އެންމެ ސަމަދު ބެއަކަށްވުރެ ރާއްޖެ މާބޮޑު
ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅޭ ބަޅުރުކު ޓެރެރިސްޓުން އޮބިއަޅުވަން އެބަޖެހޭ!
ގިނަ ދުވަސްތަކެއް ވާންދެން ގައުމީ ދިފާއީ ބާރުގައި މަސައްކަތްކޮށް ރިޓަޔަރވުމަކީ ގާނޫނީ ވެރިކަމާ ދެކޮޅަށް ތެދުވުމަށް ދޭ ލައިސަންސެއް ނޫނެވެ. ދިފާއީ ބާރުން ރިޓަޔަރވުމަކީ ބައެއްގެ ސިޔާސީ ބޭނުމަށް ކަތިލެވޭ ކަންބަޅިއަކަށް ވާން ދޭ ތަޅުދަނޑީއެއް ނޫނެވެ. ދައުލަތުގެ މުދަލުން އެތައް ޒަމާނެއް ވަންދެން ކާންދީ ތަމްރީނުދީ ރިޓަޔަރ ވަންދެން ގެންގުޅުނީ ނިކުމެ ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާ ފިތުނަ އުފައްދާކަށް ނޫނެވެ.
އެއިރަކު އޮންނަ ގާނޫނީ ސަރުކާރަކުން ދައުލަތުގެ ދިފާއީ ނިޒާމް ތަރުތީބު ކުރަނީ ސިޔާސީ ވާދަވެރިންނަށް ގައުމީ ސަލާމަތް ފޫދުއްވާ ނުލެވޭނެ ގޮތަށެވެ. އެހިނދަކަށް އެހީތެރިކަން ހޯދާ އެއްބާރުލުން ހޯދަންޖެހޭ ބަޔެއްގެ އެއްބާރުލުމާ އެހީތެރިކަން ހޯދަން ޖެހޭވަރެއް އެގޭނީ ރިޓަޔަރކޮށްފައި ތިބޭ މެދުފަންތީގެ ސިފައިންނަކަށް ނޫނެވެ. އިދިކޮޅު ޕާޓީއަކަށް ވެސް ނޫނެވެ.
ސިފައިންގެ ހުވާކޮށް ރިޓަޔަރ ވެގެން ތިއްބަސް އެ މީހުންނަކީ ބައަކަށް ސިޔާސީ ބާރުވެރިކަން ހޯދާ ދިނުމަށް ނިކުމެ ގާނޫނީ ސަރުކާރާ ދެކޮޅަށް ގައުމު ނުރައްކަލަށް ވައްޓާލަން ތިބި ބައެއް ނޫނެވެ. ރިޓަޔަރޑް ސިފައިންނަކީ ސިފައިންގެ ޗޭން އޮފް ކޮމާންޑްގެ ދަށުން އަންނަ އަމުރަކަށް ނޫނީ އަމަލު ކުރެވޭނެ ބައެއް ނޫނެވެ. ގާނޫނީ ސަރުކާރެއް އޮތް ގައުމެއްގައި ގައުމީ ސަލާމަތަށް އޮތް ރައްކަލާއި ނުރައްކާ ކަނޑައަޅާނީ ދައުލަތުގެ އެންމެ މަތީވެރިޔާއެވެ.
ތިމާމެންނަށް ވުރެ އަސްކަރީގޮތުން ބާރުގަދަ ބަޔަކާ ދެކޮޅަށް ހަމައެއް ލަމައެއް ނެތި ސިޔާސީ ޖަޒްބާތުގައި ޖެހިގެން ރިޓަޔަޑް ސިފައިން ނިކުތުމަކީ ގައުމު ނުރައްކަލަށް ވައްޓާލުމަށް ދައުވަތުދޭ ދިނުމެކެވެ. ހަތިޔާރު އުފުލާ ގެންގުޅުމުގެ ގާބިލުކަން ހުރި މީހަކު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއާއި ދެކޮޅަށް ނިކުތުމަކީ އެތައް ގޮތަކުން ނުރައްކާތެރި ކަމެކެވެ.
އެއްވެސް ސާބިތު ހެއްކެއްނެތި މި ބަވަނަވެތި ދުނިޔޭގައި ބޮޑު ގައުމެއްގެ އަސްކަރިއްޔާއާއި ދެކޮޅަށް ރޭވިގެން ހަރަކާތެއް އެއްވެސް ތަނެއްގައި ހިނގާނަމަ އެކަމާމެދު އެ ގައުމަކުން ދެވަނަ ވިސްނުމަކުން ވިސްނާނެއެވެ. އަމްދު އެހަރަކާތެއްގައި ރިޓަޔަރޑް ސިފައިންގެ ބައެއްގެ ބައިވެރިވުން ފާޅުގައި ފެންނަން އޮތިއްޔާ އެބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެއެވެ. އަމްދުން އޭގެން މީހަކު އެ ގައުމަކަށް ހިގައްޖެނަމަ ޓެރެރިސްޓް ހަރަކާތެއް ހިންގަފާނެކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.
ސަމަދުބޭ މެންކަހަލަ ރިޓަޔަރޑް ސިފައިންގެ މީހުން އިންޑިޔާ އަސްކަރިއްޔާއާ ދެކޮޅަށް ހިންގާ ޖަރީމާއަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެއީ ސިޔާސީ ކަމެއްނޫނެވެ. ރިބަލް ގްރޫޕަކުން ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެކެވެ. އިންޑިއާ އައުޓު ހަރަކާތުގައި އުޅޭ ރިޓަޔަރޑް ސިފައިންނަކީ ނުރައްކާތެރި ބައެކެވެ. އެ މީހުންގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ހީނުކުރާ ވަރުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެއެވެ.
އެންމެ ސަމަދުބެ އަކަށް ވުރެ ގައުމު މާ ބޮޑެވެ. ސަމަދުބޭ ޑީޕޯޓަކުން މި ފަހަރުވާ ސަލާމަތް ވެއްޖެއެވެ. ބޮލު ރޮދި ކެނޑިފައި ތިބި ސަމަދުބޭމެން ކަހަލަ މީހުން ބޭނުން ކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅޭ ބަޅުރުކު ޓެރެރިސްޓުން އޮބިއަޅުވަން އެބަޖެހެއެވެ.