މުއައްސަސާތަކުގެ ބޭނުންކެނޑި ބާރެއްނެތީތަ!

އަޅުގަނޑުގެ މިނިވަން ޚިޔާލު: ތަނެއްދޮރެއްނޭނގޭ ނާޤާބިލްވެރިން މުއައްސަސާތައް ހިންގަން ތިބީތޯ؟

މުއައްސަސާތަކުގެ ބޭނުންކެނޑި ބާރެއްނެތީތަ!

ދައުލަތުގެ މުއައްސަސާތަކުގެ ބޭނުންކެނޑި ބާރެއްނެތީތޯއެވެ. ނޫނީ ތަނެއްދޮރެއްނޭނގޭ ނާޤާބިލްވެރިން މުއައްސަސާތައް ހިންގަން ތިބީތޯއެވެ؟ 

ކަންވީގޮތް: 

ޖަލުހުކުމުގައި ޓިނުގޮޅީގައި އޮންނަށް މިޖެހެނީ ރިހާކުރުފުޅި ވަގަންނެގި ނިކަމެތި މީހާއެވެ. ބޮޑުން ޖަލުހުކުމުން ރަށުބަންދަށް މިނިވަންކަމާއެކު ދޫކޮށްލާފައެވެ. ކުށްވެރިންގެ ދަރަޖަމިނާ މިންގަނޑު އޮތީ ވަކިމީހަކަށް ހެޔޮވަރު ހެދުމެއްހެންނެވެ. އަޑުގަދަވާ މީހާ ރުއް ގިނަވާ އުޞޫލުންނެވެ. އިންސާފުގެ ހަމަހަމަކަން ނެތި މޮޅުމީހާއަށް ރަށުބަންދުގެ ނަންދީފައި ކުށްވެރިއެއްގެ ލަނގަބު އިއްޒަތްތެރި ކޮށްފައެވެ. އަދި ގާނޫނު ހިންގަނީ ވެސް ނިކަމެތި މީހާގެ މައްޗަށެވެ.

ހަޤީޤަތަކީ: 

ލޯކުރިމަތިން ފެންނަމުން މިދަނީ ދައުލަތް ހިންގަން ތިބި ވެރިންގެ ކުފޫ ހަމަނުވާ ތަނެވެ. އަދި ގާނޫނުގެ ދިގުއަތް ފޯރަނީ ވަކި ހިސާބަކަށެވެ. ކުށްވެރިވުމާއި ކޯޓުން ކުރާ ހުކުމް ތަންފީޒު ކުރުން މީއީ އަރަތަކަށް ވެއްޖެއެވެ. ގާނޫނު ތަންފީޒު ކުރަން ތިބޭ މުއައްސަސާ ތަކުން ބަތްކައްކާ ކުޅޭތަން ދަނީ ފެންނަމުންނެވެ. ނާޤަބިލް ވެރިންގެ ސަބަބުން  ރައްޔިތުންގެ އިތުބާރު މުއައްސަސާ ތަކަށް ދަނީ ގެއްލެމުންނެވެ. 

ބާރުވެރިކަން:

ގާނޫނަކީ ފޮތުގައި ލިޔެފައި ނަމެއްގައި އޮތް އެއްޗެއްތޯއެވެ. ރައްޔިތުންގެ ޚައްޤުތައް ދިފާޢު ކުރުމަށް ދެމިއޮތީ ދައުލަތުގެ ކޮން މުއައްސަސާއެއްތޯ ވެސް މިހާރު ސުވާލު އުފެދިއްްޖެއެވެ. ފެންނަނީ ހަމަހަމަ ކަމާއި އިންސާފު ނުލިބޭ ތަނެވެ. ވެެރިންގެ މަޤާމަކީ ޝަރަފެއްނޫނެވެ. އެއީ  ޒިންމާއެކެވެ.

ނަތީޖާދެއްކިގޮތް: 

ހެޔޮވެރިކަމަށް ދިންވޯޓު ހިތި ހަބަރަށް ވެއްޖެއެވެ. ދެއްކި ދޮގުވާހަކަ ތަކަށް ލިބުނު ވޯޓުގެ ހިތިކަން މިދަނީ ފެންނަމުންނެވެ. އޮތީ ފުރާޅުން ބާޓިނު ބަދަލުކުރާ މޫސުމެވެ. ވާރުތަ މުދާހެން މުއައްސަސާ ތަކުގެ ނަން އިތުރުކޮށް ކުރަނީ އެއްކަމެކެވެ. ސިޔާސި ބުރަދަނެއް ނެތް ޤައުމީ ވިސްނުމާއި ދުރު، ހިތް ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ނެތް އެއްޗެއް ހުރިކަމަށް ދައްކައިގެން މޮޅެއް ހޯދުމަށް އުޅުމުން މިދަނީ އިތުބާރު ގެެއްލެމުންނެވެ. ޅެމާއި ރައިވަރުން ރަސްކަން ދިރުވުން ހަ ގުނަ ކުރީގައެވެ. ގައުމިއްޔަތުގެ ނިވައިފަތްގަނޑުގައި ތުއްތު ޅަދަރީން ސިޔާސީ ކުރުމުގައެވެ.

އިތުރަށް ބުނަންއޮތީ:

މިނިވަން ޚިޔާލުފާޅު ކުރުމަށް ދޮރު ބަންދު ކޮށްފިއެވެ. ނަމަވެސް ޒަމާނީ ވަޞީލަތް ތަކުގެ ފުރުޞަތު ބަންދެއް ދެނެއް ނުކުރެވޭނެެއެވެ. މިޤައުމަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ޒިންމާ އުފުލަން ޖެހޭނެ ޤައުމެކެވެ.