ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒަށް އާތިފްގެ ތައުރީފް!

އިގްތިސޯދު މެނޭޖު ކުރެއްވުމުގައި އަމަލުކުރެއްވީ ވަރަށް ރަނގަޅަށް

ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒަށް އާތިފްގެ ތައުރީފް!

ރައީސް ސޯލިހު ސަރުކާރުގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ތައުރީފް ކުރައްވައިފިއެވެ. ކޮވިޑްގެ ހާލަތުގައި އިގްތިސޯދު މެނޭޖު ކުރެއްވުމުގައި އަމަލުކުރެއްވީ ވަރަށް ރަނގަޅަށް ވަރަށް ފުރިހަމަކޮށް ރަށްފުށަށް ތަދުމަޑުކަމެއް ނާންނަ ގޮތަކަށް ކަމަށް އާތިފު ވިދާޅުވިއެވެ. 

މަސްވެރިން މަހަށް ނުކުމެ މަސް ބާނައިގެން އައީމަ ކައިގެންތިބި ހާލަތެއްގައި ރައްޔިތުން ކޮޅަށް ބައިތިއްބަން ކުރަންޖެހޭ ކަންކަން ކުރަންޖެހޭނެކަމަށް އާތިފު ވިދާޅުވިއެވެ. ކޮވިޑާއެކު އެއަރޕޯޓުގައި ތަޅުލެވުމުން ގައުމަށް އާމްދަނީ ވަންނާގެ ގޮތް ހުސްވެގެން ދިޔުމުން ފައިސާ ޗާޕްކުރުމަކީ އެ ހާލަތުގައި ވަރަށް ރަނގަޅަށް ރައީސް ސޯލިހު ވެރިކަމުގައި ކުރެއްވި ކަމެއްކަމަށް އާތިފު ވިދާޅުވިއެވެ. 

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާ ވާ ގައުމަކަށް ވާއިރު ކޮވިޑާއެކު ގައުމުގެ ބޭރު ދޮރާށި ބަންދުވެގެން ދިޔަދިޔުމަކީ 2020 ވަނަ އަހަރު ރައީސް ސޯލިހު ސަރުކާރަށް ދިމާވީ ދުނިޔެއަށްވެސް ނާންނަވަރުގެ ބޮޑު މުސީބާތެއް ކަމަށް އާތިފް ސިފަ ކުރެއްވިއެވެ. އެހެންކަމުން ފައިސާ ޗާޕްކުރި ކުރުމަކީ ކުރީ ސަރުކާރުން ނިންމި ރަނގަޅު ނިންމުމެއް ކަމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ވިދާޅުވިއެވެ.

ފައިސާ ޗާޕްކޮށްގެން މާކެޓަށް ނެރުމުން ބޭރު ފައިސާގެ އަގު ވެއްޓުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާތިފު ވިދާޅުވިއެވެ. ގައުމެއްގެ އުފެއްދުންތެރިކަމާއި ވިޔަފާރިން ލިބޭ ފައިސާ ވަންނާނި އިގްތިސާދުގެ ތެރެއަށާއި ބޭންކިންގ ނިޒާމުގެ ތެރެއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އާތިފް ޝުކުރު ވިދާޅުވާ ގޮތުން ފައިސާ ބޭންކަށް ވަނުމަށްފަހު އެ ފައިސާގެ ވެރި ފަރާތުން އެ ބޭނުން ތަނަކަށް ގެންގޮސް، ބޭނުން ތަނަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. 

ފައިސާ ޗާޕްކުރުމާއި ޑޮލަރުގެ ކަޅުބާޒާރާ ގުޅުމެއް ނެތްކަން ސާފުކޮށް ދެއްވަމުން އާތިފު ފާހަގަ ކުރައްވާ ގޮތުގައި އެތައް އަހަރެއް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އާމްދަނީ ދިޔައީ މާލީ ބާޒާރަށް ނުވަދެއެވެ. ސަޕްލައިއަށްވުރެ ބޮޑަށް ޑިމާންޑް އިތުރުވެއްޖެނަމަ ކިތައްމެ ވަރުގަދަ ގަވާއިދެއް ހެދިފައި އޮތްނަމަވެސް ކަޅުބާޒާރެއް އުފެދިގެންދާނެއެވެ. " ކަޅު ބާޒާރުގައި ފުލުހަކު ޑޮލަރު ފަހާ ދުވަން ބެހެއްޓިކަމުގައިވިޔަސް ކަޅު ބާޒާރު އަންނާނީ އުފެދެމުން. ބާޒާރުމަތީގައި އެ ވިއްކަން ނުކުމެ އުޅޭ ބިދޭސީ ހިފާ ހައްޔަރުކުރީމާ އެ މުއާމަލާތް ހިފާނެ ފުނަށް. ފެންނާކަށް ނުހުންނާނެ." އާތިފު ވިދާޅުވިއެވެ. އިގްތިސާދަށް ބޭނުންވާ ވަރަށް ޑޮލަރު މާލީ ބާޒާރަށް ވަނުމުން ލުއިލިބިގެންދާނެ ކަމަށް ވިދާޅުވަމުން ކުރީ ސަރުކާރުން ފައިސާ ޗާޕްކުރިކުރުން އާތިފު ދިފާއުކޮށް މިނިސްޓަރ ފައްޔާޒަށް ތައުރީފް ކުރެއްވިއެވެ.