ މެދު ޝައްކުގެ ނަޒަރުން އިންޑިއާއިން ދުށުމުގެ ފުރުސަތު ބޮޑެވެ.
ބޭސްފަރުވާ ކުރުމުގެ ނަމުގައި އިންޑިއާއަށް އޭނާ ދިޔައީ ޓެރެރިސްޓް ހަރަކާތެއް ހިންގަން ކަމަށް ނުބެލެވެންވީ ސަބަބެއް ނެތެވެ. އަމާ ގާތަށް ވަނތް މީހާވެސް ވަނީ ހުނިގުރާބު ބަލައެވެ. އާއްމުކޮށް ތުނބުޅި ދިގުކޮށްފައި ހުންނަ މީހަކު ތުނބުޅި ކުކުޅު ބިހަކަށް ހަދައިގެން ދިޔުމުގެ ނިޔަތާ މެދުވެސް ސުވާލު އުފެދެއެވެ.
މިޝަނަކާ މަތިކޮށް ބަލިކަމުގެ ބަހަނާގައި އިންޑިއާއަށް ފޮނުވި މީހާ ކަންނުވަނީސް ޑިޕޯޓް ކޮށްލުމުން ފަޔަށް ލައްކަ ހިނި އަރާނެއެވެ. ރައްޖޭގެ ދިފާއީ ވަޒީރު ސަމާސާ ރާގެއްގައި އެވާހަކަ ދެއްކެވީމާ ފިސާރި އަސަރު ކޮށްފިތާއެވެ. ގަނާކުރި ކަމަށާއި އިންސާނީ ކަރާމާތް ނަގާލީ ކަމަށް އެކަން ވެއްޖެތާއެވެ.
މިލިޓަރީ ޓްރޭނިންގ ހަދައިގެން ތިބި ބަޔަކު ބޭނުންކޮށްގެން ސަރަހައްދީ ނިއުކުލިއަރ ބާރަކާ ދެކޮޅަށް ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަކީ މައްސަލަ އަކަށް ނުވެއެވެ. ކަންބޮޑު ވާކަށް ފުންނާބު އުސް ވަކީލުންނަކަށް ނޭނގުނެވެ. ބުނަން ހެއްޔެވެ. ބޮކުބާރު ދައްކަން އުޅެންވާނީ ފެންގަނޑުގައި އުޅޭ ބޮކަށެވެ.
މާތްކަލާކޯ ނައިފަރު ޝިޔާމޫއެވެ. މަޖިލީހަށް މާރިޔާގެ މައްސަލަ އަވަހަށް ވައްދާށެވެ. ވައްދައިގެން ތިބެ ހޭބޯނާރާ އިންޑިއާއަށް ބަވާށެވެ. މިހާރު ނުކުރެވި އޮތީ އެކަމެވެ. ހެޔޮ ނުވާނެއެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި ތިބެ ފިނި ކޮޓަރިއޭ ރަޖައޭ ޓޯޗަރއޭ ނުކިޔާ ހިމޭނުން ތިބޭށެވެ. ލަދެއް ހަޔާތެއް ނެތި އިންސާނީ ކަރާމާތަށް އަރައިގަންނަމުން ޝަރުއީ ހުކުމް ހަރާން ކުރަމުން ބައިނަލްއަގުވާމީ ގުޅުންތައް ކަނޑަމުން މަތި ހަށި ނަގައިގެން ގުންފައި ޖެހިވަރަކަށް ގެނބުންނޫން ކަމެއް ބަޅުރުކު ފަކީރުންނަކަށް ނުވާނެއެވެ.
ބަޅުރުކު މިހުން ސިޔާސީ މަގުސަދެއް ހާސިލުކުރަން ކަތިލާ ކަންބަޅި ތަކަކަށް އިސްރަށްވެހިން ހަދައިގެން އެމިހުން ކޯޑިހައްދައިގެން ނެރެ އަނިޔާ ކުރަން ނުހަދާށެވެ. ހިތްވަރު ހުރިއްޔާ ބަޅުރުކު ރިޔާސީ ޓިކެޓަށް މަރުފަލި ޖަހާ މުއިއްޒާއި ވަހީދާއި ގައްސާނާއި ޝިޔާމާ ސައީދާއި ދެންވެސް ތިބި ބަޔަކު އިންޑިއާ އައުޓޭ ގޮވަމުން ގޮސް އިންޑިއާއަށް އަރާލަ ބަލާށެވެ. ކިޔާ ހޫނު މަރުހަބާ ފެންނާނެއެވެ. އޭރުން ހޯހޯ ނުގޮވާށެވެ.