މުއިއްޒަށް: ޔާމީނަށް ވެރިކަން ދެވޭނެ ގޮތެއްގެ ވާހަކަ ދައްކަވާ
މުއިއްޒު ތަރއްގީގެ ވާހަކަ ނުދައްކަވާ
ޑރ. މުއިއްޒަކީ މީން ޒަމާނަކު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން އުޅުއްވި ބޭފުޅެއް ނޫންކަން މުއިއްޒުގެ ވާހަކަފުޅު ތަކުން ވަރަށް ބޮޑަށް އެނގިގެން ހިގައްޖެއެވެ. ރާއްޖޭގެ ދުވަހު ނޫހަކަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވަނީ ގިނަ ރަށްރަށަށް މި ސަރުކާރުން އަޅާ ނުލާ މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ. ރަށްރަށުގައި މަގު ނުހެދުމާއި ބަނދަރު ނުހެދުމާއި ސާފުބޯފެން ނުލިބުން ފަދަ ކަންބޮޑުވުންތައް މުއިއްޒަށް ފެނިވަޑައިގެން ކަމަށް ވިދާޅުވުމުން މުއިއްޒު ލޮލުގެ ޑޮކްޓަރަކަށް ނުދައްކަވާތާ ކިހާ ދުވަހެއް ވެއްޖެތޯ ސުވާލު އުފެދެއެވެ.
ފުކެއް ބޮޑުވަރެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިހެން ރައީސް ސޯލިހު ސަރުކާރުން ބަނދަރު ހަދާ ނަރުދަމައަޅާ ސާފުފެން ފޯރުކޮށްދީ ނިމެމުންދާތަން މުއިއްޒަކަށް ފެނިވަޑައެއް ނުގަތެވެ. އެތައް ސަތޭކަ ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލުތައް އަޅާ ނިމިފައިވާތަނެއް މުއިއްޒަކަށް ފެނިވަޑައެއް ނުގަނެއެވެ. ކެންޕެއިންގައި ރަށްރަށަށް ވަޑައިގަތުމުން އެ ތަންތަނާ ހަމަޔަށް އެއްވެސް ރަށަކުން ވަޑައި ނުގެންނެވެނީ ކަމަށް ވެދާނެއެވެ. ރަށްރަށުގައި އަލަށް ބިނާކުރި ޒަމާނީ އިންޖީނުގެ ތަކާއި ކަރަންޓްގެ ވިއުގަ ދެކިވަޑައި ނުގަންނަވަނީ ކަންގައިމެވެ.
ނަރުދަމާއާއި އާއި ފެނާ ކަރަންޓް ވިއުގައަކީ ބިމުއަޑީގައި އޮންނަ ވިއުގައަކަށް ވާތީ ނެތް އެއްޗެއްކަމަށް ބެއްލެވީވެސް ކަންނޭގެއެވެ. ގައިމު ރަށްރަށަށް ފައިބާ ވަޑައިގެން ބަނދަރުތައް ކަނު ނޫނީ ވިއްޔާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ބަނދަރު ނުހެދުމާ ސާފުފެން ނުލިބުމުގެ ކަންބޮޑުވުން ހުރެގެން އުޅޭ ރަށެއް ހާލަކުން ވެސް މިހާރަކު ރާއްޖެއަކު ނެތެވެ. އެކަމަކު އެކަމެއް މުއިއްޒަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
ރައީސް ކަން ހޯއްދަވަން ނިކުންނަވާ ކެންޕެއިން ކުރައްވާއިރު ހުރިކަމެއް ނެތްކަމަކަށް ހައްދަވައިގެން ވާހަކަފުޅު ދެއްކެވިޔަސް ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް އެކަންކަމެއް ނުއޮޅޭނެއެވެ. ގިނަ ރަށްރަށުގައި ޕީޕީއެމްގެ ވަސް ފިލާ ނެތިދާތީ ތިބި މަދު މީސްކޮޅު ބޮނދަ ބޮނދައިގެން ގެންގޮސް ޖަގަހައަށް ވެއްދީމާ ގިނަ ރަށްރަށުގެ ހާލަތެއް މުއިއްޒަށް އެނގި ވަޑައި ނުގަންނަވަނީ ކަމަށް ވެދާނެއެވެ. ހަމަ އެކަނި މުއިއްޒަށް އިވި ވަޑައިގަންނަވާނީ ސަރުކާރުދެކެ ރުޅިއަރާފައިހުރި އެރަށެއްގައި ހުންނަ ޕީޕީއެމްގެ އެކްޓިވިސްޓުން ބުނާ އެއްޗެކެވެ. ރަށްރަށުގެ އައްމު ހާލަތެއް ފެނިވަޑައެއް ނުގަންނަވާނެއެވެ.
ލޯހުޅުއްވައިގެން ރަށްރަށުގެ ހަގީގީ ހާލަތަށް ބެއްލެވިނަމަ ބަނދަރާ ނަރުދަމާއާއި ފެނާ ކަރަންޓްގެ ވާހަކައެއް ނުދައްކަވާނެއެވެ. މަގާއި ވޮލީކޯޓައި ބޯޅަދަނޑާ ފުޓްސަލް ދަނޑުގެ ވާހަކައެއް ސިއްހީ ހިދުމަތާ ސްކޫލުގެ ވާހަކައެއް އެ މޭރުމަކުން ނުދައްކަވާނެއެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާ ރައީސް ސޯލިހު ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގަވާ މަޝްރޫއުތައް ފެނިވަޑައިގެން ދެމިޔަކަނުން ސޮނިވެއްޓި އާސޯހުވެ ވަޑައިގެން ދެއްކެވޭ ނުދެއްކެވޭ ވާހަކަ މުއިއްޒަށް އެނގިވަޑައި ނުގަންނަވަނީވެސް ތޯއްޗެކެވެ.
ދަންނަވަންތޯއެވެ. ރަށްރަށުގެ ތަރައްގީގެ ވާހަކަ މުއިއްޒު ނުދައްކަވާ ތިޔަ ކުރައްވާ ކެންޕޭނުގައި ރައީސް ޔާމީނު މިނިވަން ކުރުމަށް ކުރެއްވޭނެ ކަމެއްގެ ވާހަކަ ދައްކަވާށެވެ. ރައީސް ޔާމީނު ދޫކޮށްލެއްވުމަށް ފަހު އެ މަނިކުފާނަށް ރާއްޖޭގެ ވެރިކަން ހަވާލުކުރެއްވުމަށް ގެންގުޅުއްވާ ޕްލޭންގެ ވާހަކަ ދައްކަވާށެވެ. ރައިސް ޔާމީނުގެ ސަޕޯޓަރުންގެ ވޯޓު ގަނޑުކޮށް ލިބި ވަޑައިގަންނަވާނީ އޭރުންނެވެ. ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީނަށް ހުސް ގޮނޑިއެއް ބަހައްޓާ ރައީސް ޔާމީނުގެ ފޮޓޯފުޅެއް ކެންޕެއިން ޕޯސްޓަރުގައި ޖެއްސަކަސް އަދި ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ވޯޓެއް ނުލިބެއެވެ.