ރަށުބަންދުން ވީއްލުމުގެ ފަރުވާއަކީ އާރުޓީއެލް
ހިދުމަތް ލިބެން ހުރިތަކާކަށް އަގުހެޔޮކޮށް އަވަހަށް ގޮސް ހިދުމަތް ލިބިގަތުމުގެ ނިޒާމު
އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމަކީ ބޮޑުގެއްލުމެއް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަގުހެޔޮ އަރާމު އަވަސް ދަތުރު ފަތުރުގެ ނިޒާމަކަށް ވުރެ ފައިދާ ބޮޑު ހިދުމަތެއް ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ނުއޮންނާނެއެވެ. ރަށު ބަންދުން ވީއްލި އެއްބަޔަކު އަނެއް ބަޔަކަށް ފެނި ދެނިވުމަށް ވުރެ ބޮޑު ފައިދާއެއް ނުއޮންނާނެއެވެ.
އެއްބަހެވެ. ރާއްޖޭގެ ރައްތައް ފެތުރިފައިވާ ގޮތުން މުޅިރާއްޖެ ގުޅުވާދޭ ފެރީ ނިޒާމަކަށް ހިގާނެ ހަރަދު ވަރަށް ބޮޑުވާނެއެވެ. ހައިސްޕީޑް ލޯންޗް ފަހަރު ހޯދުމާ ބެލެހެއްޓުމަށް ފިސާރި ފައިސާ ހޭދަވާނެއެވެ. މުއައްޒަފުންނަށް ހިނގާ ހަރަދު ލައްކަ ބޮޑުވާނެއެވެ. ތެލާ މަރާމާތާއި ހިދުމަތް ރާވާ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިލިއަން މިލިއަނުން ހަރަދުވާނެއެވެ. ފަސިންޖަރުން އަތުން މަސްދުވަހު ނަގާ ކުޑަކުޑަ އަގަކުން އެންމެ ދުވަހަކު ހިނގާ ހިންގުމުގެ ހަރަދުވެސް ފޫނުބެއްދޭނެއެވެ.
ސަރުކާރުން ސަބްސިޑީ ދީގެން މިހާ އަގުބޮޑު ދަމަހައްޓަން އުނދަގޫ ހިދުމަތެއް ދޭން ފެށުމުން މާއްދީ ހަނި ވިސްނުމަކުން ވިސްނާ މީހަކަށް ކަމަކީ ކުރަން ހެޔޮނުވާ ވަރުގެ ކަމެއްކަމަށް ފެނުމަކީ އެ މިހެއްގެ އުނިކަމެއް ނޫނެވެ. ރައްޔިތެއްގެ މައްޗަށް ދައުލަތެއް ބިނާވެފައި އޮތުމުގެ އިހުސާސް ކުރާ އެއްވެސް މީހަކު އެޒާތުގެ ކަންކަމާ މެދު ނޭއްގާނި ވިސްނުމަކުން ނުވިސްނާނެއެވެ.
އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމުގެ ފައިދާ ހުރިހާ ދާއިރާއަކަށް ކުރިއެރުމާ މަންފާ ލިއްބައިދޭނެކަން ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލުމުން އެނގިގެން ދާނެއެވެ. ހިދުމަތް ލިބެން ހުރިތަކާކަށް އަގުހެޔޮކޮށް އަވަހަށް ގޮސް އެ ހިދުމަތެއް ލިބިގަތުމަށް އެ ނިޒާމު މަގު ފަހިކުރެއެވެ. އެއް ރަށެއްގައި އުފައްދާއެތި ބޭނުންވާ އެހެން ރަށްރަށުގައި ތިބޭ މީހުނަށް ފޯރުކޮށްދެވެއެވެ. ކަމެއް ދިމާވުމުން ނުވަތަ އާއްމުކޮށް ކުރަންޖެހޭ ކަމެއް ކުރުމަށް އެހެން ރަށްރަށަށް ބޮޑު އަގުދީގެން ކުރަން ޖެހުނު ދަތުރުތައް ކުރުމަށް ހޭދަކުރި ފައިސާ ފައިދާ ހުރި ކޮންމެވެސް އެހެން ކަމަކަށް ހަރަދު ކުރުމަށް ބެހެއްޓެއެވެ.
ސަރުކާރުން އޭރުޓީއެލަށް ސަބްސިޑީ ދީގެން ދަތުރު ފަތުރުގެ ނިޒާމު ހިންގާ ދެމެހެއްޓުމަކީ އެތައް ގޮތަކުން ރައްޔިތުންނަށާއި ސަރުކާރަށް އެންމެ ފައިދާ ހުރި އެއްކަމެވެ. ކޮންމެ އަތޮޅެއްގައި ޓަރޝަރީ ހޮސްޕިޓަލް ނާޅާ ދަތުރު ފަތުރުން ގުޅުމުން ރައްޔިތުންނަށް ޓަރޝަރީ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދެވޭނެއެވެ. ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ރަށުގައި ތިބެ މަތީތައުލީމަށް ކިޔަވަން ދެވޭނެއެވެ. އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ މީހާއަށް ރަށަށް ނިދަން އާދެވޭނެއެވެ. އިގުތިސާދީ ހަރަކާތްތައް ހުރިހާ ދިމާލެއްގައި ފެށި ގުޅުންތައް ބަދަހިވެ އެންމެން ރަށު ބަންދުން ވީއްލޭނެ ނިޒާމަކީ އާރޓީއެލްއެވެ. އާރުޓީއެލުން މުޅިރާއްޖެ ގުޅާލާ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ހިދުމަތް މި ސަރުކާރުން ދިނުމަކީ ރައްޔިތުން އުފަލުން ފޮޅުނު ކަމެކެވެ. ހެޔޮވެރިކަމެއް ކުރެވޭ ކަމުގެ އިހުސާސް ރައްޔިތުން ކުރާނީ ރަށު ބަންދުން ވީއްލިގެންނެވެ.