އައްޑޫން 4000ގޯތި ދޫކުރަނީ

އެންމެ ފުރަތަމަ 1000 ގޯތި

އައްޑޫން 4000ގޯތި ދޫކުރަނީ

އައްޑޫ ސިޓީން ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަނުވާ 188 ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޝަކުވާތަކަށް ބެލުމަށް ފަހު، 4،000 ގޯތި ދޫކުރާނެއެވެ.

އައްޑޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެންމެ ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދޫ އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

އިތުރަށް ދޭން ނިންމާފައިވާ ގޯތިތަކުގެ ތެރޭގައި ކައިވެނިނުކޮށް ތިބި ޒުވާނުންނަށް ދޭ ގޯތި ހިމެނެއެވެ. ގޯތި ދޫކުރުމަށް އައްޑޫގައި ބިން ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މޭޔަރ ނިޒާރު ވިދާޅުވާ ގޮތުގައި ގޯތި ދޫކުރަން ނިންމި އަދަދު އިތުރުކުރުމުން ބާކީ ހުރި ބިންތަކުން ގޯތި ދޫކުރާނެ ގޮތުގެ ލޭންޑްޔޫސް ޕްލޭން ނިންމަން ވަރަށް އަވަހަށް އިއުލާނުކޮށް އެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށެވެ. "އައްޑޫ ސިޓީން ބިން ހުރެގެން ބިން ދޭން މިއުޅެނީ" މޭޔަރ ވިދާޅުވިއެވެ. 4،000 ގޯތި ދިނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ދައުރު ނިމުމުގެ ކުރިން ގޯތި ދޫކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

އައްޑޫން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމައި، ވަގުތީ ލިސްޓު މާދަމާ އާންމުކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.