ޑރ. މަޖީދުގެ މަރާގުޅުވާ ޝައިޚު އިމްރާން ދައްކާ ވާހަކަ ފެންހިފޭތަ!

ޑރ. މަޖީދުގެ މަރާގުޅުވާ ޝައިޚު އިމްރާން ދައްކާ ވާހަކަ ފެންހިފޭތަ!

ގޮތްނޭނގޭ މަރުތައް ދުނިޔޭގައި ހިނގާފައިވަނީ މަދެއްކޮށް ނޫނެވެ. ފަހުގެ ތާރީހަށް އެކަނި ބަލާލިޔަސް އެފަދަ އެތައް މަރެއްގެ ވާހަކަ ދެއްކެން އެބައޮތެވެ. ގޮތް ނޭނގޭ ގިނަ މަރުތަކެއް އިސްލާމީ އުންމަތުގެ ބޮޑެތި އިލްމުވެރިންނަށް އަމާޒުވެފައިވެއެވެ.

ރަައްޔިތުންގެ އިތުބާރާއި ލޯބި ލިބިވަޑައިގެން ތިއްބަވާ އިސްލާމީ އިލްމުވެރިން ގޮތްނޭނގޭ ކުއްލި މަރަކުން މަރުވުމަކީ މަދެއްކޮށް ހިނގާ ކަމެއްނޫނެވެ. އިލްމުވެރިން ގޮތްނޭނގޭ މަރުން މަރުވުމުގައި ރާއްޖެވެސް އިސްތިސްނާއެއް ނުވެއެވެ. އިސްލާމީ އިލްމުވެރިންނާއި އިސްލާމީ ސައިންޓިސްޓުންނާއި އާދަޔާ ހިލާފު ފަންނާނުން އެކި ސިފަ ސިފައިގައި މަރާހުސް ހުސްކުރުމަކީ ޒަޔަނިސްޓު އެޖެންޑާއެކެވެ. ރާއްޖެއަކީވެސް ޒަޔަނިސްޓް އެޖެންޑާގެ ބޭރުގައި އޮތް ގައުމެއް ނޫނެވެ. 

ޑރ. އަފްރާޝީމް އަލީ ވަނީ ރަހުމްކުޑަ ގޮތަކަށް އަވަހާރަ ކޮށްލާފައެވެ. ކުށުގެވެށި ކަމަށް ބެލެވުނު ސަރަހައްދު ޑިޓޯލާއި ދެންވެސް ހުރިއްޔާ ހުރިއެއްޗަކުން ދޮވެ ސާފުކޮށް އޮޓޮޕްސީ ހެދުމެއްނެތި ވަޅުލާ ނިންމާލިއެވެ. ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދަން ނުފޮރުޅާ ގައުކޮޅެއް އޮތްކަމަކަށް ނުވެއެވެ. އެކަމަކު މަރުވިކަން ނޫން އެހެން ކަމެއް މިހާތަނަށްވެސް އޮތީ ނޭނގިފައެވެ. 

ޑރ. އަފްރާޝީމަކީ ރާއްޖޭގެ ކޯޓުތަކުން އިސްލާމީ ޝަރީއާގެ ހަމަތައް ބޭރުވިޔަ ނުދެއްވަން ނޫ ގާނޫނުއަސާސީގެ އިންތިގާލީ މަރުހަލާގައި ގަދަފައި ވިއްދަވައިގެން މަސައްކަތް ކުރެއްވި އިލްމުވެރިޔާއެވެ. މަޖުބޫރު މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް ކިޔަވާދިނުން ގާނޫނަކުން ލާޒިމް ކުރުވި އިލްމުވެރިޔާއެވެ. އުވާލާފައިވަނިކޮށް ގާނޫނަކުން ކުއްލިއްޔަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ވުޖޫދަށް ގެނުވި މޭސްތިރިއެވެ. 

ޑރ. އަފްރާޝީމާއި އެއްގޮތަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ރަައްޔިތުންގެ އިތުބާރާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް އިސްލާމީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވާނެއެވެ. ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަކީ ކޯޓުތަކުގައި އަންހެން ފަނޑިޔާރުން ތިއްބެވުމާ ދެކޮޅު ބޭފުޅެކެވެ.

ކޯޓުތަކުގައި އަންހެން ފަނޑިޔާރުން ތިއްބެވުމާ ދެކޮޅަށް އިލްމީ ހުއްޖަތް ދައްކަވާ އާއްމު ތަގުރީރެއް ޑރ. މަޖީދު ދެއްވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. ސްރީ ލަންކާގެ ހޮޓަލެއްގެ ފާހާނާ ތެރެއަށް ވެއްޓިވަޑައިގެންފައި އޮންނެވީ ކިހާއިރަކުކަން ނޭގުނަސް ބަޔަކަށް އެކަން އެނގުނު ހިސާބުން ހޮސްޕިޓަލަށް ގެންދަވާ ވެންޓިޅޭޓަރގައި ފަރުވާދެނިކޮށް އެވަނީ ޑރ. މަޖީދު ދުނިޔެ ދޫކުރައްވާފައެވެ. އިތުރު ތަހުލީލަކާއި ނުލާ ޑރ. މަޖީދު ވެސް ވަޅުލާ ނިންމާލީއެވެ. 

ތެދެކެވެ. ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މަރާގުޅުވާ ޝައިޚު އިމްރާން އެދައްކަވަނީ އާދައިގެ ވާހަކަފުޅެއް ނޫނެވެ. ޑރ. މަޖީދު ގެ މަރާގުޅުވާ ޝައިޚު އިމްރާން އެ ދައްކަވާ ވާހަކަފުޅުގެ ފެން ހިފުންހުރި ވަރެއް ބަލާ ފުރިހަމަ ތަހުގީގެއް ހިންގަންޖެހެއެވެ. ކަމެއްގައި ތުހުމަތުގެ އިނގިލި ދިއްކުރާ މީހާގެ ނޮޅާ ކަށިކައިގެން އަސްލު މައްސަލައަށް ފަސްއަޅާ ފޮރުވުން ނޫން ކަމެއް ނުވާނެއެވެ. 

ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައި ތިއްބެވި ދީނީ އިލްމުވެރިންގެ ހައްގުގައި ޑރ. އަފްރާޝީމާއި ޑރ. މަޖީދު މަރުގެ ހަގީގަތް ހޯދާ ފިޔަވަޅު އަޅަންޖެހެއެވެ. ޝައިހު ފަރީދުގެ ކުއްލި މަރާގުޅިގެން ވެސް ވަށައިގެން ހުރި ކަންކަން ނުބަލާ ދޫކޮށްލައިގެން ތިބެން ހެޔޮނުވާނެއެވެ. އިސްލާމީ އިލްމުވެރިންގެ ސަލާމަތާ ރައްކަލަށްޓަކައެވެ.