ޖުޑިޝަރީން ބިމުގައިތިބެ ހަނދަށް ކުޅުޖަހަނީ!!

ޝަރީއަތް ކުރާނެ ތަންތަން ނެތީ ޖުޑިޝަރީން ހޯދަން ނޫޅޭތީ؟

ޖުޑިޝަރީން ބިމުގައިތިބެ ހަނދަށް ކުޅުޖަހަނީ!!

ޝަރީއާތްތައް ލަސްކޮށް ދިގުދެއްމުމަށް ވަރަށް ފައްކާ ހުއްޖަތެއް ގާއިމު ވެއްޖެއެވެ. ތުހުމަތަށް ބަންދު ކުރަން ޖެހޭ މީހުން ދޫކޮށްލުމަށް ވެސް އެއީ ރަނގަޅު ހުއްޖަތެކެވެ. ބޭނުންވާ ބަޔެއްގެ ބަންދު ދަންމާ ލުމަށްވެސް އެ ހުއްޖަތް ފުދެއެވެ. 

ތެދެކެވެ. ސާބިތު ހުކުމެއްނެތި ބަންދުގައި ގިނަ ދުވަހު ތިބެން ޖެހޭ މައްސަލަ ހައްލުވާނީ ޝަރީއަތް ކުރާނެ ތަންތަން ފަނޑިޔާރުންނަށް ދައްކައިދީގެންނެވެ. ޝަރީއަތްތައް އަވަސް ކުރެވޭނެ ގޮތް ފަހިކޮށްދީގެންނެވެ. 

ޝަރީއަތް ކުރާނެ ތަންތަން ނެތުމުގެ ބަހަނާގައި ޝަރީއަތްތައް ނުހިންގާ ބޭއްވިދާނެއެވެ. ތަންތަން ހުއްޓަސް ނެތަސް ފަނޑިޔާރުންގެ ލަސްކުރުމުގެ މަސްލަހަތުނެތް ނުފޫޒެއް ނެތް މައްސަލަތައް ވަރަށް އަވަހަށް ވަރަށް އިންސާފުން ނިންމާފައި އެބަހުއްޓެވެ. ގޮތްގޮތަށް ފުރޮޅި އެގޮތް މިގޮތްވެ ލަސްވެ ފަސްވާ ގިނަ މައްސަލަ ތަކުގެ ފަހަތުގައި އެކިޒާތުގެ މަސްލަހަތާއި ނުފޫޒު އޮންނަކަމީ ދޮގުނުކުރެވޭނެ ހަގީގަތެކެވެ.

މައްސަލަތައް ފަސްކޮށް ލަސްކުރުމުގެ ފަހަތުގައި ވަކީލުންގެ ދައުރު ބޮޑެވެ. އެއްފަހަރާ އެތައް މައްސަލައެއް ނަގައިގެން މައްސަލަތައް ފުށުއަރައިގެން ޝަރީއަތުގެ މަޖިލިސްތައް ކެންސަލްކުރަން ޖެހިފައިހުރީކީ މަދެއް ސުމާރެއްކޮށް ނޫނެވެ. ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް އަތްގުޅިނުކާ ވަރަށް ބޮޑުވެގެން އިދާރީ ސަބަބުތަކާހެދި މައްސަލަތައް ހުއްޓި ގާވެފައި ހުރީވެސް މަދެއްކޮށް ނޫނެވެ.

މައްސަލައެއް ނުނިމި ދިގުލައިގެން ދިޔުމުން އޭގެ ގެއްލުން ލިބެނީ ކޮން ބަޔަކަށް ކިހާވަރަކަށް ކަމެއް ނުބެލެއެވެ. ނުނިމިއޮތް މައްސަލައާއި ސިދާގޮތުންނާ ނުސީދާ ގޮތުން ގުޅިފައިވާ ކަންކަމާއި އޭގެ ނަތީޖާއަށް އެއްވެސް މީހަކު ފިކުރެއް ނުހިންގައެވެ. ތަންތަން ނެތިގެން ޝަރީއަތްތައް ނުހިންގެނީކަމަށް ބުނެ ބޮލުން ކަނޑާލީމާ ނިމުނީއެވެ. 

ވަސީލަތްތައް ދައުލަތުން ޝަރީއަތަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި ރޮނގު އެޅުމަށް ވެއްޖެއެވެ. ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއްކަމަށް ޝަރީއަތުން ސިފަކޮށްފިއެވެ. 

ޝަރީއަތް ކުރާނެ ތަންތަން ހޯދަން ޖުޑިޝަރީން އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ޝަރީއަތް ކުރާނެ ތަންތަން ނުލިބިއެއް ނުހުންނާނެއެވެ. ދަމަކުން ބަޑިއެއް ޖަހާހެން ސިޓީއެއް ފޮނުވާލުމަކުން އެކަމާ އުޅެވުނު ކަމަކަށް ނުވާނެއެވެ. ޖުޑިޝަރީގައި އޮތް ނެގިމަޑުވުން އެހެން މުއައްސަސާ ތަކުގައިވެސް އޮންނާނެއެވެ. ވީއިރަކުން ކުރަން ދީގެން ތިބިއްޔާ ވާނީ ވީއިރަކުންނެވެ. އެންމެ މަހެއްގެ މުސާރަ ލަސްވެލިޔަސް އެ ހޯދަން ނޫޅެ ވީއިރަކުން ވާން ދޫކޮށް ލައިގެން ތިބެވިދާނެ ހެއްޔެވެ. ނުތިބެވޭނެއެވެ. ނުވެސް ތިބޭނެއެވެ. 

ޝަރީއަތް ކުރާނެ ތަންތަން ނެތީ ޖުޑިޝަރީން ހޯދަން ނޫޅޭތީއެވެ. ޝަރީއަތްތައް ލަސްވެ ފަސްވުމުގެ ސަބަބަކަށް ޝަރީއަތް ކުރާނެ ތަންތަން ނެތުން ހެދުމަކީ ބަހަނާއެކެވެ. ގައިރު ޒިންމާދާރު ކަމެވެ.

ޖުޑިޝަރީއަކީ ވަރަށް މައުސޫމް، ވަކިފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަން ބައެއް ކަމަށް ދެއްކެން އުޅުމަކީ ޑރ. ޖަމީލު ވިދާޅުވާހެން ބިންމަތީގައި ތިބެގެން ހަނދަށް ކުޅު ޖަހަން އުޅުން ކަހަލަ ކަމެކެވެ.